މެންޗެސްޓާ (ނޮވެމްބަރު 26) - މެންޗެސްޓާ ޔުނައިޓެޑްގެ ފޯމު މި ސީޒަނުގައި ދަށްވި ކަމުގައި ވިޔަސް އެ ޓީމަށް ކުޅޭ މަޝްހޫރު ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ގޯސްކޮށްފައިވާ ވާހަކަ ނުދެއްކޭނެ ކަމަށް ޕޯޗުގަލްގެ ފުޓްބޯޅަ ލެޖެންޑް ފީގޯ ބުނެފި އެވެ.
ޔުވެންޓަސް ދޫކޮށް މި ސީޒަނުގައި ޔުނައިޓެޑަށް ރޮނާލްޑޯ އައި ފަހުން އެ ޓީމުގެ އެޓޭކް ބަރޯސާވެފައި އޮތީ ވަކި ކުޅުންތެރިއަކަށް ކަމަށާއި އޭގެ ސަބަބުން އިދިކޮޅު ޓީމަށް ވަރަށް ފަސޭހައިން ޔުނައިޓެޑް ބަލިކޮށްލެވޭ ކަމަށް ބުނެ، އިނގިރޭސި މީޑިއާތަކުގެ އެނަލިސްޓުން އަންނަނީ ވާހަކަ ދައްކަމުންނެވެ. އަދި މެޗުގެ ތެރެއިން ބޯޅަ ނުލިބޭ ދަނޑިވަޅުތަކުގައި ރޮނާލްޑޯގެ ފަރާތުން އެކަށީގެންވާ މަސައްކަތުގެ ރޭޓެއް ނުފެންނަ ކަމަށް ވެސް ބައެއް އިނގިރޭސި ނޫސްވެރިން ތުހުމަތުކުރެ އެވެ.
އުމުރުން 49 އަހަރުގެ ފީގޯ ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ބުނީ ރޮނާލްޑޯއާ ދެކޮޅަށް އެ ދެކެވޭ ވާހަކަތަކުގެ ހަގީގަތެއް ނެތް ކަމަށެވެ.

ޕޯޗުގަލްގެ ފަރިތަކުރުމެއްގެ ތެރެއިން ރޮނާލްޑޯ (ކ) އާއި ފީގޯ.
"ޔުނައިޓެޑްގެ ފޯމު ދަށްވުމަކީ ރޮނާލްޑޯ ގޯސްވުމެއް ނޫން. ރޮނާލްޑޯ ގޯސްނަމަ މިހާތަނަށް ވެސް އެ ޖެހި މުހިއްމު ގޯލުތަކެއް ޖެހިފައި ނުހުންނާނެ. މީގެ މި އުޅެނީ ޓީމެއްގެ ގޮތުގައި އޮންނަން ޖެހޭ އޮގަނައިޒިންގެ މައްސަލައެއް،" ފީގޯ ބުންޏެވެ.
"ހުރި މައްސަލަތަކަށް ހައްލެއް ހޯދުމުގެ ބަދަލުގައި ރޮނާލްޑޯ އަށް ބަހުގެ ހަމަލާ ދިނުން އެއީ ރަނގަޅު ގޮތެއް ނޫން،"
ރޮނާލްޑޯ ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑަށް އޭނާ ކުޅެދިން ނުވަ މެޗުން ހަތަރު ގޯލު ޖަހައިފަ އެވެ. އަދި ޗެމްޕިއަންސް ލީގުގައި ފަސް މެޗުން ހަ ގޯލު ޖެހި އެވެ. ޔުނައިޓެޑް ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރަށް ކޮލިފައިކޮށްދިނުމުގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވަނީ ރޮނާލްޑޯ އަށެވެ. އޭނާ ގޯލު ޖަހާފައި ހުރީ ިމުޅިން ނަތީޖާ ބަދަލުކޮށްލަން އެހީ އަށް ޔުނައިޓެޑުން ބޭނުންވި ދަނޑިވަޅުތަކުގަ އެވެ.
ފީގޯ ވަނީ މި އަހަރުގެ ބެލޮންޑިއޯ އެވޯޑަށް ވެސް ރޮނާލްޑޯ ވާދަކުރާނެ ކަމަށް ބުނެފަ އެވެ.












