ބާސެލޯނާ (ނޮވެމްބަރު 21) - ބާސެލޯނާގެ ކޯޗުކަމާ ޒަވީ ހެނާންޑޭޒް ހަވާލުވި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ރޭ ސްޕެނިޝް ލީގުގައި އެ ޓީމުން 1-0 އިން އެސްޕަންޔޯލް ބަލިކޮށްފި އެވެ.
ގަތަރުގެ އަލް ސާދުގެ ކޮންޓްރެކްޓް ނިމުމަކަށް ގެނެސް ޒަވީ ބާސެލޯނާގެ ކޯޗުކަމާ ހަވާލުވީ މި މަހު އަށް ވަނަ ދުވަހު އެވެ.
ބާސެލޯނާ ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން 13 ވަނަ މިނިޓްގައި ޖޯޑީ އަލްބާ ނެގި ހުރަހަކުން 17 އަހަރުގެ ކުޅުންތެރިޔާ އިލީއަސް މަކޯމަކް ފޮނުވާލި ބޯޅަ ގޯލާ ސީދާވާގޮތެއް ނުވި އެވެ. އޭގެ ފަހުން ފުލުފުލުގައި ބާސެލޯނާގެ ސާޖީ ބުސްކެޓްސް އާއި މެމްފިސް ޑިޕާއި އަދި ގަވީ ފޮނުވާލި ބޯޅަތައް ގޯލަކަށް ހަދާނުލެވުނެވެ. އޭގެއިން ބައެއް ހަމަލާތައް އެސްޕަންޔޯލްގެ ކީޕަރު ޑިއޭގޯ ލޮޕޭޒް ވަނީ މަތަކޮށްފަ އެވެ.
މެޗުގައި ބާސެލޯނާ އިން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ ދެ ވަނަ ހާފުގެ ކުރީކޮޅުގަ އެވެ. މިއީ ޑިޕާއި އަށް އޭރިއާތެރެއިން އެސްޕަންޔޯލްގެ ލެއަންޑްރޯ ކަބްރޭރާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. އެ ޕެނަލްޓީ ކާމިޔާބުކުރީ ޑިޕާއި އެެވެ.
އެސްޕަންޔޯލަށް އެއްވަރުކޮށްދޭން ރައުލް ޑީ ތޯމަސް ޖެހި ބޯޅަތައް ބާސެލޯނާގެ ކީޕަރު މާކް އަންދްރޭ ސްޓެގެން ވަނީ މަތަކޮށްފަ އެވެ. ބާސެލޯނާ އަށް ދެ ވަނަ ގޯލެއް ނުޖެހުނު ކަމުގައި ވިޔަސް ތިން ޕޮއިންޓް ކަށަވަރުކުރެވޭ ވަރަށް ޑިފެންސް ކުރި އެވެ.
"މިއީ ރަނގަޅު ފެށުމެއް. މޮޅެއް ލިބުމަކީ ކޮންފިޑެންސަށް ރަނގަޅެއް،" ރޭގެ މެޗަށް ފަހު ޒަވީ ބުންޏެވެ.
ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތީ ރޭ އަލަވޭސްއާ 2-2 އިން އެއްވަރުވި ސެވިއްޔާ އެވެ. އެއް ވަނައިގައި އޮތް ސެވިއްޔާ އާއި ދެ ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑަށް ވަނީ 13 މެޗުން 28 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 12 މެޗުން 27 ޕޮއިންޓް ލިބިފައިވާއިރު، ރޭ އޮސަސޫނާ އަތުން 1-0 އިން މޮޅުވި އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް ހަތަރެއްގައި އޮތީ 13 މެޗުން 26 ޕޮއިންޓް ހޯދައިގެންނެވެ.
ފަސް ވަނައިގައި އޮތް ރެއާލް ބެޓިސް އަށް ވުރެ އެއް ޕޮއިންޓް މަދުން ހޯދައިގެން ބާސެލޯނާ އޮތީ ހަ ވަނައިގަ އެވެ. ބާސެލޯނާ އަށް ވަނީ 13 މެޗުން 20 ޕޮއިންޓް ލިބިފަ އެވެ.












