ޕެރިސް (ނޮވެމްބަރު 30) - ފްރާންސް ފުޓްބޯލް އިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް، ޕީއެސްޖީ އަށް ކުޅޭ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ހޯދައިފި އެވެ.
މިއީ މި އެވޯޑް މެސީ އަށް ލިބުނު ހަތް ވަނަ ފަހަރެވެ. އެންމެ ގިނައިން ބެލޮންޑިއޯ ހޯދުމުގެ ރެކޯޑް އޮތީ މެސީ އަތުގަ އެވެ. މެސީ، ބެލޮންޑިއޯ އެވޯޑް ހާސިލްކުރި އަހަރުތަަކަކީ 2009، 2010، 2011، 2012، 2015، 2019 އަދި 2021 އެވެ.
މެސީއާ އެންމެ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ ދިޔައީ ހަ ވަނަ އެވެ. މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ރޮނާލްޑޯ ފަސް ފަހަރު ބެލޮންޑިއޯ އެވޯޑް ކާމިޔާބުކުރި އެވެ.
މި ފަހަރުގެ ބެލޮންޑިއޯގެ ގަދަ 10 އަކަށް ބަލާއިރު، ދެ ވަނަ އަށް ދިޔައީ އެންމެ މޮޅު ފޯވާޑްގެ ޓްރޮފީ ހޯދި ބަޔާން މިއުނިކްގެ ޕޮލެންޑް ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އެވެ. މެސީ އަށް 613 ޕޮއިންޓް ލިބުނުއިރު، ލެވަންޑޯސްކީ އަށް ލިބުނީ 580 ޕޮއިންޓެވެ. ތިން ވަނަ ހޯދީ ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޗެލްސީގެ އިޓަލީ މިޑްފީލްޑަރު ޖޯޖީނިއޯ އެވެ. ޖޯޖީނިއޯ އަށް 460 ޕޮއިންޓް ލިބުނެވެ.
ހަތަރެއްގައި އޮތީ ރެއާލް މެޑްރިޑްގެ ފްރާންސް ފޯވާޑް ކަރިމް ބެންޒެމާ އެވެ. އޭނާ އަށް 239 ޕޮއިންޓް ލިބުނެވެ. ފަހެއްގައި ޗެލްސީގެ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކާންޓޭ، 186 ޕޮއިންޓާ އެކު ހިމެނުނުއިރު، ހައެއްގައި އޮތީ ރޮނާލްޑޯ އެވެ. ރޮނާލްޑޯ އަށް ލިބުނީ 178 ޕޮއިންޓެވެ.
ހަތެއްގައި 121 ޕޮއިންޓާ އެކު ލިވަޕޫލްގެ މިސްރު ފޯވާޑް މުހައްމަދު ސަލާހު ހިމެނުނުއިރު، އަށް ވަނައިގައި އޮތީ މެންޗެސްޓާ ސިޓީގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑިބްރޭނާ އެވެ. ޑިބްރޭނާ އަށް ވަނީ 73 ޕޮއިންޓް ލިބިފަ އެވެ. ނުވަ ވަނައިގައި އޮތީ 58 ޕޮއިންޓް ލިބުނު ޕީއެސްޖީގެ ފްރާންސް ތަރި ކީލިއަން އެމްބާޕޭ އެވެ. އަދި 10 ވަނައިގައި ހިމެނުނީ އެންމެ މޮޅު ގޯލްކީޕަރަށް ދޭ ޔާސީން ޓްރޮފީ ހާސިލްކުރި ޕީއެސްޖީގެ އިޓަލީ ގޯލްކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ އެވެ. ޑޮންނަރުންމާ އަށް 36 ޕޮއިންޓް ލިބުނެވެ.

ބާސެލޯނާގެ އަލެކްސިއާ ޕުޓޭޔާސް: އެންމެ މޮޅު އަންހެން ކުޅުންތެރިޔާ އަށްދޭ ބެލޮންޑިއޯ ފެމިނިން ޓްރޮފީ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ
މެސީ އަށް ބެލޮންޑިއޯ ލިބުނު އެންމެ ބޮޑު ސަބަބަކީ މި އަހަރު ބޭއްވި ކޮޕަ އެމެރިކާގައި އޭނާ ދެއްކި އާދަޔާހިލާފު ކުޅުމެވެ. އެ މުބާރާުތުގެ ޗެމްޕިއަންކަން އާޖެންޓީނާ އަށް ހޯދައިދޭންް އެހީތެރިވި މެސީ އަށް އެ މުބާރާތުގައި އޭނާ ވާދަކުރި ހުރިހާ އިންޑިވިޖުއަލް ޓްރޮފީތަކެއް ވަނީ ލިބިފަ އެވެ.
އެންމެ މޮޅު އަންހެން ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ ފެމިނިން ޓްރޮފީ ހާސިލްކުރީ ބާސެލޯނާގެ ތަރި އަލެކްސިއާ ޕުޓޭޔާސް އެވެ. މިދިޔަ ސީޒަނުގައި ބާސެލޯނާ އަށް ތަފާތު މޮޅު ކުޅުމެއް ދެއްކި ޕުޓޭޔާސް އަކީ އެ ޓީމުގެ ކެޕްޓަނެވެ.
އެންމެ މޮޅު ޒުވާން ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ކޮޕާ ޓްރޮފީ ހާސިލްކުރީ ދާދި ފަހުން ގޯލްޑަން ބޯއީގެ އެވޯޑް ލިބުނު ބާސެލޯނާގެ ޒުވާން މިޑްފީލްޑަރު ޕެޑްރީ ގޮންޒާލޭޒް އަށެވެ. ޕެޑްރީ ވަނީ ބާސެލޯނާ އަށް ރެކޯޑް އަދަދަކަށް މިދިޔަ ސީޒަނުގައި މެޗު ކުޅެދީ، ސްޕެއިން ގައުމީ ޓީމަށް ޔޫރޯ އަދި އޮލިމްޕިކްސްގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ބެލޮންޑިއޯ އިން އެންމެ މޮޅު ކްލަބަށް ދޭ އެވޯޑް ހާސިލްކުރީ ޗެލްސީންނެވެ. އެއީ އެންމެ ގިނައިން އެވޯޑްތަކަށް ނޮމިނޭޓްވެފައިވަނީ ޗެލްސީ ކުޅުންތެރިން ކަމަށްވާތީ އެވެ. މިރޭގެ ހަފްލާ އަށް ޕެރިހަށް ޗެލްސީ ކުޅުންތެރިންނަށް ނުދެވުނީ ކޮވިޑް-19 ފެތުރޭތީ ޔޫރަޕްގެ ގައުމުތަކަށް ނެރުނު ދަތުރުފަތުރުކުރުމުގައި ސަމާލުވާން ކަނޑައެޅި ގައިޑްލައިންތަކުގެ ސަަބަބުންނެވެ.
ފުޓްބޯޅައިގެ އެންމެ ދުވަސްވީ އަދި ޝަރަފްވެރި އެއް އެވޯޑް ކަމަށްވާ ބެލޮންޑިއޯ އަކީ 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑް 1995 ވަނަ އަހަރާ ހަމަޔަށް ދިނީ ހަމައެކަނި ޔޫރަޕް ކުޅުންތެރިންނަށެވެ. އެކަމަކު، އޭގެ ފަހުން ވަނީ ޔޫރަޕުގެ ކްލަބަކަށް ކުޅޭ ދުނިޔޭގެ ކޮންމެ ކުޅުންތެރިޔަކަށް ވެސް ލިބޭ ގޮތަށް ބަދަލުކޮށްފަ އެވެ. އަދި ފަހުން 2007 ގައި ވަނީ ދުނިޔޭގެ ކޮންމެ ގައުމެއްގައި ކުޅޭ ޕްރޮފެޝަނަލް ކުޅުންތެރިންނަށް ވެސް ހުޅުވާލައިފަ އެވެ.
ބެލޮންޑިއޯ އެވޯޑް 2010-2015 އަށް ދިނީ ފީފާ އެވޯޑާ އެއްކޮށްލައިގެން ފީފާ ބެލޮންޑިއޯގެ ގޮތުގަ އެވެ. ކޮވިޑް-19 ގެ ސަބަބުން މިދިޔަ އަހަރު ބެލޮންޑިއޯ ހަފްލާ ނުބާއްވަ އެވެ. މިއީ ފްރާންސް ފުޓްބޯލް އިން އެކްރެޑިޓްކުރާ ނޫސްވެރިންނާއި ފުޓްބޯޅަ ކޯޗުން ވޯޓު ދީގެން ހޮވާ އެންމެ މޮޅު ކުޅުންތެރިއަކަށް ދޭ އެވޯޑެކެވެ.
ފީފާ ބެސްޓް އެވޯޑް ހަފްލާ ބާއްވަން ނިންމާފައިވަނީ އަންނަ އަހަރު ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު އެވެ.












