މުސްލިމުންގެ މަތިވެރި ހަލީފާއެއްކަމުގައިވި އުމަރު ބުނު އަބްދުލްއަޒީޒް އެކަލޭގެފާނުގެ މަރު ދާންމަތިކޮޅުގައި ވަނިކޮށް އެނގިވަޑައިގެންނެވި ކަމަކީ، އެކަލޭގެފާނުގެ ކާތަކެއްޗަށް ވިހައެއް ލައިފައިވަނީ އެކަލޭގެފާނުގެ ހާދިމްކަމެވެ. އެކަން އެނގިވަޑައިގަތުމާއެކު އެހާދިމްކަލޭގެ ގެންނަވައި އޭނާއާ ސުވާލުކުރެއްވި އެވެ. ތިޔައީ ކީއްވެ ކުރި ކަމެއް ހެއްޔެވެ؟ ހާދިމްކަލޭގެ ކުރިކަންތައް ފަޅާއެރުމުން ދެފައިތުރުތުރުއަޅާ ހާލުގައި ބިރުވެރިކަމާއެކު ހަގީގަތް ކިޔައިދިނެވެ. އޭނާ ބުނަނީ، ބަނީ އުމައްޔަތު (ބަނީ އުމައްޔަތު އާއިލާއަކީ އޭރު އޮތް ސިޔާސީގޮތުން ވަރުގަދަ ދަރިކޮޅެކެވެ.) ގެ ބޮޑެތި މީހުން، މިކަން ކުރާ މަތީން އަހަރެންނަށް އެއްހާސް ދީނާރު ދީފައިވެ އެވެ. އަދި އަހަރެން މިކަން ކޮށްފިނަމަ މިނިވަންކުރާނެކަމަށް އެމީހުން ވައުދުވެފައިވެ އެވެ. އެހިނދު ހަލީފާ ޢުމަރު ބުނު އަބްދުލްއަޒީޒް ވިދާޅުވި އެވެ. ތިޔަ އެއްހާސް ދީނާރު ގެންގޮސް މުސްލިމުންގެ ބައިތުލްމާލަށް ލާށެވެ. އަދި ކަލޭ ބޭނުންތާކަށް ކަލޭ ދާށެވެ. ކަލޭ ތިޔަހުރީ ﷲ އަށްޓަކައި މިނިވަންކޮށްފަ އެވެ. އަދި ބުނަން ހެއްޔެވެ؟ އަހަރެން ކަލެޔަށް މާފުވެސް ކޮށްފީމެވެ.
މި އަސަރުހުރި އާދަޔާ ހިލާފު ހާދިސާގެ ވެސް އެންމެ ފަހު އިބާރާތަށް ވިސްނާ ބުއްދިކޮށްލުމަކީ ވަރަށް މުހިންމު ކަމެކެވެ. އަހަރެން ކަލެޔަށް މާފުވެސް ކޮށްފީމެވެ.
ދެމީހެއްގެ ދެމެދުގައި ހިނގާ ދެބަސްވުމެއްގައި ނުވަތަ އާދައިގެ އަރާރުމެއްގައި އެކަކު އަނެކާގެ ކިބައިން މާފަށް އެދުމާއި އެދޭފަދައިން މާފުކޮށްފީމޭ ބުނުމަކީ ވެސް ފަސޭހަކަމެއް ނޫނެވެ. އަދި މާފުކޮށްފީމޭ ބުންޏަސް ތެދުވެރިކަމާއެކު ހިތްސާފުކުރުމަކީ އުނދަގޫ ކަމެކެވެ. އެކަމަކު މާބޮޑަށް އުނދަގޫ އަދި މާއުނދަގޫ ކަމަކީ، ކަނޑައެޅިގެން ތިމާއާ ދެކޮޅަށް މަސައްކަތްކުރާ ނުވަތަ މަސައްކަތްކުރި އަދާވާތްތެރިޔާއަށް މާފުކުރުމެވެ. އެފަދަ މީހާއާމެދު ހިތްސާފުކުރުމެވެ. ވަކީން ހާއްސަކޮށް ތިމާއަކީ ބަދަލުހިފޭނެ ފަދަ ބާރުވެރިކަމުގައި ހުރި މީހަކު ނަމަ އެވެ.
އާލްޢިމްރާން ސޫރަތުގެ 133 އަދި 134 ވަނަ އާޔަތުގެ މާނައިގައިވެ އެވެ. އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ހަޒުރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައި ވަނީ، ތަގުވާވެރިންނަށެވެ. އެއުރެންނަކީ، ތަނަވަސްކަމުގައްޔާއި، ދަތި ހާލުގައި، (މުދާ) ހޭދަކޮށް އުޅޭމީހުންނެވެ. އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. އިހްސާންތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެ އެވެ.
މިއާޔަތާމެދު ވިސްނާއިރު ފާހަގަވާ އެއް ކަމަކީ، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގޭގެ ހައްގުވެރިންގެ ސިފަތައް ބަޔާންކުރައްވާފައިވާއިރު، މީސްތަކުންނަށް މާފުކުރާ މީހުން ހިމަނާފައި އޮންނަ ކަމެވެ. އަދި އެލިސްޓްގައި ދެންހުރި ކަންކަމަށް ނަޒަރުކުރުމުން އިބުރަތްތަކެއް ލިއްބައިދެ އެވެ. ތަނަވަސްކަމާއި ދަތިހާލުގައި ވެސް މުދާ ހޭދަކުރުމަކީ އުނދަގޫ ކަމެކެވެ. ރުޅި މައިތިރިކޮށް ހިފެހެއްޓުމަކީ އުނދަގޫ ކަމެކެވެ. މާފުކުރުން އެއީ ވަކި ފަސޭހަކަމަކަށް ނުވާނެކަން މިއާޔަތުން ދޭހަކޮށްދޭކަމަށް މިދަންނަވަނީ އެހެންވެ އެވެ. މާފުކުރުމަށް އުނދަގޫކަމެއް ނެތް ހާލަތެއްގައި ކުރާ މާފަކީ އަދި ހަގީގީ މާފެއް ނޫންކަމަށް މިދަންނަވަނީ ވެސް އެހެންވެ އެވެ. މާފުކުރުމަކީ ބަދަލުހިފުމުގެ ކުޅަދާނަކަން އޮވެ މާފުކުރުމެވެ. މާފުކުރުމަކީ ހިތް ވެސް ސާފުކުރުމާއެކު މާފުކުރުމެވެ. މާފުކުރުމަކީ ތިމާ ލޯބިވާ މީހާގެ ފަރާތުން ހެދޭ ގޯސް ތަކަށް މާފު ކުރާ ބީދައިން ތިމާ ރުޅި އަންނަ މީހާގެ ފަރާތުން ހެދޭ ގޯސްތަކަށް ވެސް މާފްކުރުމާއެކު އެމީހަކަށް ހިތްނިޔަތް ރަނގަޅު ކުރުމެވެ.
އައްޝޫރާ ސޫރަތުގެ 40 ވަނަ އާޔަތުގެ މާނައިގައިވެ އެވެ. "ނުބައިކަމެއްގެ ޖަޒާއަކީ އެއާ އެއްފަދަ ނުބައިކަމެކެވެ. ފަހެ (ނުބައިކަމެއް ކޮށްފިމީހާއަށް) އަފޫކޮށް، ސުލްހަވެރިވެގަތްމީހާގެ ޖަޒާވަނީ، ﷲ ގެ ހަޒުރަތުގަ އެވެ. ހަމަކަށަވަރުން، އެކަލާނގެ، އަނިޔާވެރިންދެކެ ލޯބިވެވޮޑިގެނެއް ނުވެތެވެ." މި އާޔަތުން ދޭހަވާ އެއް ކަމަކީ ނުބައިކަމެއްގެ ބަދަލުގައި ޖަޒާ ލިބެނީ އެޔާ އެއްފަދައިން ކަމަށްވީ ނަމަވެސް، މާފުކުރާ މީހުންނަށް ހެޔޮ ޖަޒާދެއްވުމުގައި މާތް ﷲ ވަކި މިންވަރެއް ކަނޑައަޅުއްވާފައި ނުވާކަމެވެ. އަދި "އަފޫކޮށް، ސުލްހަވެރިވެގަތްމީހާ" މިގޮތަށް އޮތުމުން މާފުކުރުމަކީ ހަމައެކަނި އަނގައިން ބުނާ ބަހެއް ނޫންކަމާއި މާފުކުރުމަކީ މާފުކުރެވޭ މީހާއާއެކު ގުޅުން ދަމަހައްޓައި އެކުވެރިވެގަތުންކަން ވެސް މިއާޔަތުން ދަލީލުކޮށްދެ އެވެ.
މާތް ނަބިއްޔާ ހަދީސްކުރައްވާފައިވެ އެވެ. ސަދަގާތެއް ކޮށްގެން މުދަލަކުން މަދެއް ނުވާނެ އެވެ. މާފުކޮށްގެން މީހެއްގެ އިއްޒަތްތެރިކަން މެނުވީ އިތުރެއް ނުވާނެ އެވެ. ﷲ އަށްޓަކައި ހިތްތިރިކޮށްފި މީހާގެ ދަރަޖަ އެކަލާނގެ އުފުއްލަވާނެ އެވެ. ޔޫސުފްގެފާނާމެދު އެކަލޭގެފާނުގެ އެއްބަފާ ބޭކަލުން ހަސަދަވެރިވެ އެކަލޭގެފާނު ގެއްލުވާލި އެވެ. އެކަމަކު މާތް ﷲ ގެ މިންވަރުފުޅުން އެކަލާގެފާނަށް މަތިވެރި ބާރުވެރި މަގާމު ލިބިވަޑައިގަތެވެ. ބަދަލުހިފުމުގެ ބާރުވެރިކަމާއެކު އެކަލާގެފާނުގެ އާއިލާއާ ބައްދަލުވިހިނދު އިސްކުރެއްވީ މާފުކުރުމާއި އިހްސާންތެރި ކަމެވެ. ބަދުރު ހަނގުރާމައިގައި މާތް ނަބިއްޔާގެ އެތައް ދުޝްމަނުން އެކަލޭގެފާނުގެ ބާރުވެރިކަމުގެ ދަށަށް އައިހިނދު އިސްކުރެއްވީ އަފޫކުރެއްވުމާއި އިހްސާންތެރިކަމުގެ ނަމޫނާ އެވެ. މާފުކުރުމަކީ މުހިންމު ކަމެކެވެ. އަދި ރީތި އަހުލާގެކެވެ. ލީޑަރުންގެ ސިފައެކެވެ.
ރިވާވެގެންވެ އެވެ. ތާބިއީންގެ ޒަމާނުގައި ޖަމަލެއްގެ މަތީގައި ދަތުރުކުރަމުންދިޔަ ދަތުރުވެރިޔަކު ބީރައްޓެހި ސަހަރެއްގެ ތެރެއަށް ވަދެވުމުން ވެފައި ހުރި ވަރުބަލިން އޭނާގެ ޖަމަލު ދަނޑުފަނގެއްގެ ބޭރުގައި ބޭއްވުމަށްފަހު އަރާމުކޮށްލުމަށް ޖައްސާލި އެވެ. އެމީހާ ނިދާފައި އޮއްވައި ޖަމަލު ބަނޑުހައިވެގަނެގެން ދަނޑުފަނގުގެ ތެރެއަށް ވަދެ ދަނޑުގޮވާންތައް އެކަށް ހަރާބުކޮށްލައިފި އެވެ. ދަނޑުގެ ވެރިމީހާއަށް މިތަން ފެނި ޖަމަލަށް ހަމަލާދީ ޖަމަލު ގަތުލުކޮށްލި އެވެ. ދަތުރުވެރިޔާއަށް ހޭލެވުނުއިރު މިކަމެއް ހިނގާފައި އޮވެގެން އައިރުޅީގައި ދަނޑުގެ ވެރިޔާއާ ތަޅައިގަނެ މިކަމެއްގެ ތެރޭގައި ދަތުރުވެރިޔާގެ އަތުން ދަނޑުގެ ވެރިޔާ މަރުވެއްޖެ އެވެ. ދަތުރުވެރިޔާ ގެ މައްޗަށް ޝަރީއަތްކުރެވި ކުށްވެރިވާކަމަށް ކަނޑައެޅި މަރަށްމަރުހިފުމަށް ހުކުމްކުރެވުމުން، އޭނާ ބުނެފި އެވެ. ތިމަންނާގެ އާއިލާއަށް ތިމަންނާއަށް ވީގޮތެއް ވެސް ނޭނގޭނެ އެވެ. އެހެންވީމާ ތިމަންނާގެ އާއިލާގެގާތަށް ގޮސް އެމީހުންނާ އެއްފަހަރު ބައްދަލުކޮށްފައި އައުމަށް ދޫކޮށްލަދޭށެވެ. އެހިނދު ވެރިން އެންގެވީ ދޫކޮށްދެވޭނީ، ކަލޭ ނައިސްފިނަމަ ކަލޭގެ ބަދަލުގައި ގަތުލުވުމަށް އެއްބަސްވެ ކަލެޔަށް ހިމާޔަތްދޭނެ (ޖާމިނުވާނެ) މީހަކު ވެގެންނެވެ. ކޮންމެއަކަސް ޖާމިނުވާނެ މީހަކުވުމުން އެމީހާގެ އާއިލާ ގާތަށް ގޮސް އައުމުގެ ހުއްދަ އޭނާއަށްދިނެވެ.
އޭނާ ނައިސް ދުވަސްތަކެއް ފާއިތުވެދިއުމުން ޖާމިނުވި މީހާ ކައިރިއަށް މީހުން ގޮސް ބުނެފި އެވެ. އޭނާއެއް ނައެވެ. ދެންޖެހޭނީ ކަލޭ ގަތުލުކުރާށެވެ. އަޖައިބެއް ފަހެ ނުވާނެއްހެޔެވެ؟ ކަލޭ ނުވެސް ދަންނަ މީހަކަށް މަރުގެ މައްސަލައެއްގައި ޖާމިނު ތިޔަވީ ކީކޭ ހިތަށް އަރައިގެން ހެއްޔެވެ؟ އެހިނދު އެމީހާ ބުންޏެވެ. ގާތިލަކީ ބީރަށްޓެއްސެކެވެ. އެކަމަކު އޭނާއަކީ ވެސް މުސްލިމެކެވެ. މުހައްމަދުގެފާނުގެ އުންމަތުން މުރޫއަތްތެރިކަން ފިލައިގޮސްފިކަމަށް ބުނާ އަޑުއަހަން އަހަރެން ބޭނުންނުވީ އެވެ. ކޮންމެއަކަސް ޖާމިނުވި މީހާ ގަތުލުކުރަން ތައްޔާރުވަމުންދަނިކޮށް ބީރަށްޓެހި މީހާ އަނބުރާ އަތުވެއްޖެ އެވެ. މީސްތަކުން އަޖައިބުވެގެން އޭނާއާ ސުވާލުކޮށްފި އެވެ. ކަލޭ މިތަނަށް އައުމުގެ ނަތީޖާއަކީ މަރުގެ އަދަބުކަން އެނގޭއިރު ތިޔައައީ ކީއްވެ ހެއްޔެވެ؟ އެހިނދު އެމީހާ ބުނެފި އެވެ. މުހައްމަދުގެފާނުގެ އުންމަތުން އަހުދަށް ވަފާތެރިވުން ފިލައިހިނގައްޖޭ ބުނާ އަޑުއަހަން އަހަރެން ބޭނުންނުވީ އެވެ. އެހިނދު މަރުވި މީހާގެ ވާރުތަވެރިން ބުނެފި އެވެ. މުހައްމަދުގެފާނުގެ އުންމަތުން މާފުކުރުން ފިލައިގޮސްފިކަމަށް ބުނާ އަޑުއަހަން ތިމަންމެން ބޭނުމެއް ނޫނެވެ. އަހަރެމެން ކަލެޔަށް މާފުކޮށްފީމެވެ.








