ޣައިރު ހާޒިރުގައި ހުކުމްކޮށް, އެ ހުކުމް ތަންފީޒުކުރުމުގެ ބަދަލުގައި ޕާސްޕޯޓް ހިފަހައްޓައި އެތައް އަހަރެއްވެފައިވާ ގިނަ ބައެއްގެ މައްސަލަ ސަމާލުކަމަށް އައިސް އެކަމުގައި ހައްލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ހުށަހެޅުންތަކެއް ހުށަހަޅައިފި އެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله ޖުޑިޝަރީ ކޮމިޓީއަށް ހުށަހެޅި މި މައްސަލަ ބެލުމަށްފަހު އެ ކޮމިޓީން މިހާރު ވަނީ ރިޕޯޓެއް އެކުލަވާލާފަ އެވެ.
އެ ރިޕޯޓްގައިވާ ގޮތުން ޣައިރު ހާޒިރުގައި ހުކުމްކޮށް އެ ހުކުމް ތަންފީޒުކުރުމަކާ ނުލައި މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ނިޔަލަށް 287 މީހަކު ތިއްބެވެ.
އެ އަދަދު މި ވޭތުވެދިޔަ އަހަރު ތެރޭ ވަނީ ބޮޑުވެފަ އެވެ. އެގޮތުން, މިދިޔަ އޮކްޓޯބަރު މަހުގެ ނިޔަލަށް ޣައިރު ހާޒިރުގައި ހުކުމްކޮށް އެ ހުކުމް ތަންފީޒުކުރުމަކާ ނުލައި ޕާސްޕޯޓް ހިފަހައްޓާފައިވާ 422 މީހަކު އެބަ ތިއްބެވެ.
މީގެ ތެރޭގައި ބިދޭސީން ވެސް ހިމެނެ އެވެ. އަދި މީގެ ތެރެއިން 17 މީހެއްގެ މައްސަލައަކީ މިހާރު އަމަލު ކުރަމުންދާ ގާނޫނުއަސާސީގެ ކުރިން ނިންމާފައިވާ މައްސަލަތަކެވެ. އެމީހުންގެ ޕާސްޕޯޓް އެގޮތަށް ހިފަހައްޓާފައި ހުންނަތާ އެހާ ދުވަސްވީ އެވެ.

ޣައިރު ހާޒިރުގައި މަދަނީ އަދި ޖިނާއީ ކުށްތަކުގައި ވެސް ހުކުމްކޮށްފައިވެ އެވެ. މަދަނީ މައްސަލަތަކުގެ ތެރޭ ދަރަންޏާއި ފައިސާ ނުދައްކާ މައްސަލަތައް ގިނަ އެވެ.
ޖިނާއީ މައްސަލަތަކުގެ ތެރޭ މަސްތުވާތަކެއްޗާއި ޖިންސީ ގޯނާ އާއި ޒިނޭ އާއި ޓެރަރިޒަމްގެ މައްސަލަތަކުގައި ކުށް ސާބިތުވެފައިވާ މީހުން ހިމެނެ އެވެ.
ޣައިރު ހާޒިރުގައި ހުކުމްކޮށްފައިވަނީ ޖަލަށްލުމަށާއި ގޭބަންދާއި އަރުވާލުން އަދި ކޮމިއުނިޓީ ސާވިސްއަށެވެ. ޑައިމޯފިން ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ޣައިރު ހާޒިރުގައި 25 އަހަރަށް ޖަލަށްލާން ހުކުމްކޮށް އެ ހުކުމް ތަންފީޒުނުކުރާ މީހަކު ވެސް އެބަ ހުއްޓެވެ.
ގިނައީ ކުރު މުއްދަތުގެ ހުކުމްތައް ކަމަށްވީ ނަމަވެސް, އެ މުއްދަތު ހަމަވެގެން ދިޔަ ފަހުން ވެސް ޕާސްޕޯޓް ދޫކޮށްލާފައެއް ނުވެ އެވެ.

ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން
ހާޒިރުގައި ޝަރީއަތް ހިންގުމުގެ އަސާސީ ހައްގު
އާ ގާނޫނުއަސާސީގެ ދަށުން ހާޒިރުގައި ޝަރީއަތް ހިންގުމުގެ ހައްގު ހޯދައިދީފައިވާއިރު, ޖިނާއީ މައްސަލަތަކުގައި އެމީހެއްގެ ޣައިރު ހާޒިރުގައި ޝަރީއަތްކުރެވިދާނެ ގޮތްތަކެއް އިޖްރާއަތާ ބެހޭ ގާނޫނެއްގައި ވެސް ނެތެވެ.
އަދި މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އިސްތިސްނާ ހާލަތެއްގެ ގޮތުގައި ދެވިފައިވާ ހަނި ފުރުސަތަށްވުރެ, ފުޅާކޮށް ޖިނާއީ މައްސަލައެއްގައި ޣައިރު ހާޒިރުގައި ޝަރީއަތް ކުރެވިގެން ނުވާނެ ކަމަށް ކޮމިޓީ ރިޕޯޓްގައި ފާހަގަކުރި އެވެ.
މަދަނީ މައްސަލަތަކުގައި ވެސް މީހެއްގެ މައްޗަށް ޣައިރު ހާޒިރުގައި ހުކުމްކުރުން ބަޔާންކުރާ ވަކި ގާނޫނެއް ރާއްޖޭގައި ނުވާކަން ވެސް ފާހަގަކުރި އެވެ. ނަމަވެސް "ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު"ގެ 28 ވަނަ މާއްދާއަށް ހަވާލާދީ މަދަނީ މައްސަލަތަކުގައި ޣައިރު ހާޒިރުގައި ހުކުމްކުރަމުންދެ އެވެ.
ސުޕްރީމް ކޯޓުން މިފަހުން ނިންމި މައްސަލައެއްގެ ހުކުމްގައި ފާހަގަކުރި ގޮތުގައި، އެ ގަވައިދަކީ އެއްވެސް ހާލަތެއްގައި މަދަނީ މައްސަލައެއް ދައުވާ ލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި ހުކުމް ކުރުމަށް ފުދޭ ގަވައިދެއް ނޫނެވެ. އަދި އެ ގަވާއިދުގައި ޣައިރު ހާޒިރުގައި ހުކުމް ކުރުމާ ގުޅޭ އެއްވެސް ތަފްސީލެއް ނެތް ކަމަށް ހުކުމުގައި ފާހަގަކުރައްވާފައި އޮވެ އެވެ.
"ޣައިރު ހާޒިރުގައި ކުރާ ހުކުމެއް ކޮށްފިކަން އެ ހަސްމަކަށް އެނގޭ ހިސާބުން އެ ހަސްމު ދެން އަމަލު ކުރަންވީ ގޮތާއި ކޯޓުތަކުން އަމަލު ކުރަންވީ ގޮތް އެނގެން ނެތުމުން ޣައިރު ހާޒިރުގައި ކުރެވޭ މިފަދަ ހުކުމްތަކުން އިންސާފު ގެއްލުމަށް މަގުފަހިވެ އެވެ." ހުކުމްގައި ވެއެވެ.
ހުކުމް ތަންފީޒުކުރަން ޒިންމާ އަދާކޮށްފައެއް ނެތް
ޣައިރު ހާޒިރުގައި ހުކުމްކޮށް ދިގު މުއްދަތެއް ފާއިތުވެ ގޮސްފައިވަނީ ތަންފީޒީ އިދާރާތަކުން އެ ފަރާތްތައް ހޯދައި ހުކުމް ތަންފީޒުކުރުމަށް އެކަށީގެންވާ މަސައްކަތްކޮށްފައި ނެތުމުން ނުވަތަ ޒިންމާ ފުރިހަމައަށް އަދާކޮށްފައި ނެތުމުންކަމަށް ވެސް ރިޕޯޓްގައި ވެއެވެ.
"ތަންފީޒުކުރަންޖެހޭ އަސްލު ހުކުމުގެ އަދަބު ތަންފީޒުކުރުމަށް ކަމާގުޅުންހުރި މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގައި ފަރުވާލެއް ނުބަހައްޓައި، އެ އަދަބުގެ ބަޔަކަށް ނުވާ ގޮތަށް އޮތް ކަމެއްކަމުގައިވާ އެ މީހެއްގެ ޕާސްޕޯޓު ގިނަ ޒަމާންތަކަކަށް ހިފަހައްޓައިގެން އުޅުމަކީ ހަމަޖެހޭ ކަމަކަށްނުވުން، އަދި އެއީ އިންސާފުވެރި ގޮތެއް ކަމަށް ބެލެވެން ނެތް," ރިޕޯޓްގައި ވެއެވެ.
އެހެންވެ, ކޮމިޓީން ނިންމީ ޣައިރު ހާޒިރުގައި ހުކުމްކޮށްފައިވާ މައްސަލަތަކުގެ ބާވަތަށް ބަލައި, އެމީހަކު އިތުރަށް ބަންދުކުރުމުގެ މަސްލަހަތެއް ނެތްނަމަ, އެމީހަކު މިނިވަންކުރުމަށް ގާނޫނީ އަވަސް ހައްލެއް ހޯދުމަށް ބަންޑާރަ ނައިބުގެ އޮފީހަށް ދަންނަވާށެވެ.
މީގެ އިތުރުން, ޣައިރު ހާޒިރުގައި ހުކުމްކޮށް ޕާސްޕޯޓް ހިފަހައްޓާފައިވާ 422 މީހުންގެ ތެރެއިން ޕާސްޕޯޓް އަވަހަށް ދޫކޮށްލަން ޖެހޭ މީހުން ވެސް ރިޕޯޓްގައި ފާހަގަކުރި އެވެ.
- ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ޖިނާއީ މައްސަލަތަކުގައި ޣައިރު ހާޒިރުގައި ޝަރީއަތްކޮށް ހުކުމްކޮށްފައިވާ މީހުން.
- ޣައިރު ހާޒިރުގައި ޝަރީއަތްކޮށް ހުކުމް އިއްވިތާ ގިނަ އަހަރުތައް ފާއިތުވި އިރުވެސް ހުކުމް ތަންފީޒުކުރުމަށް ހަވާލުކުރެވިފައިނުވާ މީހުން..
- ޣައިރު ހާޒިރުގައި ޝަރީއަތްކޮށް ކުރު މުއްދަތެއްގެ ހުކުމެއް، ނުވަތަ ޖިނާއީ ބޮޑު ކުށަކަށް ނުވާ މައްސަލައެއްގެ ހުކުމެއް އިއްވައި، އެ ހުކުމް ތަންފީޒުކުރުމަށް ހަވާލުކުރެވިފައިނުވާ މީހުން.












