އަނިޔާ ދެވެން އޮންނަ ހަމަ އެކަނި ގޮތަކީ ގައިގައި ޖަހައި، ތަޅައި ތަދު ކުރުމެއް ނޫނެވެ. އެކަކު އަނެކަކަށް ދުލުން ބުނާ އެއްޗެހިން ވެސް އަނިޔާ އަށް ވާ ވަރުގެ އަނިޔާ ދެވިދާނެ އެވެ. ނުވަތަ ހަދައިލެވޭ ކުޑަ ގޮތަކުންވެސް އަނިޔާއެއް ދެވިދާނެ އެވެ. ޖިސްމާނީ ހައިސިއްޔަތެއް ނެތި ދެވޭ މިފަދަ އަނިޔާ އަކީ ނަފްސާނީ އަނިޔާ އެވެ. ނުވަތަ އިމޯޝަނަލް އެބިއުސް އެވެ.
ކައިވެންޏެއްގައި ދެމީހުން ގުޅިގެން އުޅޭ އިރު، އެކެއްގެ ފަރާތުން އަނެކާއަށް ޖިސްމާނީ ގޮތުން ގެއްލުންދޭ ވަރުގެ އަނިޔާތަކެއް ނުދިނަސް މިފަދަ ނަފްސާނީ އަނިޔާ ލިބޭ ކަމަށް ވާނަމަ އެ ގުޅުން ވެގެންދާނީ ވޭންދެނިވި ގުޅުމަކަށެވެ.
ނަފްސާނީ އަނިޔާ އަކީ އޭގެ ބާވަތުން، ވަރަށް ފަސޭހައިން ސިކުނޑި އަށް އޮޅުވައިލެވޭ ޒާތެއްގެ އަނިޔާ އެކެވެ. ތަކުރާރުކޮށް ނަފްސާނީ އަނިޔާ ލިބި، އާދައިގެ ކަމެކޭ ވެސް ހީވާ ފަހަރުތައް ގިނައިން އަންނަ އެންމެ ބޮޑު އެއް ސަބަބަކީ ވެސް މިއީ އެވެ.
ނަފްސާނީ އަނިޔާ ލިބޭ ގުޅުމެއްގައި ހުންނާނެ ބައެއް ސިފަތައް:
- ނުރުހުންވެ ހަޑިހުތުރު ބަހުން މުއާމަލާތު ކުރުން
- އިންޒާރުދީ ބިރުގެންނެވުން
- މެނިޕިއުލޭޓްކޮށް ކޮންޓްރޯލް ކުރަން މަސައްކަތްކުރުން
- އާޢިލާ އާއި ރަހުމަތްތެރިންގެ ކުރިމަތީގައި ބޭޒާރު ކުރުވުން
- އެކި ނަންނަން ކިޔުމާ، ލަދުގެންނެވުމާ، ދަށްކޮށްލުން
- އެއްވެސް ވަރަކަށް ވާހަކަ ނުދައްކާ ހުރުން (ސައިލެންޓް ޓްރީޓްމަންޓް)
- އެހެންމީހުންނާ އެކަހެރިކުރުވުން
- އެމީހެއްގެ އިހުސާސްތަކާއި ހިޔާލުތައް އަބަދުވެސް ގޯސްކަމުގައި ބުނެ އަމިއްލަ ނަފްސާ މެދު ގޯސްކޮށް ހީކުރުވަން މަސައްކަތްކުރުން
ތަކުރާރުކޮށް މިފަދަ ނަފްސާނީ އަނިޔާ ލިބެމުންދާނަމަ ޑިޕްރެޝަންއާ، އެންޒައިޓީއާ އަމިއްލަ ފުރާނައަށް ގެއްލުންދިނުމުގެ ހިޔާލާއި އަދި ޕޯސްޓް ޓްރޯމެޓިކް ޑިސްއޯޑާ (ޕީޓީއެސްޑީ) ފަދަ ކަންކަމާ ކުރިމަތިލާން ޖެހެ އެވެ.
ޕޮސެސިވްވުމާ، ހަސަދަވެރިވުމާ ކޮންޓްރޯލް ކުރަން އަބަދު އުޅުން
ނަފްސާނީގޮތުން އަނިޔާވެރި ގުޅުމެއްގައި ތިމާގެ ބައިވެރިޔާގެ ފަރާތުން އެންމެ އާންމުކޮށް ފެންނާނެ އެއްކަމަކީ މާބޮޑަށް ހިފަަހައްޓައި ކޮންޓްރޯލް ކޮށްގެން އުޅުމެވެ. ކުދިކުދި ކަންކަމާވެސް "ޖެލަސް" ވުމަކީ ޕޮޒިޓިވް ކަމެއްގެ ގޮތުގައި ދައްކަން އުޅުނަސް، ގިނަފަހަރު މިކަން ބަދަލުވަނީ ކޮންޓްރޯލިން ބިހޭވިއާ އަށެވެ.

އެފަދަ ބައިވެރިއެއްގެ ކިބައިން ފެންނާނެ ބައެއް ކަންކަން:
- ގުޅާ/މެސެޖު ކުރާ ކޮންމެ ފަހަރަކު ވަގުތުން ވަގުތަށް ކޮންމެތާކު ކޮންމެ ކަމެއް ކުރަންހުއްޓަސް ފޯނަށް ޖަވާބުދޭން ޖެހޭނެ ކަަމަށް ބުނުން
- އަބަދުވެސް ކުރާ ކަމެއް، ހުރި ތަނެއް އަދި އެކުގައި އުޅޭ ބައެއް އަހާ ސުވާލުކުރުން
- އެމީހެއްގެ ދިރިއުޅުމުގައި ހިމެނޭ އެހެން މީހުންނާ މެދު ނުރުހުންވެ ދުރުކުރުވުން
- އެއްވެސް އޮށްޓަރެއް ނުހުންނަ ކަންކަމާ ގުޅުވައިގެންވެސް ޝައްކުކުރުން
މި ނޫނަސް، ޒަރޫރީ ތަކެތި ނުދީ ހިފެހެއްޓުމަކީވެސް ބައިވެރިޔާ އަމިއްލަ މުށު ތެރެއަށްލާ ކޮންޓްރޯލްކުރަން ބޭނުންވާ މީހެއްގެ ފަރާތުން ފެންނާނެ ސިފަ އެކެވެ. އާންމުކޮށް މިކަން އެންމެ ބޮޑަށް ފާހަގަވަނީ ދެމަފިރިންގެ ތެރެއިން އެކަކު ވަޒީފާއަށް ނުގޮސް ހުންނަ ނަމަ އެވެ.
އާންމުކޮށް މިފަދަ އެބިއުސިވް ގުޅުމެއްގައި ލީޑު ނަގާނީ އެކަކެކެވެ. އެއީ ހުރިހާ ކަމެއް ނިންމާ "އަލްފާ" އެވެ. ބްލެކްމެއިލް ކުރުމާއި ކުދި ކުދި ކަންކަމާ ބައިވެރިޔާ ހާސްކޮށް ބިރު ދެއްކުމަކީ މިފަދަ މީހުން އަނެކާ ނިކަމެތި ކޮށްލަން ބޭނުންކުރާ އުކުޅުތަކެވެ. މިދސާލަކަށް، ވަކި ގޮތަކަށް ކަންތައްތައް ނުކޮށްފިނަމަ އަމިއްލަ އަށް މަރުވެދާނެ ކަމަށް އިންޒާރު ދިނުން ފަދަ ކަންކަން ކުރެ އެވެ.
ނަފްސާނީ އަނިޔާ ލިބޭނަމަ ދެން ހަދާނީ ކިހިނެއް؟
މެދުނުކެނޑި ބައިވެރިޔާގެ ފަރާތުން ލިބޭ އިންޒާރުތަކާއި، ކުރިމަތިކުރުވާ ފިއްތުންތަކުގެ ސަބަބުން ބިރުހީވެ، އެމީހެއްހގެ ކިބައިން ސަލާމަތް ނުވެދާނެ ކަމަށް ހިތާ މާޔޫސް ވުމަކީ މި ފަދަ ގުޅުމެއްގައި އަނިޔާ ލިބޭ މީހަކަށް އިހުސާސްކުރެވިދާނެ ކަމެކެވެ. އަމުދުން ދަރިން ތިބިނަމަ ދުރުވާން އުނދަގޫ ވެދާނެ އެވެ. ނަމަވެސް ވީ އެންމެ އަވަހަކަށް އެހީ ހޯދާ އެ އަނިޔާއިން ސަލާމަތްވުމަކީ މުހިންމު ކަމެކެވެ.
ތި ވާހަކަތައް އިތުބާރުކުރެވޭ މީހަކާ ހިއްސާކުރޭ
އެބިއުސިވް ގުޅުމެއްގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ އަނިޔާ ލިބޭ މީހާ ބާކީވެ އެކަނިވެރިވުމެވެ. އެހެންކަމުން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އެމީހަކަށް ދިމާވާ ކަންކަމުގެ ވާހަކަ އެހެން މީހަކާ ހިއްސާކުރުމެވެ. އެއީ މެންބަރަކަށް ވިޔަސް، ނުވަތަ ރައްޓެއްސަކަސް އެންމެ ރަނގަޅުވާނެ އެވެ. އެއްވެސް މީހަކު ނެތް ނަމަ ނަފްސާނީ އެހީ ދޭ ހޮޓްލައިންއަކަށް ގުޅައިގެން ކިޔައިދިނުން ވިޔަސް އެންމެ ރަނގަޅެވެ.
ބައިވެރިޔާ އާއި ދުރަށްދާނެ ގޮތެއް ހޯދުން
ނަފްސާނީ އަނިޔާ ލިބި ދިގުލައިގެން ދާނަމަ، ގިނަ ފަހަރަށް އޭގެ ދެވަނަ ހަރުފަތަކީ ޖިސްމާނީ އަނިޔާ އެވެ. އެހެންކަމުން އެފަދަ މީހެއްގެ ކިބައިން ދުރުވެ އަމިއްލަ ފައިމައްޗަށް ތެދުވާނެ ގޮތެއް, ނުވަތަ ތިމާއަށް ސަލާމަތާއި ރައްކާތެރިކަން ލިބޭނޭ ގޮތެއް ދުރާލާ ހޯދާ ވިސްނާލުމަކީ މުހިންމު ކަމެކެވެ.
ކުޑަސް، ބޮޑަސް އަނިޔާ އަކީ ހަމަ އަނިޔާ އެވެ. މިފަދަ އެއްވެސް ބާވަތެއްގެ އަމަލެއް ތަހައްމަލު ކުރަމުންދާ ނަމަ މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ހޮޓްލައިން 1421 ނުވަތަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ނަންބަރު 119 ނުވަތަ 3000600 އަށް ގުޅައި ރިޕޯޓްކޮށް އެހީ ހޯދޭނެ އެވެ.










