މާލޭގެ ނައިޓް މާކެޓް މި ފަހަރު ބާއްވާނީ ބޮޑުކޮށް، އިންތިޒާމު ވެސް ރަނގަޅަށް ކަމަށް, ނައިޓް މާކެޓް ބާއްވާ ކުންފުނިން ބުނެފި އެވެ.
ކުރިން ވެސް އެކި އިވެންޓްސްތައް އިންތިޒާމުކޮށްފައިވާ ޕްރިޒަމް ހޯލްޑިންގްސްގެ އިވެންޓް މެނޭޖަރު ޝަރީފާ އިސްމާއީލް ވިދާޅުވީ ޒަމާނުއްސުރެ ކޮންމެ އަހަރަކު މާލޭގައި ބާއްވަމުން އައި ނައިޓް މާކެޓް މި ފަހަރު އެ ކުންފުނިން އިންތިޒާމު ކުރަން ލިބިފައި ވާއިރު، މަސައްކަތް ކުރަމުން އަންނަނީ "ހުރިހާ ކަމެއް ވެސް ވަރަށް ފުރިހަމަ ކުރަން" ކަަމަށެވެ.
މާލޭގެ ނައިޓް މާކެޓް އޮންނާނީ ޑިސެމްބަރު 26 އިން ފެށިގެން 10 ދުވަހަށް، ބޮޑުތަކުރުފާނު މަގުގެ ތާޖުއްދީން ސްކޫލާ ހަމައިން މަޖީދީ މަގުން މާފަންނު މަދަރުސާއާ ހަމައަށެވެ.
ނައިޓު މާކެޓުން 200 އަށް ވުރެ ގިނަ ސްޓޯލް ވިއްކަން ނިންމާފައިވާ ކަމަށާއި، އާދީއްތަ ދުވަހުން ފެށިގެން ގޮޅިތައް ވިއްކަން ފަށާނެ ކަމަށް ޝަރީފާ ވިދާޅުވި އެވެ.
"ހުރިހާ ބާވަތެއްގެ ވިޔަފާރިތަކަށް ވެސް، ވިޔަފާރިކުރާ ހުރިހާ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ. އިންތިޒާމުތައް ވަރަށް ބޮޑަށް ފުރިހަމަ ވާނެ. ސްޓޯލްތައް ވަކިވަކިން ހުންނާނީ. ތޮއްޖެހުން ކުޑަވާނެ. ސްޓޯލް ގަންނަ ފަރާތްތަކަށް ކަރަންޓް ވެސް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
މި ފަހަރުގެ ނައިޓް މާކެޓް، ސްކޫލު ބަންދާއި ބޮޑު ޗުއްޓީއާ ވެސް ދިމާވާތީ ވަރަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ޝަރީފާ ވިދާޅުވި އެވެ.
ސްޓޯލް ގަންނަން ފޯމް ލިބޭނީ ކުންފުނީގެ ވެބްސައިޓުންނެވެ. ހޮޓްލައިން ނަންބަރަކީ 9966828 އެވެ.
މާލޭގައި އެންމެ ފަހުން ނައިޓް މާކެޓް ބޭއްވީ 2019 ވަނަ އަހަރު އެވެ. މިދިޔަ އަހަރު ބާއްވަން އުޅުނު ނައިޓު މާކެޓް ނުބާއްވަން ނިންމީ ކޮވިޑް ފެތުރެން ފެށުމުންނެވެ.









