އަނގަ ގަދަ މިތުރަކަށްވުން ބުއްދިވެރިއެއް ނޫން

އަނގަ ގަދަ މިތުރަކަށްވުން ބުއްދިވެރިއެއް ނޫން

ބަސް މޮށެ އުޅެވުމަކީ ހާސް ނިއުމަތެވެ. ދުލުން ބޭރުކޮށްލާ ބަސްތައް ތަރުތީބުކޮށް، އަތުރާލާ ގޮތަކީ މުޅި ދިރިއުޅުމުގެ ކާމިޔާބީ އޭގެ މައްޗަށް ބަރޯސާވާ ކަމެކެވެ. މީހުންގެ ރުހުމާއި ލޯބި ހޯދޭނޭ ވަސީލަތެކެވެ. ވަރަށް ގިނަ މައްސަލަތަކުގެ ހައްލެއްގެ ގޮތުގައި ކަމުގެ މާހިރުން ހުށަހަޅާ ފަރުވާއަކީވެސް ވާހަކަ ދެއްކުމެވެ. އެހެން ނަމަވެސް، ކޮންމެ ކަމެއްގައި ވެސް އިމެއް އޮންނާނެ އެވެ. ވާހަކަ ގިނަ ކުރުމަކީ ބައެއް ފަހަރު ގޯހަކަށް ވާ ފަދައިން ބަސް މަދުކުރުމަކީ ވެސް ބައެއް ހާލާތުތަކުގައި ގޯހަކަށް ވެދެ އެވެ.

އެހެންވީމާ، ވާހަކަ ތިޔަ ދެއްކެނީ އެކަށީގެންވާ ވަރަށްތޯ ދެނެގަނެވޭނީ ކިހިނެއް ހެއްޔެވެ. ވާހަކަ ދެއްކެނީ މާގިނައިންތޯ ދެނެގަތުމުގައި ވިސްނާލުން ރަނގަޅު ކަންތައްތަކުގެ ތެރޭގައި ރައްޓެހިންނާ އެކު ވަގުތު ހޭދަ ކުރާއިރު އެހެން އެއްވެސް މީހަކަށް ވުރެ ގިނައިން ތިމާއަށް ވާހަކަ ދެއްކޭތޯ ވިސްނާލުން ރަނގަޅެވެ. މީހުންނާ ވާހަކަ ދައްކާއިރު އެހެން މީހުންނަށް ފުރުސަތު ނުލިބޭ ވަރަށް ގިނައިން ވާހަކަ ދެއްކުމަކީވެސް މާގިނައިން ވަހަކަ ދެއްކޭ ކަމުގެ އަލާމާތެކެވެ. ވާހަކަ ގިނަކުރުން ރަނގަޅު ނޫން ހާލަތްތަކުގައި ވާހަކަ ނުދައްކާ ހުންނަން އުނދަގޫވުމަކީ ވެސް މާގިނައިން ވާހަކަ ދައްކަން އާދަވެފައި ވާ މީހަކަށް ދިމާވެދާނެ ކަމެކެވެ.

އާއިލާ ނުވަތަ ރައްޓެހިން ތެރޭގައި އަނގަ ގަދަ މީހެއްގެ ގޮތުގައި ލޭބަލްވެފައި ވާނަމަ އޭގައި ހަގީގަތެއް އޮތްތޯ ނެތްތޯ ވިސްނާލުން ރަނގަޅެވެ. ފަހަރެއްގައި އެއީ ތެދު ވާހަކައަކަށް ވެދާނެ އެވެ. ނަމަވެސް ތިބާގެ ވާހަކަ އަޑުއަހަން ބޭނުންނުވާ މީހަކު ނުވަތަ ތިބާގެ ވާހަކަ އެހެން މީހުންނަށް އިވެން ނޭދޭ މީހެއްގެ ހިތުގައި އޮންނަ ހަސަދަވެރިކަމެއްގެ ސަބަބުންވެސް އަނގަގަދަ މީހެކޭ ތިބާއާ ދިމާއަށް ބުނެފާނެ ކަން ހަނދާން ބަހައްޓަން ޖެހޭނެ އެވެ.

Advertisement

ވާހަކަ ދައްކާ މިންވަރު އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުމަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި އަޑުއަހާ މީހުން ތިބާގެ ވާހަކައަށް ޝައުގުވެރިވޭތޯ ބަލާލުން ހިމެނެ އެވެ. ވާހަކަ އަޑުއަހާ މީހާ ތަންތަން ބަލާ ހޯދުން ނުވަތަ ފޯނަށް ބެލުމަކީ ވާހަކަ ކުރުކޮށްލަންވީ ކަމުގެ ނިޝާނަކަށް ވެދާނެ އެވެ. މީހަކު ސުވާލެއް ކޮށްލުމުން އެންމެ ފުރަތަމަވެސް އާދަމްގެފާނާ ހަމައިން ވާހަކަ ފެށުމުގެ ބަދަލުގައި ކުރުކޮށް ފޮނިކޮށް ބުނެލާ، އަޑުއަހާ މީހާގެ ޝައުގުވެރިކަން ހުރިތޯ ބަލާލުން ރަނގަޅެވެ. އަޑުއަހާ މީހާ ވާހަކައިގައި ބައިވެރިވެ ޝައުގުވެރިކަން ފާޅުކުރަމުން ދާ ވަރަކަށް، އިތުރު ތަފްސީލު ދީ، ވާހަކަ ދިގުކުރެވިދާނެ އެވެ.

އެކަށީގެންވާ މިންވަރަކަށް ބަސް މަދުކޮށްލުމަކީ ވެސް މުހިންމު ކަމެކެވެ. ބަސްމަދު ކޮށްލުމަކީ އެހެން މީހުންގެ ވާހަކަ އަޑުއެހުމަށް ލިބޭ ފުރުސަތެކެވެ. އެހެން މީހުންގެ ވާހަކަ އަޑުއެހުމަކީ ވާހަކަ ދައްކާ މީހާގެ ހިތް ތިބާގެ މައްޗައް ލެނބޭނެ ކަމެކެވެ. އެހެން މީހަކާ ދައްކާލާ ވާހަކައެއް ހިއްސާކޮއްލުމުން ތިބާއަށް ލިބޭ ހިތްހަމަ ޖެހުމާއި އުފާ އެހެން މީހުންނަށް ވެސް ތިބާގެ ފަރާތުން ލިބޭނަމަ ގުޅުން ބަދަހިވާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. ޑޭލް ކާރނެގީ އޭނާގެ ފޮތް "ހައު ޓު ވިން ފްރެންޑްސް އެންޑް އިންފުލުއެންސް ޕީޕަލް" ގައި ބުނެފައި ވެއެވެ. "މީހަކާ ވާހަކަ ދައްކާއިރު ވާހަކަ ދެކެވޭ މީހާއާ ބެހޭ ގޮތުން ވާހަކަ ދައްކާނަމަ އެތައް ގަޑި އިރެއް ވާންދެން އެމީހަކު އެވާހަކަ އަޑު އަހާނެ އެވެ."

ވާހަކަ ދެއްކުން މަދުކޮށްލުމުން އިވޭނީ އެހެން މީހުންގެ ވާހަކަ އެކަންޏެއް ނޫނެވެ. ވާހަކަ ދައްކާ މީހާގެ މޫނާ ލޮލާ އެހެނިހެން ހަރަކާތް ހުންނަ ގޮތުން އެތައް ބައިވަރު އެއްޗެއް ބުނެދޭނެ އެވެ. އެކަމުން ކިތަންމެ އެއްޗެއް ދެނެގަނެވޭނެ އެވެ. މިއީ ވާހަކަ ދައްކާ މީހާގެ އިހުސާސްތައް މާ ފުރިހަމައަށް ނަގައި ގަނެވުމުގެ އިތުރުން ދޮގުހަދާ މީހުން ދެނެގަންނަން ލިބޭ އެހީއަކަށް ވާނެ އެވެ. ބަސްމަދުކޮށްލައި ކަނުލާ އަޑުއެހުމަކީ ދޮގުހަދާ މީހުންނާއި ފޮރުވިފައިވާ އެޖެންޑާއެއް ގެންގުޅޭ މީހުންނަށް ކުރިމަތިވާނެ ހުރަހެކެވެ.

އެންމެ އާދައިގެ މީހާއަށް ވެސް ދިރިއުޅުމުގެ އެކި ދާއިރާ ތަކުގައި ވާދަވެރިންނާ ދިމާވާނެ އެވެ. އެކަށީގެންވާވަރަށް ވުރެ ވާހަކަ ގިނަ ނަމަ އެއީ ވާދަވެރިންނަށް ދެވޭ އެހީ އެކެވެ. މާގިނައިން ވާހަކަ ދައްކާ ނަމަ ސިއްރުކޮށްލުން ރަނގަޅު ކަންކަން ހާމަ ކުރެވުމަކީ ދިމާވެދާނެ ކަމެވެ. ވާހަކައެއް ހިއްސާކުރުމަށް ފަހު އޭގެ ފަހުން މޮޔަހީވި ނަމަވެސް ބުނެވިފައި އޮތް އެއްޗެއް ނުބުނާ ކަމަކަށް ނުހެދޭނެ އެވެ. ބަސްމަދުކޮށްލުމަކީ މިފަދަ ކަންކަން ދިމާވުން ދުރުކޮށްދޭނެ ކަމެކެވެ.

ބައެއް ހާލަތްތަކުގައި ވާހަކަ މަދުކޮށްލާފައި އަޑުއެހުމުގެ ބައި ކުރިޔަށް ނެރުން، ވާހަކަ ދެއްކުމަށް ވުރެ މާބޮޑަށް ވެސް ރަނގަޅެވެ. ގާތް ރަހުމަތްތެރިޔަކު ހިތުގެ އުދާސްތައް ބަނޑުންކޮށްލާ ގަޑީގައި، ވާހަކަ ގިނަކޮށް މައްސަލައަށް އެކި ހައްލު ދިނުމުގެ ކުރިން ވާހަކަ އަޑުއެހުން ރަނގަޅެވެ. ރަހުމަތްތެރިޔާ ބޭނުންވަނީ ހަމައެކަނި ވާހަކަ އަޑުއަހާ އަންޑަސްޓޭންޑިން މީހަކަށް ތިބާވުން ކަމުގައި ވެދާނެ އެވެ. ހައްލު ކަމަށް ތިބާއަށް ފެންނަގޮތް ހިއްސާކުރަން ބޭނުން ނަމަ ވާހަކަ އަޑުއެހުމަށް ފަހު ހައްލު ބޭނުންތޯ އަހާލުން ރަނގަޅެވެ. މީހުން ހިއްސާކުރަން ބޭނުން ނުވާ ވާހަކަތައް ކޮނުމަކީވެސް އާންމު ދިރިއުޅުމުގައި ރަނގަޅު ގޮތެއް ނޫނެވެ. މީހަކު ވާހަކަ ކުރުކޮށްލަން ބޭނުންވުމުން އަނގަބަހުން ސީދާ ދިމާއަށް އެހެން ނުބުނެފާނެ އެވެ. ނަމަވެސް އަޑުއަހާ މީހާ ސަމާލުކަން ދީގެން އިންނަ ނަމަ އެހެން ނުބުނި ނަމަވެސް އެކަން އެނގޭނެ އެވެ.

މީހަކު ދޮގުހަދާކަމަށް ޝައްކުވާ ނަމަ ވާހަކަ މަދުކޮށްލައި ކަނުލައި އަޑުއެހުން ރަނގަޅެވެ. މީހަކު ބުނީ ދޮގެއްކަން އެނގުނު ނަމަވެސް ވަގުތުން އެއީ ދޮގެއް ސާބިތުކޮށްދޭން ދަލީލު ދެއްކުމުގެ ބަދަލުގައި ވާހަކަ މަދުކޮށްލާ ސުވާލުކުރަމުން ގެންދާނަމަ ދޮގުހަދާ މީހަކަށް ދޮގު މައްޗަށް ދޮގު ހަދަން ޖެހޭތަން އަންނާނެ އެވެ. ނަތީޖާއަކަށް ވާނީ ދޮގުހަދާ މީހާއަށް އަރައިނުގަނެވޭ ވަރު ފުންވަޅުގަނޑެއް އަމިއްލައަށް ކޮނެވި ދޮގުހަދާ މީހާ އަމިއްލައަށް އެ ވަޅުގަނޑަށް ވެއްޓި ތާށިވުމެވެ.

ވާހަކަ ގިނަ މީހުންނަކީ ގިނަ ފަހަރަށް މީހުންނާ ބަހުސްކޮށް ކުރިހޯދާ ހިތްވާ ބަޔެކެވެ. ތިމާއަށް މާބޮޑު ފައިދާއެއް ވެސް ގެއްލުމެއް ވެސް ނެތް ކަމެއްގައި މީހަކާ އަރާރުންވެ މޮޅުވުމަކީ އަސްލު މޮޅުވުންތޯ ވިސްނާލުން ރަނގަޅެވެ. ފައިދާއެއް ނެތް ކަމެއްގައި މީހަކާ އަރާރުންވެ މޮޅުވުމަކީ ތިމާގެ އަމިއްލަ ނަޒަރުގައި ތިމާއާ މެދު ދެކޭ ގޮތް ނުވަތަ އީގޯ މައްޗަށް ގޮސް މީހާއަށް ހިތްހަމަ ޖެހުން ލިބިދާނެ ކަމެކެވެ. ނަމަވެސް ޒުވާބުން ދެރަވި މީހާ ދަށްކޮށްލުމަކީ އެންމެ ރަނގަޅު ގޮތްތޯ ވިސްނާލުން ރަނގަޅެވެ. ހާއްސަކޮށް، އެހެން މީހުން ތިބިތަނެއްގައި ނުވަތަ ތިމާއަށް ވުރެ ދުވަސްވީ އިހުތިރާމު ލިބިގެންވާ މުހިންމު މީހަކާ ދޭތެރޭ މިގޮތަށް ކަންކުރުމަކީ ރަނގަޅު ކަމެއްތޯ ވިސްނާލުން ރަނގަޅެވެ. ތިމާއަށް ވަރަށް މުހިންމު މައްސަލައެއްގައި ނުވަތަ ހާއްސަ ހާލަތެއް މެދުވެރިގެން މެނުވީ މިއީ ކަންކުރުން ރަނގަޅު ގޮތެއް ނޫނެވެ. ޒުވާބުން މޮޅުވާ އިރު މީހުންގެ ހިތް ނުބައިވެ ތިމާގެ އަގުވެއްޓުމަކީ ކާމިޔާބަކަށް ވުރެ ބޮޑަށް ނާކާމިޔާބީއަކަށް ވެދާނެ އެވެ.

ޑޭލް ކާނެގީ އޭނާގެ ފޮތް "ހައު ޓު ވިން ފްރެންޑްސް އެންޑް އިންފުލުއެންސް ޕީޕަލް" ގައި ބުނެފައި ވަނީ "ތިބާއަށް ޒުވާބަކުން މޮޅެއް ނުވެވޭނެ އެވެ. މީހަކާ ޒުވާބުކޮށްގެން ބަލިވުމަކީ ބަލި ވުމެކެވެ. މީހަކާ ޒުވާބުކޮށްގެން މޮޅުވުމަކީވެސް ބަލިވުމެކެވެ."

އެކަށީގެންވާ ވަރަށް ވުރެ މަދުން ވާހަކަ ދެއްކުމަކީ ވެސް ގޯހެކެވެ. ވާހަކަ ދެއްކުން މާ ބޮޑަށް މަދުވެ ތިބާއީ އެއްވެސް ކަމެއްގައި އަގުހުރި ހިޔާލެއް ފޯރުކޮށް ނުދެވޭ ނުވަތަ ދައްކާނެ އަގުހުރި ވާހަކައެއް ނެތް މީހެއް ގޮތުގައި މީހުންނަށް ފެނުމަކީވެސް އެންމެ ރަނގަޅު ގޮތެއް ނޫނެވެ. މީހަކާ ދޭތެރޭ އޮންނަ ބީރައްޓެހިކަން ކަނޑުވާލެވޭނެ ގޮތަކީވެސް އެމީހަކާ ވާހަކަ ދައްކާ އެކުވެރިވުމެވެ. ރަހުމަތްތެރިންނާއި އޮންނަ ގުޅުން ރަނގަޅުވުމާއި ދިރިއުޅުމަށް ކުރާ މަސައްކަތުގައި ކާމިޔާބު މީހަކަށް ވުމަށްޓަކާވެސް ވާހަކަ ދެއްކުމަކީ މުހިންމު ހުނަރެކެވެ. އެންމެ މުހިންމު ކަމަކީ ވާހަކަ ގިނަކުރުމާއި މަދުކުރުމުގައި ރަނގަޅު ބެލެންސެއް ގެންގުޅުމެވެ.

ވާހަކަ މަދު ކުރުމުގެ މާނަ އަކީ ކަމަކާ މެދު ހިތްހަމަ ނުޖެހި ނުތަނަވަސް ވެފައި ވީނަމަވެސް މީހަކާ އެކަން ހިއްސާ ކުރުމުގެ ބަދަލުގައި ހިތުގެ އުދާސްތަކާއި އިހުސާސްތައް ހިތުގައި ފޮރުވައިގެން ހުރުމެއް ނޫނެވެ. މިފަދަ ކަމެއް އާދަޔަކަށް ހެދުމަކީ ވަރަށް ގެއްލުން ހުރި ކަމެކެވެ. 2013 ވަނަ އަހަރު ކުރެވުނު ދިރާސާއަކާ ހަވާލާދީ ހެލްތުލައިން ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި ހިތްހަމަނުޖެހުމާއި ނުތަނަވަސްކަން ސިއްރުކޮށް އިހުސާސްތައް ހިފަހައްޓައިގެން ހުރުމަކީ އުމުރު ކުރުވުމަށް މަގުފަހި ކުރުވާ ކަމެކެވެ. މީގެ އިތުރުން މިއީ ޑިޕްރެޝަނާއި އެކަނިވެރިކަމަށް މަގުފަހިކުރުވާ އަދި ކައިވެނީގެ ގުޅުމަށް ނޭދެވޭ އަސަރު ކުރުވާ ކަމެއް ކަމަށް ހެލްތުލައިން ވެބްސައިޓްގައި ބުނެފައި ވެއެވެ. ހަޔާތުގެ ބައިވެރިޔާއާއި ދަރިންނާއި ވާހަކަ ދެއްކުމާއި ކަންކަން ހިއްސާކުރުމާއި، އެމީހުންނަށް ވެސް ކަންކަން ހިއްސާ ކުރެވޭ މީހަކު ކަމުގައި ތިމާ ވުމަކީ ކޮންމެހެން ކުރަން ޖެހޭ ވަރަށް އަސާސީ ކަމެކެވެ.

ވާހަކަ ދެއްކުން އެންމެ ރަނގަޅީ ގިނައިން ނުވަތަ މަދުންނެއްވެސް ނޫނެވެ. ވާހަކަ ދެއްކުން ރަނގަޅީ އެކަށީގެންވާ މިންވަރަށެވެ. އެހެން ގޮތަކަށް ބުނާނަމަ މާ މަދުން ވާހަކަ ދެއްކުމާއި ގިނައިން ވާހަކަ ދެއްކުމާ ދެމެދުގައި ބެލެންސެއް ގެންގުޅެން ޖެހެއެވެ. އަނގަ ގަދަ ކަމުން ގޮސް އަމިއްލަ ނަފްސަށާއި އެހެން މީހުންނަށް ގެއްލުމާއި އުނދަގުލަކަށް ނުވާށެވެ. އަދި ބަސްމަދު ކަމުން ގޮސް އަމިއްލަ ތަކުލީފު ބުނެނުދެވޭ ފަދަ މީހަކަށް ވެސް ނުވާށެވެ. ވާހަކަ ދެއްކުމުގައި އިހުތިޔާރު ކުރަންވީ މާ ބޮޑަށް އަނގަ ގަދަވުމާއި، މާބޮޑަށް ބަސްމަދުވުމާއި ދެމެދުގައި ހިމެނޭ ސަރަހައްދުން ބޭރުނުވެ ހުރުމަށެވެ.

ފަހުގެ ޚަބަރު

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

މާލެއިން ވޮޝިންޓަނަށް؛ 'ވިޔާނުދާ' ނޫސްވެރިންގެ އަސަރާއި ނަތީޖާ

އެމެރިކާގެ ރައީސް ޓްރަމްޕް ވަކި ނޫސްވެރިންތަކެއް ވައިޓް ހައުސްއަށް ވަނުން މަނާކުރުމުން، އެކަށީގެންވާ އިޖުރާއާތެއް ނެތި އެފަދަ ނިންމުންތައް ނުނިންމޭނެ ކަމަށް އެ ގައުމުގެ ކޯޓުން ވަނީ ކަނޑައަޅާފައެވެ. ހަމައެފަދައިން، ރާއްޖޭގެ ރައީސް އޮފީހުން ވެސް "އަދަދު" ނޫހުގެ ނޫސްވެރިން ބައްދަލުވުންތަކަށް ވަނުން މަނާކޮށްފައިވަނީ، ރައީސް މުއިއްޒާ ކުރިމަތިކުރި އުނދަގޫ ސުވާލަކާ ގުޅިގެން އެއްވެސް ލިޔުމެއް ނުވަތަ ޖަވާބެއް ދިނުމަކާ ނުލައެވެ.

ދިވެހިރާއްޖޭގައި އޮތީ އިސްލާމީ ޓޫރިޒަމެއް؛ ސަބަބުތައް މިއޮތީ!

ދިވެހި ޓޫރިޒަމް ދާއިރާ އިޝްތިހާރު ކުރަން ތިބި މީހުން އެއީ ލާދީނީ ކާފަރު ޓޫރިޒަމެއްކަމަށް ސިފަކުރަމުންދާނަމަ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ މުސްލިމުންނަށް އެދެވެނީ ކޮން ކަހަލަ މެސެޖެއްހެއްޔެވެ؟ އެމީހުންނަށް އެކަންޏެއް ނޫނެވެ. ދީނީ ހަރުކަށި ވިސްނުމުގެ އަހުލުވެރިންނަށް ވެސް އެދެވެނީ ކޮން ކަހަލަ ދައުވަތެއްހެއްޔެވެ؟

ރަދުން ކޮންޓްރޯލް ކުރެއްވި ސިއްރުވެރި ބޮޓޭނިކަލް ވިޔަފާރި

ތާވައްކާށި ނުވަތަ ކަނޑުކާށީގެ ވިޔަފާރިއަކީ ތާރީޚީގޮތުން ދިވެހި ރަދުންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުން ހިންގި ސިއްރުވެރި މޮނޮޕޮލީއެކެވެ. ސީޝެލްސްގެ ރަށްތަކުން އޮޔާލައިގެން ރާއްޖެއަށް ލައްވާ މި ކާށިތަކަކީ ހަމައެކަނި ރަދުންނަށް ޚާއްޞަ އެއްޗެއްގެ ގޮތުގައި އޭރު އޮތީ ކަނޑައަޅާފައެވެ. މި ކާށީގެ ސައިންޓިފިކް ނަން ރާއްޖެއަށް ނިސްބަތްވަނީ، އެ ދުވަސްވަރު ދިވެހިރާއްޖެ މެދުވެރިކޮށް މި ތަކެތި ދުނިޔޭގެ ބާޒާރަށް ތައާރަފުވެފައިވާތީއެވެ.

Newsletter

Get the latest news delivered straight to your inbox