ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުން ސަރުކާރު ކުންފުނިތަކަށް މަނާކުރަނީ

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްޓެލްކޯއިން އަޅަމުންދާ ޓަވަރުތައް: މި ޓަވަރުތަކުގެ މަސައްކަތް ނިމި މީހުންނަށް އުޅެވޭނީ އަންނަ އަހަރުގެ މެދުތެރޭ. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްޓެލްކޯއިން އަޅަމުންދާ ޓަވަރުތައް: މި ޓަވަރުތަކުގެ މަސައްކަތް ނިމި މީހުންނަށް އުޅެވޭނީ އަންނަ އަހަރުގެ މެދުތެރޭ. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ބޭނުމުގައި ސަރުކާރުން ހިންގާ ސޯޝަލް ހައުސިން އެއްވެސް މަޝްރޫއެއް ހިންގުން ސަރުކާރު ކުންފުނިތަކަށް މަނާ ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ އެސްއޯއީ ކޮމިޓީން ފާސްކޮށްފި އެވެ.

ސޯޝަލް ހައުސިން ޔުނިޓުތަކެއް ހިމަނޭގޮތަށް ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދޭން އެސްއޯއީތަކާ ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ "ހިޔާ" މަޝްރޫއުގެ ތެރެއިންނެވެ.

މިގޮތަށް މި މަސައްކަތް ކުރަން ނޮވެމްބަރު 2017 ގައި ހަވާލުކުރީ، އެއް ފަހަރާ ގިނަ ބަޔަކަށް ބޯހިޔާވަހިކަން ހޯދައި ދިނުމުގެ ބޭނުމުގައި ކަމަށް އޭރުގެ ސަރުކާރުން ބުންނެވެ.

އެކަމަކު މިއަދާ ހަމައަށް ވެސް އެއްވެސް ކުންފުންޏަކުން އިމާރާތްކުރި ފްލެޓެއްގެ މަސައްކަތް އެއްކޮށް ނުނިމެ އެވެ. އެސްއޯއީ ކޮމިޓީން މި މައްސަލަ ބަލަން ފެށީ ވެސް މި މަސައްކަތް ނުނިމި ދިގުލައިގެންދާތީ އެވެ.

ފްލެޓުތައް މައްސަލައިގައި ކޮމިޓީން ވަނީ އެ މަސައްކަތް ހަވާލުކުރި ސަރުކާރު ކުންފުނިތަކާއި ޕްލޭނިން މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ވެރިން ހާޒިރުކޮށްގެން ކަމާ ގުޅޭ މައުލޫމާތު އޮޅުން ފިލުވާފަ އެވެ. އަދި މަސައްކަތް ފަށާފައިވާ ސައިޓުތަކަށް ވެސް މެމްބަރުން ޒިޔާރަތްކުރި އެވެ.

ގިނަ ދިރާސާތަކަކަށް ފަހު މި މައްސަލައިގައި ގޮތެއް ނިންމަން އިއްޔެ ކުރިޔަށް ދިޔަ ކޮމިިިޓީ ބައްދަލުވުމުގައި، ކޮމިޓީއަށް ފާހަގަކުރެވުނު ކަންކަމުގެ ތެރޭގައި މި ޕްރޮޖެކްޓުތައް ހިންގަން ޖެހުމުން ކުންފުނިތަކުގެ މާލިއްޔަތަށް ބުރަ ބޮޑުވުން ހިމެނެ އެވެ.

އެގޮތުން ކުންފުނިތަކުގެ މެންޑޭޓުން ބޭރުން އިތުރު ކަންކަމަށް ފައިސާ ހަރަދުކުރަން ޖެހުމުން ކުންފުނިތަކުގެ ކޭޝްފްލޯ ތާށިވާ ކަމަށާއި މީގެ ސަބަބުން މެންޑޭޓުގައި ހިމެނޭ ކަންކަން ނުކުރެވިދާކަމަށް ކޮމިޓީގެ ދިރާސާއިން ފާހަގަކުރެވުނެވެ.

މިސާލެއް ދެމުން އެސްއޯއީ ކޮމިޓީގެ މުގައްރިރު ހުޅުދޫ ދާއިރާ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވި ގޮތުގައި، ފްލެޓު ޕްރޮޖެެކްޓަށް ބޭނުންވާ ފައިސާ ހަމަނުޖެހިގެން މެޝިނަރީޒް ގަންނަން އެމްޕީއެލްއިން ނެގި ލޯނެއްގެ ބައިކުޅަބައި ހަރަދުކޮށްގެން އެ ކުންފުނިން އަޅަމުންދާ ޓަވަރުތަކަށް ފައިސާ ދެއްކި އެވެ.

ކުންފުނިތަކުގެ ކޭޝްފްލޯ ތާށިވުމުގެ ސަބަބުން ލިކުއިޑިޓީ ރޭޝިއޯއަށް އަސަރުކޮށް، ކުންފުނީގެ އަސްލު މަސައްކަތަށް ބުރޫއެރުމުގެ އިތުރުން ދައުލަތުގެ މާލިއްޔަތަށް ބުރަ ބޮޑުވާ މައްސަލަ ވެސް ކޮމިޓީން ފާހަގަކުރި އެވެ.

މިހާރު ވެސް ގިނަ ކުންފުނިތަކަކީ ސަބްސިޑީ އާއި ކެޕިޓަލް އިންޖެކްޝަންސް ދީގެން ހިންގާ ކުންފުނިިތަކެވެ. އެހެންކަމުން ހައުސިން ފަދަ މަޝްރޫއުތައް ހިންގަން ހަދައިގެން ކުންފުނިތަކުގެ ކޭޝްފްލޯއަށް މައްސަލަ ދިމާވުމުން ދައުލަތުން އަނެއްކާ ހަރަދުކުރަން ޖެހުން ދެކޮޅު ނުޖެހޭ ކަމަށް ކޮމިޓީން ފާހަގަކުރި އެވެ.

މިގޮތަށް ކުންފުނިތަކަށް ހައުސިން ޕްރޮޖެކްޓުތައް ހިންގުން މަނާކުރުމާ ދެކޮޅަށް ކޮމިޓީގައި ވާހަކަ ދެއްކެވި ނައިފަރު ދާއިރާގެ އިދިކޮޅު މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، މިއީ އެއްފަހަރާ ގިނަ ބަޔަކަށް ބޯހިޔާވަހިކަން ހޯދައިދޭން ރަނގަޅު ސިޔާސަތެއް ކަމަށެވެ. އަދި އެ ބޭނުމަށް ބަލާއިރު ހައުސިން މަޝްރޫއުތައް ހިންގުން ކުންފުނިތަކަށް މަނާކުރުން ރިިޕޯޓުން އުނިކުރެއްވި އެވެ.

ރައްދުގައި މުގައްރިރު އިލްޔާސް ވިދާޅުވީ ހުށަހަޅާފައި ވަނީ ސަރުކާރުން ހިންގާ ސޯޝަލް ހައުސިންް މަޝްރޫއުތައް ހިންގުން މަނާކުރަން ކަމަށާއި، ކުންފުންޏަކަށް އެވަރަށް ފައިދާވެ ރިއަލް އެސްޓޭޓަށް ވަންނަން މަނާ ނުކުރާ ކަމަށެވެ.

"ކުންފުންޏަކަށް އެވަރަށް ފައިދާވާ ނަމަ ފްލެޓު އަޅަން ހުރަހެއް ނެތް. އެވަރުގެ ކޭޕަބަލް ކުންފުނިތަކެއް ވެއްޖިއްޔާ އެކަން ކުރަންވީ" އިލްޔާސް ވިދާޅުވި އެވެ.

މެމްބަރުންގެ މެދުގައި މިކަމާ މެދު ބަހުސްކުރުމަށް ފަހު ނިންމީ ސޯޝަލް ހައުސިން މަޝްރޫއުތައް ހިންގާނީ ސަރުކާރުން ހައުސިންއަށް ހާއްސަކޮށްގެން އުފައްދާފައިވާ ކުންފުނިތައް އެކަނި ކަމަށެވެ. އެއީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އެވެ.

ސަރުކާރު ކުންފުނިތަކަށް ފްލެޓު އެޅުން މަނާކުރަން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ތާއީދުކުރައްވަ އެވެ. ކުރިން ބޭއްވި ކޮމިޓީ ބައްދަލުވުމެއްގައި އަސްލަމް ވިދާޅުވީ މި ސަރުކާރުން ހައުސިންއަށް ހާއްސަ ކުންފުނިތައް ނޫން ސަރުކާރު ކުންފުންޏަކާ ހައުސިން ޕްރޮޖެކްޓެއް ހަވާލުނުކުރާނެ ކަމަށެވެ.

މިކަމުގައި އޭނާގެ ކަންބޮޑުވުންތައް ހިއްސާކުރަމުން އަސްލަމް ވިދާޅުވީ، އެއީ ރަނގަޅު ސިޔާސަތެއް ނޫން ކަމަށާއި މިހާރު ވެސް ބައެއް ކުންފުނިތަކާ ހަވާލުކުރި މަސައްކަތްތައް ނުކުރެވި، ފައިސާތަކެއް އިސްރާފުވެފައިވާ ކަމަށެވެ. އަދި ބައެއް ކުންފުނިތަކަށް ހައުސިން މަޝްރޫއު ހިންގޭނެ ގޮތެއް ނުވިސްނޭ ކަމަށް ވިދާޅުވި އެވެ.

"ސަރުކާރުގެ ވިސްނުމެއް ނެތް އެސްއޯއީތަކާ ހަވާލުކުރަން. (މިސާލަކަށް) އެމްއެންޔޫއަށް ހައުސިން ޑިވެލޮޕްމަންޓެއް ހިންގޭނެ ގޮތެއް ނުވިސްނޭ" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ މިގޮތަށް ހުއްޓިފައި ހުރި ޕްރޮޖެކްޓުތަކުގައި ކޮންޓްރެކްޓު ކުރެވިފައި ހުރި މަސައްކަތްތަކެއް ހިމެނޭތީ އިތުރު ތަކުލީފުތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އަދި ބިން އަނބުރާ ނަގަން ބޭނުންވިޔަސް، އެކަން ކުރަން ޖެހެނީ ކޮންޓްރެކްޓު ބާތިލުކުރުމުގެ ދިގު މަރުހަލާ ފުރިހަމަކުރުމަށް ފަހު ކަމުން، އެހެން ބަޔަކާ ހަވާލުކޮށްގެން ވެސް އެކަން ކުރަން ދަތިތަކާ ދިމާވާ ކަމަށެވެ.

"ކޮންޓްރެކްޓެއް އޮތީމާ، ކޮންޓްރެކްޓުގެ ތެރެއިން ދާން ޖެހެނީ. ބައިވަރު މަރުހަލާތައް ހިނގާ. ހުސް ބިން ހުއްޓަސް ބިން ހުންނަނީ ތާށިވެފައި." އަސްލަމް ވިދާޅުވި އެވެ.

ސޯޝަލް ހައުސިން ފްލެޓުތައް އެޅުން މަނާކުރުމުގެ އިތުރުން، ކޮމިޓީން ވަނީ މި ފްލެޓުތައް ހަވާލުކުރުމުގައި ހުރި އުސޫލުތައް ހަރުދަނާ ކުރުމަށާއި މުވައްޒަފުންނަށް ލުއިގޮތަކަށް ފްލެޓުތައް ލިބޭނެ މަގުފަހިކޮށްދޭން ކުންފުނިތަކަށް އަންގަން ރިޕޯޓުގައި ހިމަނާފަ އެވެ. އަދި، މިހާރު ހުރި އުސޫލުތަކުގެ ސަބަބުން އެންމެ ބޭނުން ޖެހިފައިވާ މުވައްޒަފުންގެ ތެރެއިން ބަޔަކު ބާކީވާތީ، އެ މައްސަލައަށް ހައްލެއް ހޯދަން ވެސް ރިޕޯޓުގައި ހިމެނި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox