މިއުނިކް (ނޮވެމްބަރު 20) - ޖަރުމަނު ލީގުގެ ރެލިގޭޝަން ޒޯނުގައި އޮތް އޮއުސްބާގުން ރޭ 2-1 އިން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ބަލިކޮށްފި އެވެ.
މި ނަތީޖާއާ އެކު ބަޔާނަށް އެއް ވަނައިގައި ލިބިފައި އޮތް ހަތަރު ޕޮއިންޓުގެ ލީޑު ކުޑަވުމުގެ ފުރުސަތު އެބައޮތެވެ. ބަޔާން މި ވަގުތު އެއް ވަނައިގައި އޮތީ 12 މެޗުން 28 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް 11 މެޗުން ވަނީ 24 ޕޮއިންޓް ލިބިފަ އެވެ. މިރޭ ސްޓުޓްގާޓް ބަލިކޮށްގެން ޑޯޓްމަންޑަށް ބަޔާނާ އެއް ޕޮއިންޓަށް ގާތަށް ޖެހިލެވޭނެ އެވެ.
ރޭގެ މޮޅާ އެކު އޮއުސްބާގް ވަނީ ރެލިގޭޝަން ޒޯނުން ދުރަށް ޖެހިލައިފަ އެވެ. މެޗަށް ނުކުތްއިރު އޮއުސްބާގް އޮތީ 18 ޓީމު ވާދަކުރާ ޖަރުމަނު ލީގުގެ 16 ވަނައިގަ އެވެ. ރޭގެ މޮޅާ އެކު އޮއުސްބާގް ވަނީ 15 ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 12 މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު އޮއުސްބާގުން މެޗު ފަށައިގެން 36 މިނިޓް ތެރޭ ދެ ގޯލުގެ ލީޑެއް ނެގި އެވެ. އެ ޓީމަށް ފުރަތަމަ ގޯލު ޖަހައިދިނީ 23 ވަނަ މިނިޓްގައި މެޑްސް ޕެޑާސަން އެވެ. މެޗުގެ 36 ވަނަ މިނިޓްގައި އަންދްރޭ ހާން ވަނީ އޮއުސްބާގްގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ.
އޭގެ ދެ މިނިޓް ފަހުން ތޯމަސް މުލާ ދިން ބޯޅައަކުން ރޮބަޓް ލެވަންޑޯސްކީ ވަނީ ގޯލެއް ޖަހައި ބަޔާނަށް އުއްމީދެއް ހޯދައިދީފަ އެވެ.
އެކަމަކު، ދެ ވަނަ ހާފުގައި ރަނގަޅަށް ޑިފެންސްކޮށް އޮއުސްބާގުން ވަނީ ބަޔާންގެ މައްޗަށް ކުރިހޯދައިފަ އެވެ.
ރޭގެ ނަތީޖާއާ އެކު ބަޔާންގެ މޮޅުވުމުގެ ސިލްސިލާ އަށް ހަތަރު މެޗަށް ފަހު ނިމުން އައީ އެވެ. މި ފަހަރު ލީގުގައި މިހާތަނަށް ދެ މެޗުން ބަލިވެފައިވާ ބަޔާނަށް މި ސީޒަނުގައި ކޯޗުކޮށްދެނީ ޒުވާން ކޯޗު ހޫލިއަން ނާގަލްސްމަން އެވެ.
ނާގަލްސްމަން ބުނީ މި މެޗުގައި ބަޔާނުން ދެއްކީ އޭނާ ހަވާލުވި ފަހުން އެ ޓީމުގެ ފަރާތުން ފެނުނު އެންމެ ދަށް ކުޅުން ކަމަށެވެ. އަދި މިއީ އޮއުސްބާގަށް ހައްގު މޮޅެއް ކަމަށް ނާގަލްސްމަން ބުންޏެވެ.












