މިއުނިކް (ނޮވެމްބަރު 27) - ޖަރުމަނު ލީގުގައި މިރޭ ރެކޯޑް ގޯލެއް ޖަހައި އާރްމީނިއާ ބީލަފީލްޑް 1-0 ބަލިކޮށް، ބަޔާން މިއުނިކް ޖަރުމަނު ލީގުގެ އެއް ވަނަ މަގާމު ދަމަހައްޓައިފި އެވެ.
ބަޔާނުން މިރޭ ޖަރުމަނު ލީގުގައި ޖެހީ 2021 ވަނަ އަހަރު ލީގުގައި ކުޅުނު މެޗުތަކުގައި ކާމިޔާބުކުރި 102 ވަނަ ގޯލެވެ. މި ގޯލާ އެކު ބަޔާނުން މި ވަނީ ޖަރުމަނު ލީގުގެ ތާރީހުގައި 44 އަހަރު ވަންދެން ކޮލޯން އިން ދެމެހެއްޓި ރެކޯޑެއް މުގުރާލައިފަ އެވެ. ކޮލޯން އިން ރެކޯޑް ހެދީ ކަލަންޑަރު އަހަރެއްގައި 101 ގޯލު ޖަހައިގެންނެވެ. މިރޭ ބަޔާނުން މި ވަނީ ޖަރުމަނު ލީގުގެ ލަނޑު ޖެހުމުގައި އާ ރެކޯޑެއް ގާއިމްކޮށްފަ އެވެ. އެ ރެކޯޑަށް އިތުރު ފުރިހަމަ ކަމެއް ގެންނަން މި އަހަރު ނިމުމުގެ ކުރިން ލީގުގައި ބަޔާނުން އިތުރު ހަތަރު މެޗު ކުޅޭނެ އެވެ.
މިރޭގެ މެޗަށް ބަޔާން ނުކުތްއިރު، އެ ޓީމަށް އޮތީ އެއް ވަނަ މަގާމު ގެއްލިފަ އެވެ. އެއީ ބަޔާނަށް ވުރެ ކުރިން މިރޭ ޑޯޓްމަންޑް ކުޅުނު މެޗުން 3-1 އިން ވުލްފްސްބާގް އަތުން މޮޅުވެފައިވާތީ އެވެ. ބަޔާނަށް އަލުން އެއް ވަނަ އަށް އެރެން އޮތީ މިރޭ އާރްމީނިއާ ބީލަފީލްޑް ބަލިކޮށްގެންނެވެ. ބަޔާން ވަނީ އެކަން ކާމިޔާބުކޮށްފަ އެވެ.
އަމިއްލަ ދަނޑުގައި ކުުޅުނު ބަޔާނުން މި މެޗުގައި ލަނޑު ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 71 ވަނަ މިނިޓްގަ އެވެ. މި ގޯލު ޖެހީ ތޯމަސް މުލާ ދިން ބޯޅައަކުން ލެރޯއި ސާނޭ އެވެ. މި މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ބަޔާނަށް ލިބުނުއިރު، ބޭނުން ހިފުނީ ސާނޭ އަށް ލިބުނު ބޯޅަ އެކަންޏެވެ.

ވުލްްފްސްބާގްގެ ކުޅުންތެރިއަކު ކައިރިން ހާލަންޑް ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ
ބަޔާން އެއް ވަނައިގައި އޮތީ 13 މެޗުން 31 ޕޮއިންޓާ އެކު އެވެ. ޑޯޓްމަންޑް ދެ ވަނައިގައި އޮތީ 13 މެޗުން 30 ޕޮއިންޓް ހަމަކޮށްގެންނެވެ.
ވުލްފްސްބާގް ދަނޑުގައި ފުރަތަމަ ލީޑުނެގީ އެ ޓީމުންނެވެ. ދެ ވަނަ މިނިޓްގައި ވޫޓް ވެގްހޯސްޓް ވަނީ ވުލްފްސްބާގަށް ލީޑުނަގައިދީފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން އެމްރޭ ޗާން ވައްދާލި ޕެނަލްޓީން ޑޯޓްމަންޑް އެއްވަރުކުރި އެވެ. ދެ ވަނަ ހާފުގެ ކުޅުން ފެށިގެން 10 މިނިޓް ތެރޭ މާކޯ ރެއުސް ދިން ބޯޅައަކުން ޑޮންޔެލް މާލެން ގޯލެއް ޖަހައި ޑޯޓްމަންޑަށް ލީޑުނަގައިދިނެވެ.
ޑޯޓްމަންޑަށް މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި އާލިން ބްރައުޓް ހާލަންޑެވެ. މެޗުގެ 80 ވަނަ މިނިޓްގައި ހޫލިއަން ބްރަންޑްޓް ނެގި ހުރަހަކުން ހާލަންޑް މި ގޯލު ޖެހީ ވޮލީ އަކުންނެވެ.
މިދިޔަ މަހު މެދުތެރޭގައި އުނަގަނޑަށް ލިބުނު އަނިޔާ އިން ރަނގަޅުވެގެން އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުގައި ހާލަންޑް، 21، މި ޖެހި ގޯލަކީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ކުޅުނު 14 މެޗުން އޭނާ ކާމިޔާބުކުރި 11 ވަނަ ގޯލެވެ. މިދިޔަ އަހަރު ޖެނުއަރީ މަހު ޑޯޓްމަންޑަށް ބަދަލުވި ހާލަންޑް ވަނީ ޖަރުމަނު ލީގުގައި މިހާތަނަށް ކުޅުނު 50 މެޗުން 50 ގޯލު ޖަހައިފަ އެވެ. އަދި 15 ގޯލު ޖަހަން އެހީތެރިވެދިނެވެ.












