ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ މަތީ ޑިވިޝަނުގައި ރަށްރަށުގެ ޓީމުތައް ވާދަކުރާނަމަ އެންމެ ބޮޑު ހިތްހަމަ ޖެހުމަކަށްވަނީ އެ ރަށެއްގެ ނަން ދިވެހި ފުޓްބޯޅައިގެ އެންމެ އުހުން ފެނިލުމުގެ އުއްމީދު ހާސިލްވުމެވެ. އެކަމަކު، އެ އުއްމީދު މި ފަހަރު ކ. މާފުށްޓައް ހާސިލްވާން އޮތީ ފުރަތަމަ ޑިވިޝަނުގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ގުޅިގެންނެވެ. އެ ނަމުގެ ފަހަތުންނެވެ.
މީގެ ވިއްސަކަށް ދުވަސް ކުރިން، ދަ ގްރާންޑޭގެ ޗެއާމަނަކަށް ކުރިން ހުރި، އަދި މިހާރު ކ. މާފުށީ ކައުންސިލަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން އަންނަ ނަސީހު މުހައްމަދު (ނަސީ)، ގެ ވިސްނުމަށް އައީ ކްލަބް އޮތް އަޑިގަޑުން އަރައިގަންނަން ބަދަލެއް ގެންނަން އެހީތެރިވާށެވެ.
ދަ ގްރާންޑޭ ފުރަތަަމަ ޑިވިޝަނާ ހަމައަށް ގެނެސްދިން ޗެއާމަން މާފުށްޓައް ބޮޑަށް ދިރިއުޅުން ބަދަލުކުރަން ޖެހޭތީ މިދިޔަ ސީޒަނުގައި ކްލަބް މެނޭޖްމަންޓް އެހެން ބަޔަކާ ހަވާލުުކުރީ އެވެ. އެކަމަކު، އެ ކްލަބަށް މިދިޔަ ސީޒަނުގައި ވަރަށް ބޮޑަށް މާލީ މައްސަލަތަކެއް ދިމާވެ، ކްލަބުން ސީޒަން ކުރީކޮޅުގައި ދެމެހެއްޓި ވަރުގަދަ ފޯމު ފަހުން ގެއްލުނީ އެވެ. މި ސީޒަން ފެށެން ދެ މަހެއްހާ ދުވަސްވީއިރު، ވެސް ދަ ގްރާންޑޭ އަށް ވާނެ ގޮތެއް ނޭނގި އޮއްވައި ނަސީ ވަނީ ޓީމާ ހަވާލުވެ، ކްލަބް ލައިސަންސިން ކަންކަން ނިންމައި، ކްލަބުން ދޭން ޖެހޭ ލާރިތައް ހަމަޖައްސަމުންނެވެ.

އިއްޔެގެ ޕްރެކްޓިހުގެ ތެރެއިން ދަ ގްރާންޑޭގެ ކޯޗު ނާދު (ވ) އާއި ނަސީ (މ) ވާހަކަ ދައްކަނީ.-- ފޮޓޯ: އަދަދު
ކުރިން ވެދިޔަ ކަންތައް ހަމަޔަކަށް އަޅުވައި، އާ ފެށުމަކުން ކްލަބްގެ ކަންތައްތައް ފަށަން ނަސީގެ ވިސްނުމަށް އައީ މާފުށިން ޓީމެއް އެކުލަވާލައި، ފުރަތަމަ ޑިވިޝަނުގައި އެ ރަށަށް ނިސްބަތްވާ ޓީމެއް، ތަފާތު ވިސްނުމަކުން ކުރިއަށް ގެންދިއުމަށެވެ. އެ ގޮތުން ކްލަބް ހިންގުމުގެ ކަންކަން ރަށަށް ނިސްބަތްވާ ސްޕޮންސަރުން މެދުވެރިކޮށް ކުރިއަށް ގެންދިއުމެވެ. މިކަމުގައި ނަސީ އަށް ރަށުގެ ޒުވާނުންގެ ފަރާތުން ލިބުނީ "ފެހި ސިގްނަލް" އެވެ. އެހެންވެ، ދެ ހަފްތާއެއްހާ ދުވަހުގެ ރަނގަޅު މަސައްކަތަށް ފަހު ގިނަ އަދަދެއްގެ މާފުށީ ޒުވާނުން ހިމެނޭ ގޮތަށް ޓީމު އެކުލަވާލައި، އިއްޔެ، މާފުށީ ޓާފް ދަނޑުގައި ވަނީ ޕްރެކްޓިސް ފަށައިފަ އެވެ.
ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކާއި އަންހެން ގައުމީ ޓީމު އަދި އުމުރުފުރާ ގައުމީ ޓީމުތަކަކަށް ކޯޗުކޮށްދިން ތަޖުރިބާކާރު ކޯޗު އަހުމަދު ނާޝިދު (ނާދު)ގެ ބެލުމުގެ ދަށުން އިއްޔެ މާފުށީގައި ދަ ގްރާންޑޭ އިން ވަނީ ޕްރެކްޓިސް ފަށައިފަ އެވެ.
ޕްރެކްޓިސް ފެށުމުގެ ކުރިން، މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު، ޓީމުގެ ކުޅުންތެރިންނާ މުހާތަބުކޮށް ވިދާޅުވީ، އަމިއްލަ ރަށަށް ނިސްބަތްވާ ޓީމެއްގައި ހުރެ ފުރަތަމަ ޑިވިޝަން ކުޅެލުން މިއީ އެހެން ރަށްރަށުގެ ޒުވާނުން ވަރަށް ބޮޑަށް އެދޭނެ ކަމެއް ކަމަށެވެ. އެ ގޮތުން ފުރަތަމަ ޑިވިޝަނުގައި ކުޅެލަން ލިބިފައި މި އޮތް ފުރުސަތުގެ ބޭނުން ވީ އެންމެ ރަނގަޅަށް މާފުށީގެ ފުޓްބޯޅަ އަށް ލޯބިކުރާ އެންމެން ބޭނުން ހިފަން އެދޭ ކަމަށެެވެ.
"ކައުންސިލްގެ އެދުމަކީ އެންމެން ގުޅިގެން މި މަސައްކަތް އެންމެ ރަނގަޅަށް ކުރުން،" ސޮލާހު ވިދާޅުވި އެވެ.

އިއްޔެ ޕްރެކްޓިހުގެ ތެރެއިން މާފުށީ ކައުންސިލްގެ ރައީސް ސޮލާހު ވާހަކަ ދައްކަވަނީ.-- ފޮޓޯ: އަދަދު
ވިޔަފާރި މޮޑަލަކުން ކްލަބް ހިންގަން ވިސްނައިފިނަމަ ގިނަ ދޮރުތަކެއް ހުޅުވޭނެ
ފުރަތަމަ ޑިވިޝަންގެ މެޖޯރިޓީ ކްލަބްތައް ހިންގަން މި ވަގުތު ބަރޯސާވެފައި އޮތީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދޭ ސްޕޮންސާ ފައިސާ އަށެވެ. ކްލަބްތަކުން ޓީމު އެކުލަވާލަނީ އެފްއޭއެމުން ދޭ އެ ސްޕޮންސާ ފައިސާ ކަމަށްވާ، ތިން މިލިއަން ރުފިޔާގެ ބަޖެޓުންނެވެ. އޭގެ އިތުރުން ގިނަ ސްޕޮންސަރުން ލައިގެން ކުރިއަށް ދެވޭ އޮތީ މަދު ޓީމެކެވެ.
ނަސީ ވަނީ މީގެ ކުރިން ދަ ގްރާންޑޭ ހިންގަން ހުރިއިރު، ކްލަބް ހިންގަން އެ ކުރިމަތިވާ މާލީ ގޮންޖެހުންތަކުގެ ތަޖުރިބާތައް ކޮށްފަ އެވެ. މި ފަހަރު ދަ ގްރާންޑޭ ނަގައިގެން މާފުށީގައި އޭނާ މަސައްކަތް ކުރާނީ ވީހާވެސް ބޮޑަށް މާފުށީގެ ވިޔަފާރިތަކަށް ހުޅުވާލެވިފައިވާ ފުރުސަތުތަކެއް އޮންނަ ގޮތަކަށެވެ. މާނަ އަކީ ދަ ގްރާންޑޭ އަށް ސްޕޮންސާ ދީގެން މާފުށީގެ ކޮންމެ ވިޔަފާރިއެއް ވެސް ފުޓްބޯޅައިގެ އެންމެ މަތީ ޑިވިޝަނުގައި އިސްތިހާރުކުރަންވީ އެވެ. ލޯކަލް ޓޫރިޒަމަށް ބަލާއިރު، މާފުށްޓަކީ ހަބެކެވެ. އެ ރޮނގުން ދަ ގްރާންޑޭ އަށް ސްޕޮންސަރުންގެ އެހީތެރިކަމެއް ދެމެހެއްޓެނިވި ގޮތެއްގައި ލިބިއްޖެނަމަ ދަ ގްރާންޑޭ އަށް ފުޓްބޯޅައިގައި ފައިތިލަ ސާބިތުކުރަން އެ އޮތީ މަގުކޮށިފަ އެވެ.
"ހަގީގަތުގައި މި ގޮތަށް ރަށުގައި ތިބެގެން ޕްރެކްޓިސް ކޮށްގެން. މާލެ މެޗަށް ގޮސް މިހެން ކަންތައްތައް ރާވާއިރު ވެސް އެނގޭ މިއީ ޗެލެންޖިން ކަމެއްކަން. އެކަމަކު، މީގެއިން މާފުށްޓައް ހޯދޭނެ ފައިދާ އެބައޮތް. ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު އެބަ ލިބޭ ރާއްޖޭގެ ޓޮޕް ޓީމުތަކާ ކުޅެލަން. މާފުށީގެ ކޮންމެ ވިޔަފާރި އަކަށް ވެސް ސްޕޮންސަރަކަށް ވުމުގެ ފުރުސަތު އެބައޮތް،" ނަސީ "އަދަދު" އަށް ވިދާޅުވި އެވެ.
ނަސީ ވިދާޅުވީ ބޮޑެތި ޗެލެންޖްތަކެއް އޮތްކަން އެނގިވެސް މިހާތަނަށް މި ކަމުގައި ޝާމިލުވާން ބޭނުންވާ މާފުށީގެ ގިނަ ރައްޔިތުން ދެނީ އުއްމީދީ މެސެޖްތަކެއް ކަމަށެވެ. އެކަން ހެޔޮ ހިތުން ބަލައިގަނެ، ނަސީ ހުރީ ދަ ގްރާންޑޭ ގޮވައިގެން މި ކުރެވޭ މަސައްކަތުން ރަށަށް ރީތި ނަން ހޯދައިދޭން އަތުކުރި އޮޅާލައިގެންނެވެ. އެހީތެރިކަން ދޭން ތިބި ކޮންމެ މީހަކަށް ވެސް މަރުހަބާ ކިޔަން ތައްޔާރަށެވެ.

އިއްޔެ މާފުށީގައި ބޭއްވި ދަ ގްރާންޑޭގެ ޕްރެކްޓިހުގެ ތެރެއިން.-- ފޮޓޯ: އަދަދު
ރާއްޖޭގެ ފުޓްބޯޅަ ތާރީހަށް ބަލާއިރު މާލެ އަތޮޅުން ކ.ހުރާ ފުޓްބޯޅަ ޓީމާއި ކ. ވިލިނގިލިން ކްލަބް ވިޔަންސާގެ ނަމުގައި ވަނީ ފުރަތަމަ ޑިވިޝަނުގައި ވާދަކޮށްފަ އެވެ. ކާމިޔާބު ވެސް ހޯދި އެވެ.
މާފުށި މި ފަހަރު މި ނުކުންނަނީ ތަފާތު ވިސްނުންތަކެއް އިސްކޮށް، ވިޔަފާރި މޮޑެލާއި ފުޓްބޯޅައިގެ ތެރެއިން ވެސް އެއީ ނަން ފަވާލެވޭ ފުންނާބު އުސް ރަށަކަށް ހެދުމުގެ މަގުސަދުގަ އެވެ.
ކޯޗު ނާދުގެ ތަޖުރިބާ: ޓީމުގެ ބިންގާ އަޅަން މުހިއްމު
ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކާއި އުމުރުފުރާ ގައުމީ ޓީމުތަކުގެ އިތުރުން ސީނިއާ އަންހެން ގައުމީ ޓީމަށް ވެސް ކޯޗުކޮށްދިން އަހުމަދު ނާޝިދު (ނާދު) ވަނީ މީގެ ކުރިން ޔޫތު ޗެމްޕިއަންޝިޕެއްގައި ދަ ގްރާންޑޭގެ 21 އަހަރުން ދަށުގެ ޓީމު ގެންގުޅެފަ އެވެ. ނާދު އާއި ދަ ގްރާންޑޭގެ މެނޭޖްމަންޓްގެ މެދުގައި ބަދަހި ގުޅުމެއް އޮވެ އެވެ.
މިދިޔަ ދެ ސީޒަނުގައި ދަ ގްރާންޑޭ އަށް ފުރަތަމަ ޑިވިޝަނުގައި ކޯޗުކޮށްދިން އިސްމާއިލް މަހްފޫޒް (އިންމަ) ވަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޯޗުކަމާ ހަވާލުވެފަ އެވެ. ސަސް ފުރަތަމަ ޑިވިޝަނުގައި މިދިޔަ އަހަރު އަލަށް ވާދަކުރިއިރު، އެ ޓީމުގެ ކޯޗަކަށް ފުރަތަމަ ހުރީ ނާދު އެވެ. ފުރަތަމަ ބުރު ނުނިމެނިސް ނާދު، މަގާމުން ވަކިކުރިއިރު، އޭނާ ހުރީ ކްލަބުން އޭނާ އަށް ދިން ޓާގެޓާ އެއްގޮތަށް ގަދަ ހައެއްގެ ތެރޭގަ އެވެ. އެކަމަކު، ކޮންމެ ވެސް ސަބަބަަކާ ހުރެ ޓީމުގައި ދެމިނުހުރެވުނީ އެވެ.
ދަ ގްރާންޑޭގެ މެނޭޖްމަންޓާ އޮތް ގާތްގުޅުމާއި ފުޓްބޯޅައިގައި ކުރެވިފައި ހުރި މަސައްކަތަށް ބަލާއިރު، ނާދު ހުރީ މި ފަހަރު ދަ ގްރާންޑޭއާ ހަވާލުވެ، ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އުއްމީދުގަ އެވެ. ސަސްގައި ދިމާވި ކަންތައް ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަމާ އެކު އެވެ.
ނާދުގެ ބެލުމުގެ ދަށުން އިއްޔެ، މާފުށީގައި ދަ ގްރާންޑޭ އިން ޕްރެކްޓިސްތައް ފެށިއިރު، އޭނާ ޓީމުގެ ކުޅުންތެރިން ގާތުގައި ބުނީ "ފުޓްބޯޅައިން ކުރިއަށްދާން ޓީމެއްގެ ގޮތުގައި ކުރާ ހުރިހާ މަސައްކަތަކާއި ވަކިވަކި ކުޅުންތެރިން އަމިއްލަ އަށް ކުރާ މަސައްކަތުގައި ވެސް އެހީވެދޭނެ" ކަމަށެވެ. އޭނާގެ ފަރާތުން ދޭން ޖެހޭ އެއްބާރުލުމެއް ވެއްޖިއްޔާ ފުރިހަމަ އަށް އަދާކޮށްދޭނެ ކަމުގެ ޔަގީންކަން ދިނެވެ.
ނާދު "އަދަދު" އަށް ބުނީ ދަ ގްރާންޑޭގެ ކޯޗަކަށް ވުމުގެ މި ހުށަހެޅުން ބަލައިގަންނަން ވިސްނީ ވަރަށް ރަނގަޅަށް މި ޒިންމާ އަދާކުރެވޭނެތީ ކަމަށެވެ. ކޮންމެ ދުވަހަކު މާލެއިން ފުރައިގެން މާފުށީ ދަނޑުގައި ޕްރެކްޓިސް ކޮށްލަން އައިސް އެނބުރި ދާން ޖެހުނަަސް އެއީ މާ ބޮޑު ތަކުލީފެއް އޮތް ކަމެއްގެ ގޮތުގައި ނާދު ނުދެކެ އެވެ.
"ގާތްގަނޑަކަށް 30 މިނިޓްގެ ލޯންޗް ދަތުރެއް މި އިންނަނީ ކޮޅަކަށް. އެހެންވީމަ ދިގު ދަތުރެކޭ ވެސް ނުބުނެވޭނެ. ރަނގަޅު ޕްލޭނެއްގެ ތެރެއިން މަސައްކަތް ކޮށްފިއްޔާ ކާމިޔާބު ހޯދޭނެއޭ ކޯޗު ބުނާނީ،" ނާދު ބުންޏެވެ.
"ހުނަރު ހުރި ކުޅުންތެރިން މި ޓީމުގައި އެބަތިބި ކަން ފާހަގަކުރެވޭ. އެކަމަކު، ހަމައެކަނި ހުނަރު ހުރެގެން ކުޅެލަން އެކަނި އުޅެގެން ނުވާނެ. އެހެން އެ ކުދިން ގާތުގައި މި ބުނީ ވެސް. ޓީމެއްގެ ގޮތުގައި ޕްރެކްޓިސްކޮށް، ރާއްޖޭގެ ފުރަތަމަ ޑިިވިޝަނުގައި ކުޅެވޭ ވަރަށް ހޭނެން ޖެހޭނީ. އެހެންވީމަ އެކަމަށް ވަގުުތު ނަގާނީ. ޓީމާ މެދު ހިތްހަމަޖެހޭ،"

އިއްޔެ ޕްރެކްޓިހުގެ ތެރެއިން ކޯޗު ނާދު ދަ ގްރާންޑޭގެ ކުޅުންތެރިންނަށް ބުނެދެނީ.-- ފޮޓޯ: އަދަދު
މިދިޔަ ސީޒަނުގައި ދަ ގްރާންޑޭގައި ހިމެނުނު ދެތިން ކުޅުންތެރިން ފިޔަވައި ދެން ހުރިހާ ކުޅުންތެރިން ބަދަލުވާނެ އެވެ. ޓީމުގެ ބޮޑު ޕަސެންޓެއް ހިއްސާވަނީ މާފުށީ ޒުވާނުންނެވެ. ދެން މަދުން ނަަމަވެސް އެކި ރަށްރަށުގެ ފެންވަރު ރަނގަޅު ކުޅުންތެރިން ފެންނާނެ ކަމަށް ދަ ގްރާންޑޭ ޓީމުން ބުނެ އެވެ. އަދި ބިދޭސީ ދެ ކުޅުންތެރިއަކު ގެނައުމުގެ ވިސްނުން އެ ޓީމުން ގެންގުޅެ އެވެ.
ދަ ގްރާންޑޭ އިން އިއްޔެ ޕްރެކްޓިސް ފެށިއިރު، އެ ކްލަބްގައި ބަދަލުވެފައި އޮތް ކަމަކީ މާފުށީގެ ޒުވާނުންގެ ރޫހާ ޓީމުގައި އޮތުމެވެ. ކުރިއަށް އޮތް ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގައި ދަ ގްރާންޑޭ ކުރިމަތިލާނެ ފުރަތަމަ މުބާރާތަކީ ޕްރެޒިޑެންޓްސް ކަޕް އެވެ.
އަންނަ މަހު 19 އިން ޖެނުއަރީ 23 އަށް ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕަކީ ނާދު އަށް ދަ ގްރާންޑޭގެ ޓީމު ބައްޓަން ކޮށްލަން ލިބޭ ރަނގަޅު ފުރުސަތެކެވެ. އެއީ ހަތަރު އަހަރަށް ފަހު މި ފަހަރު ޕްރެޒިޑެންޓްސް ކަޕް ކުޅޭއިރު، އެ މުބާރާތް އޮތީ ލީގު އުސޫލުން ކުޅޭ ގޮތަށެވެ. އެހެންކަމުން، ޕްރެޒިޑެންޓްސް ކަޕް ކުޅޭއިރު، ކޮންމެ ޓީމަކާ ވާދަވެރި ރަސްމީ މެޗެއް ކުޅެލަން ދަ ގްރާންޑޭ އަށް ފުރުސަތު ލިބޭނެ އެވެ. އޭގެ ބޭނުން ހިފައިގެން ދަ ގްރާންޑޭގެ އަމާޒަކީ އަންނަ ފެބްރުއަރީ ފަސް ވަނަ ދުވަހު ފަށަން ތާވަލުކޮށްފައި އޮތް ދިވެހި ޕްރިމިއާ ލީގަށް ވީ އެންމެ ރަނގަޅަށް ތައްޔާރުވުމެވެ.











