ލަންޑަން (ނޮވެމްބަރު 28) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑުން ލަނޑު ޖަހާފައިވަނިކޮށް، ކެޕްޓަން ޖޯޖީނިއޯ ވައްދާލި ޕެނަލްޓީން ލީގު އެއް ވަނައިގައި އޮތް ޗެލްސީ ބަލިނުވެ، ސަލާމަތްވެއްޖެ އެވެ.
ޔުނައިޓެޑާއި ޗެލްސީ އެއްވަރުވީ 1-1 އިންނެވެ. މި ނަތީޖާއާ އެކު ޗެލްސީން ޕްރިމިއާ ލީގުގައި ޔުނައިޓެޑް އަތުން މޮޅެއް ނުހޯދައި އަށް މެޗު ވީ އެވެ. އެންމެ ފަހުން ޕްރިމިއާ ލީގުގައި މި ދެ ޓީމު ބައްދަލުކުރި އަށް މެޗުގެ ތެރެއިން ފަސް މެޗު އެއްވަރުވިއިރު، ތިން މެޗުން މޮޅުވީ ޔުނައިޓެޑް އެވެ.
ޗެލްސީ މިރޭގެ މެޗަށް ނުކުތްއިރު، ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ ވަނީ މިރޭ ކުރިން ކުޅުނު މެޗުން 2-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް ޕޮއިންޓުގެ ގޮތުން ޗެލްސީއާ އެއްވަރުކޮށްފަ އެވެ. ޗެލްސީން ޔުނައިޓެޑާ އެއްވަރުކޮށް، އެއް ވަނައިގައި މި ވަނީ ޕޮއިންޓެއްގެ ލީޑެއް ނަގައިފަ އެވެ. ޗެލްސީ އަށް 13 މެޗުން ވަނީ 30 ޕޮއިންޓް ލިބިފަ އެވެ. ސިޓީ އަށް ވަނީ 13 މެޗުން 29 ޕޮއިންޓް ލިބިފަ އެވެ. ތިނަެއްގައި އޮތް ލިވަޕޫލަށް ވަނީ 13 މެޗުން 28 ޕޮއިންޓް ލިބިފަ އެވެ.
ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި މިރޭ ކުޅުނު މެޗު ފަށައިގެން މާގިނައިރެއްނުވެ، އެ ޓީމުގެ ކަލުން ހަޑްސަން-އޮޑޯއި އަށް ގޯލެއް ޖަހަން ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާތެރެއިން ހުސްކޮށް ލިބުނު ބޯޅަ ހަޑްސަން-އޮޑޯއި އަމިއްލަ އަށް ފޮނުވާލި ބޯޅަ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފަ އެވެ. ފުރަަތަމަ ހާފުގައި ޗެލްސީ އަށް ގޯލެއް ޖަހައިދިނުމާ އެންމެ ގާތަށް ޖެހިލީ އެންޓޯނިއޯ ރޫޑިގާ އެވެ. އޭރިއާބޭރުން ރޫޑިގާ ޖެހި ބާރު ޝޮޓް ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ.
ޔުނައިޓެޑްގެ ވަގުތީ ކޯޗުކަމާ ހަވާލުވެ، މައިކަލް ކެރިކް އެ ޓީމު ގޮވައިގެން ފުރަތަމަ ފަހަރަށް ޕްރިމިއާ ލިގުގެ މެޗަކަށް ނުކުތީ ކްރިސްޓިއާނޯ ރޮނާލްޑޯ ބެންޗަށް ލައިގެންނެވެ. ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ހުރީ މިދިޔަ ހަފްތާގައި ވަޓްފޯޑާ އެކު ކުޅުނު މެޗުގައި ހޯދި ރަތް ކާޑުގެ ސަބަބުން މިރޭގެ މެޗަށް ސަސްޕެންޑްވެފަ އެވެ.
މިރޭގެ ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ ޔުނައިޓެޑުން ވަނީ މެޗުގައި ކުރި ފުރަތަމަ ރަނގަޅު އެޓޭކުގައި ގޯލު ޖަހައި ލީޑުނަގައިފަ އެވެ. މަތިން އައި ބޯޅައެއް ކޮންޓްރޯލް ކުރަން ޖޯޖީނިއޯ އުޅުނު ވަގުތު އޭނާ ފައިގައި ޖެހިފައި ދިއުމުން އެ ބޯޅަ ހޯދީ ޖޭޑަން ސަންޗޯ އެވެ. އެ ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ސަންޗޯ ވަނީ ގޯލު ތެރެެއަށް ތިރިތިރިން ބޯޅަ ފޮނުވާލައިފަ އެވެ. މިއީ ޕްރިމިއާ ލީގުގައި ސަންޗޯ ޖެހި ފުރަތަމަ ގޯލެވެ.

ޖޯޖީނިއޯ (ކ) އަތުން ސަންޗޯ (ވ) ބޯޅަ ހޯދަނީ: މި މެޗުގައި ސަންޗޯ ޖެހި ގޯލަކީ ޔުނައިޓެޑާ ގުޅުނު ފަހުން އެ ޓީމަށް ކާމިޔާބު ކޮށްދިން ދެ ވަނަ ގޯލު.
ނަތީޖާ ހަމަހަމަކުރަން ޗެލްސީން ކުރިއަށް ޖެހިގެން ކުޅެމުން ދިޔައިރު، އެ ޓީމަށް އެކަން ހާސިލްވީ މެޗުގެ 69 ވަނަ މިނިޓްގަ އެވެ. ޕެނަލްޓީ އަކުން މި ގޯލު ޖެހީ ޖޯޖީނިއޯ އެވެ. މިއީ އޭރިއާތެރެއިން ޗެލްސީގެ ތިއާގޯ ސިލްވާ އަށް ޔުނައިޓެޑްގެ އާރޮން ވަން ބިސާކާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. ޔުނައިޓެޑްގެ ކީޕަރު ޑެހެއާ އަށް މިސްރާބު އޮޅުވާލައި ޖޯޖީނިއޯ ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ.
ދެ ވަނަ ހާފުގައި ބަދަލެއްގެ ގޮތުގައި ރޮނާލްޑޯ ކުޅެން އެރި ނަމަވެސް ތަފާތެއް ނުދެއްކުނެވެ. ޗެލްސީ މޮޅުކޮށްދޭން ޓިމޯ ވާނާ އާއި ރޫޑިގާ ފޮނުވާލި ބޯޅަތައް ގޯލަކަށް ހަދައިނުލެވި މެޗު ނިމުނީ އެއްވަރުވެގެންނެވެ.
މިރޭގެ މެޗުން ލިބުނު ޕޮއިންޓާ އެކު ޔުނައިޓެޑް އޮތީ ލީގުގެ އަށް ވަނައިގަ އެވެ. އެއީ 13 މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ.
އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ވެސްޓް ހޭމް ކޮޅަށް ސިޓީގެ ގޯލުތައް ޖެހީ އިލްކާއި ގުންޑޮގާން އާއި ފެނާންޑީނިއޯ އެވެ. ވެސްޓް ހޭމްގެ ހަމައެކަނި ގޯލު، މެޗުގެ ފަހު މިނިޓްގައި ޖެހީ މަނުއަލް ލަންޒީނީ އެވެ.
ސްނޯވެހި މޫސުން ގޯސްވުމުގެ ސަބަބުން މިރޭ ޓޮޓެންހަމާއި ބާންލީ ކުޅެން އޮތް މެޗު ވަނީ އެހެން ދުވަހަކަށް ފަސްކޮށްފަ އެވެ. ލެސްޓާ ސިޓީން ވަނީ އަމިއްލަ ދަނޑުގައި 4-2 އިން ވަޓްފޯޑް ބަލިކޮށްފަ އެވެ. ޕްރެޝަރުގައި އޮތް އެވަޓަން އަތުން އަމިއްލަ ދަނޑުގައި ކުޅުނު ބްރެންޓްފޯޑް މޮޅުވީ 1-0 އިންނެވެ.












