އަތޮޅުތެރޭ ރަށްރަށުގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ގިނަ ރަށްރަށުން ބަލި ކޮންޓްރޯލްކުރުމަށް އެއްބާރުލުމެއް ނުލިބޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފި އެވެ.
އެޗްޕީއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އެޖެންސީގެ އަތޮޅު ކްލަސްޓާގެ ހެޑް އަބްދުﷲ މައުރޫފް ވިދާޅުވީ އަތޮޅު ތެރޭގެ ހާލަތު މިދިޔަ އެއް މަސް ދުވަސް ތެރޭ މަޑު މަޑުން ގޯސްވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންނަމަވެސް, އެ ރަށްރަށުގައި ކޮވިޑު ކޮންޓްރޯލްކުރަން ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަތޮޅު ތެރެއިން ވެސް އަޅުގަނޑުމެންނަށް އެންމެ ފާހަގަކުރެވޭ ކަމަކީ ކޮވިޑުގެ މަސައްކަތްތައް ކުރެވެމުންދާއިރުގަ އެންމެ އެކަށީގެންވާ މައުލޫމާތު ނުލިބޭކަން. ކޮންޓެކްޓް ޓްރޭސިން ހަދަމުންދާއިރުގައި ކޮންޓެކްޓް ޓްރޭސިންއަށް މައުލޫމާތު ނުލިބޭ ކަމަށްވަންޏާ އޭގެ ވަރަށް ފަސޭހައިން ބަލި ފެތުރިގެން އެބަދޭ،" މައުރޫފް ވިދާޅުވި އެވެ.
އަދި ބައެއް ފަހަރު ގަބޫލުކުރަން ދަތިވާ ގޮތަށް ވެސް ބައެއް ފަރާތްތަކުން ކޮންޓެކްޓް ޓްރޭސިންއަށް މައުލޫމާތު ދޭން ދެކޮޅު ހަދާފައި އެބަ ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން ބައެއް ފަހަރު ޕޮޒިޓިވްވާ ކުޑަކުއްޖެއްގެ މައިންބަފައިން ވެސް ކޮންޓެކްޓުންނަށް ނުވާނޭ ކަމަށް ބުނެ މައުލޫމާތު ދޭން ދެކޮޅުހަދާފައި އެބަ ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕޭރެންޓްސް އެބަ ދެކޮޅު ހަދައޭ ކޮންޓެކްޓުންކަމަށް. ދެން ރަށްރަށުގަ ދިރިއުޅުމުގެ ކަންކަން މި ހުންނަ ގޮތުން، އެއްބަޔަކު އަނެއްބަޔަކާ ވަރަށް ބޮޑަށް މަސްހުނިވެ އެކީގަ އުޅެމުން މިދަނީ. އުޅޭއިރުގަ އަޅުގަނޑުމެންނަށް އެއީ ކޮންޓެކްޓުންކަން އެނގޭ ހިސާބުން އެކަހެރި ނުކުރެވޭކަމަށްވާނަމަ ބަލި ކޮންޓްރޯލްކުރަން ވަރަށް ބޮޑަށް އުނދަގޫވެގެންދާނެ،" މައުރޫފް ވިދާޅުވި އެވެ.
ކޮންޓެކްޓް ޓްރޭސިންއަށް މިފަދަ ދަތިތަކެއް ހުރިއިރު ރަށްރަށުގައި ދިރިއުޅުން ހުންނަ ގޮތުން ވެސް ގިނަ ބަޔަކު އެއްވެ އުޅޭ ކަމަށާއި އެހެންކަމުން ބަލި ފެތުރެން މަގުފަހިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި އޭގެ އިތުރުން ވެސް މޫވްމެންޓް ގިނަ ރަށްރަށުގައި ބަލި އުޅޭތޯ ބެލުމަށް ރެންޑަމް ސާމްޕަލް ވެސް ނަގަމުންދާއިރު، އެކަމަށް ވެސް ތަރުހީބު ކުޑަކަން އޭނާ ފާހަގަކުރެއްވި އެވެ.
"(ރެންޑަމް ސާމްޕަލް) އެއީ އެރަށްރަށުގަ ބަލި އުޅޭތޯ ދެނެގަތުމަށްޓަކައި. އެހެނަސް އެންމެ އެކަށީގެންވާ ތަރުހީބެއް ރެންޑަމް ސާމްޕްލިންއަށް ވެސް ނުލިބޭކަން ހިތާމައާއެކު ފާހަގަކުރަން،" މައުރޫފް ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވީ އެކި ރަށްރަށުން އެކްޓިވް ކޭސްތަކުގެ ގޮތުގައި ޖުމްލަ 1،136 ކޮވިޑް ކޭސް މިހާރު ވެސް އެބަ ހުރި ކަމަށެވެ. އަދި އަތޮޅުތެރޭގެ ޖުމްލަ 69 ރަށެއްގައި އެކްޓިވް ކޭސް ހުރި އިރު 19 ރަށެއް މިވަގުތު މޮނިޓަރިންގައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަތޮޅުތެރޭގެ ތަފާސްހިސާބުތަކަށް ބަލާއިރުގަ ނޮވެމްބަރު މަސް ފެށުނީއްސުރެން މިއަދާ ހަމަޔަށް، ނޮވެމްބަރު މަސް ތެރޭގަ އަތޮޅު ތެރޭގަ ތަންކޮޅެއް ގިނައިން ނަމަވެސް ރަށްތައް މޮނިޓަރިންއަށް ލެވި، އަތޮޅުތެރޭގެ ކޭސްތައް ފާއިތުވެދިޔަ މަހެއްހާ ދުވަހު މިދިޔައީ އިތުރުވަމުން،" މައުރޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިވަގުތު އެންމެ ކޭސްތައް ގިނަ ރަށްތަކުގެ ގޮތުގައި ފާހަގަކުރެވެނީ އައްޑޫ ސިޓީ ކަމަށެވެ. އެގޮތުން, އައްޑޫގައި ޖުމްލަ 291 ކޭސް ހުރިއިރު، ހިތަދޫގައި އެކަނި ވެސް 165 ކޭސް އެބަ ހުރި ކަމަށް މައުރޫފް ވިދާޅުވި އެވެ.
އަދި އޭގެ އިތުރުން ވެސް އަށް ރަށެއްގައި 30 ކޭހަށްވުރެ ގިނަ ކޭސް އެބަ ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ގއ. ވިލިނގިލި، ނ. ހޮޅުދޫ، ލ. ގަން، ތ. ތިމަރަފުށި، ރ. މަޑުއްވަރީ، ނ. ވެލިދޫ އަދި ފުވައްމުލައް ސިޓީ ހިމެނޭކަމަށް މައުރޫފް ވިދާޅުވި އެވެ.













