ލަންޑަން (ނޮވެމްބަރު 20) - ބައިނަލްއަގުވާމީ މެޗުތަކަށް މެދުކަނޑާލުމަށް ފަހު މިއަދު އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް އަލުން ފެށިއިރު، ޗެލްސީން 3-0 އިން ލެސްޓާ ސިޓީ ބަލިކޮށް އެއް ވަނަ މަގާމު ދެމެހެއްޓިއިރު، ޕްރެޝަރުގައި އޮތް މެންޗެސްޓާ ޔުނައިޓެޑް ރަށުންބޭރުގައި ވަޓްފޯޑް އަތުން ހިތްދަތި ގޮތަކަށް 4-1 އިން ބަލިވެއްޖެ އެވެ.
ޗެލްސީ އެއް ވަނައިގައި އޮތީ 12 މެޗުން 29 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ މާދަމާރޭ ކުޅޭއިރު، އެ ޓީމު އޮތީ 11 މެޗުން 23 ޕޮއިންޓާ އެކު އެވެ. ވުލްވްސް އަތުން 1-0 އިން ބަލިވެ، ވެސްޓް ހޭމް ޔުނައިޓެޑަށް ވަނީ ދެ ވަނަ އަށް އަރަން ލިބުނު ފުރުސަތު ގެއްލިފަ އެވެ. ވެސްޓް ހޭމް ތިން ވަނައިގައި އޮތީ 12 މެޗުން 23 ޕޮއިންޓާ އެކު އެވެ.
ލެސްޓާ ދަނޑުގައި ޗެލްސީ އަށް ލީޑުނަގައިދިނީ އެންޓޯނިއޯ ރޫޑިގާ އެވެ. މިއީ ލެސްޓާ ކޮޅަށް ރޫޑިގާ ޖެހި ހަތަރު ވަނަ ގޯލެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީ އަށް ލީޑުފުޅާކޮށްދިނީ އެންގޯލޯ ކާންޓޭ އެވެ. ކާންޓޭ އޭނާގެ ކުރީގެ ކްލަބް ކޮޅަށް ޖެހީ މޮޅު ގޯލެކެވެ. ދެ ވަނަ ހާފުގައި ޗެލްސީގެ ފަހު ގޯލު ޖެހީ ކްރިސްޓިއަން ޕުލިސިޗް އެވެ.

ޗެލްސީގެ އެންގޯލޯ ކާންޓޭ ގޯލަށް ބޯޅަ ފޮނުވާލަނީ.
ވަޓްފޯޑުން ޔުނައިޓެޑާ ދެކޮޅަށް މޮޅު ކުޅުމެއް ދެއްކި މިރޭގެ މެޗުގައި ވަޓްފޯޑަށް ލީޑުނަގައިދޭން އިސްމާއިލާ ސާ ޖެހި ޕެނަލްޓީ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ ދެ ފަހަރު ޖަހަން ދިނުމުން ވެސް މަތަކޮށްފަ އެވެ. އެކަމަކު، ޖޯޝުއާ ކިންގާއި ސާ ވަނީ ގޯލުތައް ޖަހައި ފުރަތަމަ ހާފު ނިމުމުގެ ކުރިން ވަޓްފޯޑަށް ދެ ގޯލުގެ ލީޑެއް ނަގައިދީފަ އެވެ.
ދެ ވަނަ ހާފުގައި ޔުނައިޓެޑުން ބަދަލެއްގެ ގޮތުގައި ކުޅެން އެރުވި ޑޯނީ ވެން ޑަ ބީކް ވަނީ އެ ޓީމަށް ގޯލެއް ޖަހައިދީ އުއްމީދެއް ހޯދައިދީފަ އެވެ. އެކަމަކު، ޔުނައިޓެޑަށް މެޗުގައި ކުރިއަށްދާން އުނދަގޫވީ އެ ޓީމުގެ ކެޕްޓަން ހެރީ މެގުއާ އަށް ރަތް ކާޑެއް ދެއްކުމުންނެވެ. މެގުއާ އަށް ދެ ރީނދޫ ކާޑު ދެއްކީ ހަތް މިނިޓް ތެރޭގަ އެވެ.
ޔުނައިޓެޑްގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި ވަޓްފޯޑުން އިތުރު ދެ ގޯލު ޖެހި އެވެ. އިތުރު ވަގުުތުގެ ހަ މިނިޓް ތެރޭ މި ދެ ގޯލު ޖެހީ ޖާއޯ ޕެޑްރޯ އާއި އިމަނުއަލް ޑެނިސް އެވެ. ވަޓްފޯޑްގެ ކޯޗުކަމާ ދާދި ފަހުން ހަވާލުވި ކްލައުޑިއޯ ރަނިއޭރީ މި ވަނީ އެ ޓީމާ ހަވާލުވި ފަހުން ޖެހިޖެހިގެން ދެ މެޗުން މޮޅުވެފަ އެވެ.
މިއީ 1989 ވަނަ އަހަރަށް ފަހު ލީގަށް ޕްރޮމޯޓްވި ޓީމެއް އަތުން ޔުނައިޓެޑް އެންމެ ތަފާތު ބޮޑުކޮށް ބަލިވި މެޗެވެ. އެ ފަހަރު ބަލިވީ 5-1 އިން މެންޗެސްޓާ ސިޓީ އަތުންނެވެ. ޔުނައިޓެޑް ކޮޅަށް ވަނީ މި ފަހަރު ލީގުގައި 12 މެޗުން 29 ގޯލު ވަދެފަ އެވެ. ލީގުގެ އެންމެ ގިނައިން ގޯލު ވަން ތިން ޓީމުގެ ތެރޭގައި ޔުނައިޓެޑް ހިމެނެ އެވެ. މިރޭގެ ނަތީޖާއާ އެކު ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާގެ ވަޒީފާ ދެމެހެއްޓިދާނެ ކަމާ މެދު ވަރަށް ބޮޑަށް ސުވާލު އުފެދެ އެވެ.
ޔުނައިޓެޑް އޮތީ 12 މެޗުން 17 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.
އަަލަށް ޓީމާ ހަވާލުވެ، މިރޭ ތިން ކޯޗަކު ވަނީ ފުރަތަމަ މެޗާ ކުރިމަތިލައިފަ އެވެ. އެއީ އެސްޓަން ވިލާގެ ކޯޗު ސްޓީވެން ޖެރާޑާއި ނޯވިޗްގެ ކޯޗު ޑީން ސްމިތު އަދި ނިއުކާސަލް ޔުނައިޓެޑްގެ ކޯޗު އެޑީ ހޯވް އެވެ.
ނިއުކާސަލް 3-3 އިން އަމިއްލަ ދަނޑުގައި ބްރެންޓްފޯޑާ އެއްވަރުވިއިރު، އެސްޓަން ވިލާ ވަނީ ފަހު ވަގުތުގެ ގޯލުތަކާ އެކު 2-0 އިން ބްރައިޓަން ބަލިކޮށްފަ އެވެ. އަދި ނޯވިޗް ސިޓީ ވަނީ ފަހަތުން އަރައި 2-1 އިން ސައުތެމްޓަން ބަލިކޮށްފަ އެވެ.












