ލަންޑަން (ނޮވެމްބަރު 28) - މެންޗެސްޓާ ޔުނައިޓެޑަށް އަދިވެސް މި ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިދާނެ ކަމަށް މިރޭ އެ ޓީމާ ދެކޮޅަށް ކުޅޭ ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.
ޗެލްސީ ލީގުގެ އެއް ވަަނައިގައި އޮތީ 12 މެޗުން 29 ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑް، މި ވަގުތު އޮތީ ޗެލްސީ އަށް ވުރެ 12 ޕޮއިންޓް ފަހަތުގަ އެވެ. ޔުނައިޓެޑަށް 12 މެޗުން ލިބުނު 17 ޕޮއިންޓާ އެކު އޮތީ ލީގުގެ ނުވަ ވަނައިގަ އެވެ.
މިރޭ އަމިއްލަ ދަނޑުގައި ޗެލްސީން ޔުނައިޓެޑާ ބައްދަލުކުރާއިރު، މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓުޗެލް ގާތުގައި ނޫސްވެރިއަކު އެހީ މިއީ ޗެލްސީން ޔުނައިޓެޑާ ކުޅެން އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލުކުރަންތޯ އެވެ.
ޓުޗެލް ބުނީ ޔުނައިޓެޑްގެ ފޯމަށް ބަލާއިރު، އެ ކަމަށް އެއްބަސްވެވިދާނެ ސަަބަބުތަކެއް ހުރި ކަމުގައި ވިޔަސް އެ ޓީމާއި ތިބި ކުޅުންތެރިންނަށް ބަލައިފިނަމަ މިއީ އެއްވެސް ވިސްނުމަކުން ފަސޭހަކޮށްލެވިދާނެ މެޗެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.
"އަހަރެން އަދިވެސް ގަބޫލުކުރަން މި ފަހަރު ޔުނައިޓެޑަށް ލީގު ހޯދިދާނެ ކަމަށް. ބޭނުންވަނީ ފޯމު ރަނގަޅު ކޮށްލަން ގާތްގާތުގައި މެޗުތަކަކުން މޮޅުވާން. އެ ހިސާބުން ކަންތައްތައް ބަދަލުވާ ގޮތް ވަރަށް ވެސް އަވަސްވާނެ. ދެން އޮތް ސުވާލަކީ މެޗުތަކުން ޔުނައިޓެޑް މޮޅުވާނެތޯ. އެކަން ކުރެވޭ ވަރުގެ ސްކޮޑެއް އެ ޓީމުގައި އެ އޮތީ،" ޓުޗެލް ބުންޏެވެ.
ޔުނައިޓެޑް މި ވަގުތު ކުޅެމުން އަންނަނީ ވަގުތީ ކޯޗު މައިކަލް ކެރިކްގެ އިރުޝާދުގެ ދަށުންނެވެ. އެއީ އެންމެ ފަހުން ލީގުގައި ވަޓްފޯޑް އަތުން ބަލިވި މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗުކަމުން އޮލަ ގުނަ ސޯލްޝެއާ ވަކިކުރުމުންނެވެ.
ޓުޗެލް ބުނީ ޕްރެޝަރު މެޗުތަކުގައި ކެރިކަށް ނަތީޖާ ނެރެވިދާނެކަން ޗެމްޕިއަންސް ލީގުގައި ވިޔަރެއާލް އަތުން ޔުނައިޓެޑް މޮޅުވި މެޗުގައި ފެނިގެން ގޮސްފައިވާ ކަމަށެވެ. މިރޭ ޗެލްސީން ކުޅެން ޖެހޭނީ ޔުނައިޓެޑްގައި އެ ހުރި ކަންކަމަށް ނުވިސްނައި އަމިއްލަ ބާރުގައި މޮޅުވެގެން ކުރިއަށް ދިއުމަށް ކަމަށް ޓުޗެލް ވަނީ ބުނެފަ އެވެ.
އަނިޔާގެ ސަބަބުން ޗެލްސީގެ އެންގޯލޯ ކާންޓޭ އާއި މަޓެއޯ ކޮވަސިޗް އަދި ބެން ޗިލްވެލް އަށް މިރޭގެ މެޗުގައި ނުކުޅެވޭނެ އެވެ. މީގެ ތެރެއިން ޗިލްވެލްގެ ކަކުލުގެ ލިގަމެންޓަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވާން އޭނާ އޮޕަރޭޝަނެއް ކުރަން ޖެހޭކަން އެނގޭނީ ހަ ހަފްތާގެ މުއްދަތަކަށް ބެލުމަށް ފަހު ކަމަށް ޓުޗެލް ވަނީ ބުނެފަ އެވެ.
ޓުޗެލް އަށް އޮތް ހިތްހަމަަ ޖެހުމަކީ އަނިޔާއިން ރަނގަޅުވެ، ރޮމެލޫ ލުކާކޫ އަށް މިރޭ ކުޅެވުމުގެ ފުރުސަތެއް އޮތުމެވެ. ލުކާކޫ މި ސީޒަނުގައި ރެކޯޑް ފީ އަކަށް ޗެލްސީ އަށް ބަދަލުވުމުގެ ކުރިން އެންމެ ފަހުން ޕްރިމިއާ ލީގުގައި ކުޅުނީ ޔުނައިޓެޑް ޖޯޒީގަ އެވެ.
އެންމެ ފަހުން ވަޓްފޯޑް އަތުން ބަލިވި މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުން ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ހުރީ ސަސްޕެންޝަނެއްގަ އެވެ. ބޮލަށް ލިބިފައިވާ އަނިޔާގެ ސަބަބުން ޔުނައިޓެޑްގެ ވާތު ބެކް ލޫކް ޝޯ ވެސް މިރޭގެ މެޗުގައި ނުފެނުމުގެ ފުރުސަތު އެބައޮތެވެ. އެޑިންސަން ކަވާނީ އާއި ފްރެޑަށް ކުޅެވޭތޯ ނިންމާނީ މިއަދު ހަދާ ފިޓްނަސް ޓެސްޓްތަކަށް ފަހު އެވެ.
ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުގައި ވެސް ޗެލްސީ އަށް ޔުނައިޓެޑް ބަލިނުކުރެވެ އެވެ. ހަތަރު މެޗު އެއްވަރުވިއިރު، ޔުނައިޓެޑް ވަނީ ތިން މެޗުން މޮޅުވެފަ އެވެ. ލަންޑަނުގެ ސްޓެމްފޯޑް ބްރިޖުގައި ޗެލްސީ އާއި ޔުނައިޓެޑް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 9:30 ގަ އެވެ.












