ލިވަޕޫލް (ނޮވެމްބަރު 27) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ނިއުކާސަލް ޔުނައިޓެޑް އަތުން 2-0 އިން އާސެނަލް މޮޅުވިއިރު، ސައުތެމްޓަންގެ މައްޗަށް 4-0 އިން ބޮޑު މޮޅެއް ހޯދައި ލިވަޕޫލް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
އެއް ވަނައިގައި އޮތް ޗެލްސީ އަށް 12 މެޗުން 29 ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލް ވަނީ 13 މެޗުން 28 ޕޮއިންޓް ހަމަކޮށް، ދެ ވަނަ އަށް ޖެހިލައިފަ އެވެ. ތިން ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް 12 މެޗުން ވަނީ 26 ޕޮއިންޓް ލިބިފަ އެވެ. އެއް ވަނައިގައި އޮތް ޗެލްސީ މާދަމާރޭ ކުޅޭނީ މެންޗެސްޓާ ޔުނައިޓެޑާ އެވެ. ސިޓީ އަމިއްލަ ދަނޑުގައި ކުޅޭނީ ހަތަރު ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ލީޑުނަގައިދޭން ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަން އަށް ގޯލު ކުރިމަތިން ހުސްކޮށް ލިބުނު ބޯޅަ ފޮނުވާލުމުން ދަނޑީގައި ޖެހިފައި ދިޔައީ ބޭރުންނެވެ. އެކަމަކު، ދެ ވަނަ ހާފުގައި ނޫނޯ ޓަވަރޭސް ދިން ބޯޅައަކުން ބުކާޔޯ ސަކާ ވަނީ އާސެނަލަށް ލީޑުނަގައިދީފަ އެވެ. އަދި އޭގެ ފަހުން ސަކާ އަށް އަނިޔާވެގެން ބަދަލެއްގެ ގޮތުގައި ކުޅެން އަރައި ގަބްރިއެލް މާޓިނެލީ ވަނީ އާސެނަލަށް ދެ ވަނަ ގޯލެއް ޖަހައިދީފަ އެވެ.

އާސެނަލްގެ މާޓިނެލީ ބޯޅަ ހިފައިގެން ދަނީ.-- ފޮޓޯ: އޭއެފްޕީ
މި މޮޅާ އެކު އާސެނަލް ލީގުގެ ފަސް ވަަނައިގައި އޮތީ 13 މެޗުން 23 ޕޮއިންޓް ހޯދައިގެންނެވެ. އެއީ ހަތަރެއްގައި އޮތް ވެސްޓް ހޭމަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން އެ ޓީމާ އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ.
ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި މިރޭ ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗު ފަށައިގެން 97 ސިކުންތު ތެރޭގައި ލިވަޕޫލުން ލީޑުނެގި އެވެ. މި ގޯލު ޖެހީ އެންޑީ ރޮބަޓްސަން ދިން ބޯޅައަކުން ޑިއޯގޯ ޖޮޓާ އެވެ. މިއީ މި ފަހަރު ލީގުގައި ފެނުނު އެންމެ އަވަސް ގޯލެވެ.
މެޗުގެ 32 ވަަނަ މިނިޓްގައި ލިވަޕޫލްގެ ދެ ވަނަ ގޯލު ޖެހީ ވެސް ޖޮޓާ އެވެ. މިއީ މުހައްމަދު ސަލާހު ހުސްކޮށްލާފައި ދިން ބޯޅައަކުން ޖޮޓާ ޖެހި ގޯލެކެވެ. އޭގެ ފަސް މިނިޓް ފަހުން ތިއާގޯ އަލްކަންޓާރާ ވަނީ ލިވަޕޫލްގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. ތިއާގޯ ޖެހި ބޯޅަ ގޯލަށް ވަނީ ސައުތެމްޓަންގެ ޑިފެންޑަރު ލިޔާންކޯ ފައިގައި ޖެހިފަ އެވެ. ދެ ވަނަ ހާފުގައި ޓްރެންޓް އަލެކްސަންޑަ އާނޯލް ނެގި ކޯނަރަކުން ލިވަޕޫލްގެ ހަތަރު ވަނަ ގޯލު ޖެހީ ވާޖިލް ވެން ޑައިކް އެވެ.
މި މެޗުގައި ޖެހި ގޯލުތަކާ އެކު ލިވަޕޫލުން ވަނީ ޔާގަން ކްލޮޕްގެ ކޯޗުކަމުގައި 700 ގޯލު ހަމަކޮށްފަ އެވެ. އަދި މި މެޗުގައި ލިވަޕޫލް ހަތަރު ގޯލުގެ ތަފާތުން މޮޅުވިއިރު، ލިވަޕޫލުން ވަނީ އެންމެ ފަހުން ހުރިހާ މުބާރާތެއްގައި ކުޅުނު 17 މެޗުގައި މަދުވެގެން ދެ ގޯލު ޖަހައިފަ އެވެ. އެންމެ ފަހުން އޭގެ ރެކޯޑެއް އިނގިރޭސި ފުރަތަމަ ޑިވިޝަނުގައި ދެމެހެއްޓީ 1927 ވަނަ އަހަރު ކުޅުނު ސަންޑަލެންޑް ޓީމުންނެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ސްޓީވެން ޖެރާޑްގެ ކޯޗުކަމުގައި އެސްޓަން ވިލާ އިން ކުޅުނު ދެ ވަނަ މެޗުގައި ވަނީ ރަށުންބޭރުގައި 2-1 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފަ އެވެ. އަދި ރެލިގޭޝަނުގައި އޮތް ނޯވިޗް ސިޓީ އާއި ވުލްވްސް ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.












