ލ.ގަމުގައި އެޅުމަށް ހަމަޖެހިފައިވާ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް އަންނަ އަހަރު މެދުތެރޭގައި ފެށޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު މެންދުރުފަހު ރައީސްގެ ރަސްމީ ގެކޮޅުކަމުގައިވާ މުލިއާގޭގައި ލ.ގަމު ކައުންސިލާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގަމު ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ރަޝީދު "އަދަދު"އަށް ވިދާޅުވީ އެ ބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ރައީސްއާ މަޝްވަރާކުރައްވާފައި ކަމަށެވެ.
އެގޮތުން ކައުންސިލުން ފާހަގަކުރި ކަންކަމުގެ ތެރޭގައި އަންނަ އަހަރަށް ގިނަ މަޝްރޫއުތަކެއް ބަޖެޓްކޮށްފައިވާ އިރު އެ މަޝްރޫއުތައް އަވަހަށް ފެށޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަށް ދަންނަވާފައިވެ އެވެ.
"ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް އަންނަ އަހަރުގެ ޖޫން ހިސާބުގަ ފެށޭނެ ކަމަށް ރައީސް ވިދާޅުވި،" ރަޝީދު ވިދާޅުވި އެވެ.

އެ ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ސަރުކާރުން ގަމުގައި ހިންގުމަށް ނިންމާފައިވާ ކެންސަރު ހޮސްޕިޓަލާއި އެއާޕޯޓް އިންޓަރނޭޝަނަލް ކުރުން ފަދަ ބިޔަ މަޝްރޫއުތައް ހިންގަން ނިންމުމަކީ ސަރުކާރުން ގަމުގެ ތަރައްގީއަށް ދޭ އަހައްމިއްޔަތު ހާމަވާކަމެއްކަމުގައި ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން ރަށުގެ ރައްޔިތުން އެދުމުގެ މަތިން މަޝްވަރާ ކުރެވުނު ކަންކަމުގެ ތެރޭގައި:
- ބޯހިޔާވަހިކަމުގެ މަޝްރޫއެއް ރަށުގައި ހިންގުން.
- މަގުހެދުމުގެ މަޝްރޫއެއް.
- ގިރާ ސަރަހައްދު ހިމާޔާތްކުރުން.
- ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮއްދިނުން.
- ރަށުގެ ސިއްހީ ހިދުމަތާ ގުޅިގެން ހުރި ކަންބޮޑުވުންތައް.
- ރަށުގެ ފެނާ ނަރުދަމާ ނިޒާމް ގާއިމުކުރާއިރު ބޭނުންވާ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުން.
- ރަށުގެ ބައެއް ސަރަހައްދުތައް ތަރައްގީކުރުމުގައި ކައުންސިލާއި ރައްޔިތުން ބޭނުންވާ ގޮތް ރައީސް ހިއްސާ ކުރެއްވި.
ކައުންސިލަރުން ހުށަހެޅުއްވި ކަންކަމުގައި ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރެއްވުމަށް ފަހު އެދެވޭ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފަ އެވެ.
އެ ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު މުހްއްމަދު ވިސާމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.












