ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ނޮވެމްބަރު 23) - ކާމިޔާބު ބާސްކެޓްބޯޅަ ކުޅުންތެރިޔާ ލެބްރަން ޖޭމްސްގެ 18 އަހަރުވީ ޕްރޮފެޝަނަލް ކެރިއަރުގައި ފުރަތަމަ ފަހަރަށް މެޗަކަށް ސަަސްޕެންޑްކޮށްފި އެވެ.
ޖޭމްސް ސަސްޕެންޑްކުރަން ނިންމީ އާދިއްތަ ދުވަހުގެރޭ އެންބީއޭގައި ޑެޓްރޮއިޓް ޕިސްޓަންސް އާއި އެލްއޭ ލޭކާސް ބައްދަލުކުރި މެޗުގައި ހިނގާދިޔަ ކަންތައްތަކެއްގެ ސަބަބުންނެވެ. ޑެޓްރޮއިޓް އަތުން ލޭކާސް 121-116 އިން މޮޅުވި މި މެޗުގައި ޖޭމްސް އާއި ޑެޓްރޮއިޓްގެ އުމުރުން 20 އަހަރުގެ އިސާއިއާ ސްޓެވާޓް ދެމެދުގައި ހަމަނުޖެހުމެއްގެ ސަބަބުން ދެ ކުޅުންތެރިން ވެސް ކޯޓުން ބޭލުވި އެވެ.
މެޗުގެ ތިން ވަނަ ކުއާޓަރުގެ ތެރެއިން ފްރީ ތުރޯ އެއްގެ ރިބައުންސް ބޯޅައަކަށް ފުއްމައިގެން އެރި ވަގުތު ޖޭމްސްގެ އަތުން ޖެހި ސްޓެވާޓް އަަނގަމަތި ފަަޅައިގެން ދިޔަ އެވެ. ވަގުުތުން ޖޭމްސްއާ ކުރިމަތިލާން ސްޓެވާޓް ދެ އެވެ. އެ ވަގުތު އޭނާ ހުއްޓުވަނީ ދެ ޓީމުގެ ކުޅުންތެރިންނާ އޮފިޝަލުންނެވެ.

ޖޭމްސްއާ ކުރިމަތިލާން ދާން އުޅޭތީ އޮފިޝަލުން ސްޓެވާޓް ގައިގައި ހިފަހައްޓައިގެން.-- ފޮޓޯ: އޭއެފްޕީ
ގަދަ ހަދާފައި ޖޭމްސްއާ ކުރިމަތިލާން ދާން ސްޓެވާޓް މަސައްކަތްކުރިއިރު، އެ ވަގުތު އޭނާ އަށް އިތުރު އަނިޔާތަކެއް ލިބުނެވެ.
މައްސަލަ ހިނގާދިޔަ ގޮތުގެ އޮފިޝަލް ރިވިއު އެއް ހެދުމަށް ފަހު އެންބީއޭ އިން ނިންމީ ސްޓެވާޓް ދެ މެޗަށް އަދި ޖޭމްސް އެއް މެޗަށް ސަސްޕެންޑްކުރާށެވެ.
ސަސްޕެންޝަނުގެ ސަބަބުން އުމުރުން 36 އަހަރުގެ ޖޭމްސް އަށް ލޭކާސް އިން މިއަދު ނިއުޔޯކް ނިކްސްއާ ދެކޮޅަށް ކުޅޭ މެޗު ގެއްލޭނެ އެވެ. ލޭކާސް ކުޅުންތެރިން ބުނީ ޖޭމްސް ގަސްދުގައި ސްޓެވާޓަށް ހަމަލާ ނުދޭ ކަމަށާއި ކޮންޓެކްޓް ސްޕޯޓެއްގައި ކުޅުމުގެ ތެެރެއިން ނޭނގި ނަމަވެސް ކުޅުންތެރިންނަށް ގެއްލުން ލިބޭ ކަމަށެވެ.
އެންބީއޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ހަތަރު ފަހަރެއްގެ މަތިން ހޯދި ޖޭމްސް މިހާރު ކުޅެމުން އަންނަ ލޭކާސް އަށް ބަދަލުވީ 2018 ވަނަ އަހަރު އެވެ. އޭގެ ކުރިން އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ކްލެވަލޭންޑް ކަވަލިއާސް އާއި މިއާމީ ހީޓަށް ކުޅެފަ އެވެ.












