ގައުމީ އެތުލެޓިކްސް މުބާރާތް: ސާއިދަށް ފުރަތަމަ ދުވަހު ވެސް ދެ ރަން މެޑަލް!

Nov 19, 2021, 2:42 AM
ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސާއިދު އިއްޔެ އޮތް އިވެންޓެއްގައި ދުވަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސާއިދު އިއްޔެ އޮތް އިވެންޓެއްގައި ދުވަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ގައުމީ އެތުލެޓިކްސް މުބާރާތް އިއްޔެ ފެށިއިރު، ފުރަތަަމަ ދުވަހު ވެސް ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ދެ ރަން މެޑަލް ކަަށަވަރުކޮށްފި އެވެ.

ދިވެހި ސިފައިންގެ ކްލަބްގެ ފަރާތުން މުބާރާތުގައި ވާދަކުރާ ސާއިދު ރަން މެޑަލް ހޯދި އޭނާގެ ރަސްމީ އިވެންޓެއް ކަމަށްވާ 100 މީޓަރު ދުވުމާއި 4 ގުނަ 400 ރިލޭ އިވެންޓުންނެވެ. ސާއިދު ވަނީ އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި ގައުމީ މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމު ހޯދައިފަ އެވެ.

އެ ފަހަރު ސާއިދު އެއް ވަނަ ހޯދީ އިންޑިވިޖުއަލް ތިން ރަން މެޑެއްޔާއި ރިލޭ ބައިން ރަން މެޑެއްޔަކާއި ރިހި މެޑެއްޔެއް ހޯދައިގެންނެވެ. އޭނާ އިންޑިވިޖުއަލް ބައިން ރަން މެޑަލް ހޯދީ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން އަދި 400 މީޓަރު ދުވުމުންނެވެ. އަދި ރިލޭގެ ހަތަރެއް ގުނަ 400 މީޓަރުން ސިފައިންގެ ޓީމާ އެކު ރަން މެޑަލް ހޯދިއިރު ހަތަރެއް ގުނަ 100 މީޓަރުން ލިބުނީ ރިހި މެޑެއްޔެކެވެ.

ސާއިދު އިއްޔެ ބޭއްވި އިވެންޓްގައި ދުވަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ސާއިދު، މިއަދު 200 މީޓަރު ރޭހުގައި ދުވާނެ އެވެ. އިއްޔެ ސާއިދު ވަނީ 400 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުގެ އެއް ވަނަ ހީޓުގެ ކުރި ހޯދައި ފައިނަލަށް ހޮވިފަ އެވެ.

ސާއިދު މި ފަހަރުގެ 100 މިޓަރުގެ ރޭސް ކާމިޔާބުކުރީ 10.63 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭނާގެ ފަހަތުން ދެ ވަނަ ހޯދި ސާއިދު ސްޕޯޓްސްގެ އިބާދުﷲ އާދަމް ރޭސް ނިންމީ 10.95 އިންނެވެ. އަދި ތިން ވަނަ އަށް ދިޔަ ސާއިދު ސްޕޯޓްސްގެ ނުޖޫމް ހަސަންގެ ޓައިމިން އަކީ 11.27 ސިކުންތެވެ.

ހަތަރެއް ގުނަ 400 ރިލޭ އިވެންޓުން ސާއިދު ހިމެނޭ ދިވެހި ސިފައިންގެ ކްލަބުން ރޭސް ނިންމީ 3.37 އިންނެވެ. ދެ ވަނަ އަށް ދިޔަ ސާއިދު ސްޕޯޓްސްގެ ޓައިމިން އަކީ 3.39 އެވެ. އަދި ލޯ މެޑަލް ހޯދި ކްލަބް ރާވެރިޔާ އިން ރޭސް ނިންމީ 3:45 އިންނެވެ.

ހިމްނާ އާއި މޯޑަށް ވެސް ކާމިޔާބު

ފަހަކަށް އައިސް އެތުލެޓިކްސްގެ އަންހެން އިވެންޓްތަކުގައި އެންމެ ވިދުންގަދަ ތަރިއަކީ އައިޝަތު ހިމްނާ ހަސަން އެވެ. އުމުރުން 18 އަހަރުގެ ހިމްނާ ވަނީ ދާދި ފަހުން 400 މީޓަރުގެ ގައުމީ ރެކޯޑް ތިން ވަނަ ފަހަރަށް އާ ކޮށްފަ އެވެ. އޭނާ އަކީ އެންމެ ފަހުން ބޭއްވި ގައުމީ މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓެވެ.

ރޭސް ނިންމާލުމަށް ފަހު ހިމްނާ އިށީނދެލައިގެން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

މި ފަހަރުގެ މުބާރާތުގައި އިއްޔެ ހިމްނާ ވަނީ އިންޑިވިޖުއަލް އިވެންޓްކަގެ ތެރެއިން އަންހެން 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ. ހިމްނާ ރޭސް ނިންމީ 12:45 ސިކުންތުންނެވެ. އޭނާގެ ފަހަތުން ދެ ވަނަ ހޯދި މަރިޔަމް ރޫޔާ އަލީގެ ޓައިމިން އަކީ 12:54 ސިކުންތެވެ. އަދި ތިން ވަނަ އަށް ދިޔަ އަހްނާ ނިޒާރު ރޭސް ނިންމީ 12:88 އިންނެވެ.

ކްލަބް ރާވެރިޔާގެ ފަރާތުން ވާދަކުރާ ހިމްނާ ވަނީ 400 މިޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުގައި ހީޓު ދޭއްގެ އެއް ވަނައިގެ ގޮތުގައި ފައިނަލަށް ހޮވިފަ އެވެ.

އެންމެ ފަހުން ގައުމީ މުބާރާތުގެ 10،000 މީޓަރު ދުވުމުން ހުސެއިން ފަޒީލް ހާރޫން (ފްލެޝް) ވަނީ މެރެތަން އަދި ހާފް މެރެތަން ދުވުންތެރިޔާ ސިފައިންގޭގެ މުހައްމަދު ރަޝީދު (މޯޑް) ފަހަތަށް ޖައްސާލައި ރަން މެޑަލް ހޯދައިފަ އެވެ. އެކަމަކު، މި ފަހަރު ފަޒީލްގެ މައްޗަށް ކުރިހޯދީ މޯޑް އެވެ. މޯޑްގެ ޓައިމިން އަކީ 35 މިނިޓް 19 ސިކުންތެވެ.

10،000 މީޓަރުގެ ދުވުމުގެ ތެރެއިން: މޯޑް ލީޑުނަގައިގެން ދުވަމުންދާއިރު ފަހަތުން އެހެން ދުވުންތެރިން އޭނާ އަތުލެވޭތޯ މަސައްކަތްކުރަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

10000 މީޓަރު ރޭސް

މުހައްމަދު ރަޝީދު (މޯޑް): 35:19.50

ހުސެއިން ފަޒީލް ހާރޫން (ފްލެޝް): 35:47.64

މުހައްމަދު އިރުފާން: 36:41.69

ވެޓަރަންސްގެ 100 މީޓަރު ދުވުމުން އެއް ވަނަ ހޯދީ 12.58 ސިކުންތުން ދުވި އަބްދުލް ސަމަދު އެވެ. ދެ ވަނަ އަށް ދިޔަ އަބްދުﷲ ރަޝީދާއި ތިން ވަނަ ހޯދި މިނާމް ނަސީމް ރޭސް ނިންމީ 12.81 ސިކުންތުންނެވެ. ވެޓަރަންސް އަންހެން ބައިގެ އެއް ވަނަ ހޯދީ 16.96 ސިކުންތުން ރޭސް ނިންމި ސަމްހާ ޔޫސުފް އެވެ. ދެ ވަނަ އަށް ދިޔައީ 18.28 އިން ރޭސް ނިންމި މަރިޔަމް ފިޒާމާ އެވެ. އަދި ތިން ވަނަ އަށް ދިޔަ އާމިނަތު އުލިގަތު ރޭސް ނިންމީ 18.65 ސިކުންތުންނެވެ.

ދިވެހި ސިފައިންގެ ކްލަބުގެ ފީލްޑް އެތުލީޓް ހަސަން ޝައްމޫން ވެސް މި ފަހަރުގެ މުބާރާތް ފެށީ ރަނގަޅު ރެކޯޑަކާ އެކު އެވެ. ގައުމީ މުބާރާތުގެ މޮޅު އެތުލީޓުގެ މަގާމު 2016 ވަނަ އަހަރު ހޯދި ޝައްމޫން ވަނީ އިއްޔެ ބޭއްވި ޝޮޓްޕުޓް އުކުމާއި ޖެވެއިލިން އުކުމުގެ އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ. ރާއްޖޭގެ ޑިސްކަސް އަދި ޝޮޓްޕުޓް އުކުމުގެ ރެކޯޑް އޮންނަ ޝައްމޫނަކީ ގައުމީ މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމް ހޯދި ފުރަތަމަ ފީލްޑް އެތުލީޓެވެ.

ފިރިހެނުންގެ ލޯންގް ޖަމްޕް އެއް ވަަނަ ހޯދީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އަހުމަދު ލަޔާން އެވެ. ދެ ވަނަ އަށް ނުޖޫމް ދިޔައިރު، ތިން ވަނަ ހޯދީ އިބާދުﷲ އެވެ. ނުޖޫމާއި އިބާދުﷲ ވާދަކުރަނީ ސާއިދު ސްޕޯޓްސްގެ ފަރާތުންނެވެ.

ކޮވިޑް-19ގެ ސަބަބުން މިދިޔަ އަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތް ނުބާއްވަ އެވެ.

އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފަހަރުގެ ގައުމީ މުބާރާތަކީ ތާރީހީ މުބާރާތެކެވެ. މިއީ މާލޭ ސިންތެޓިކް ޓްރެކެއް އެޅި ފަހުން އެ ތަނުގައި ބާއްވާ ފުރަތަމަ ގައުމީ މުބާރާތެވެ. ކުޅިވަރު އެކުވެނި އައުޓް ޑޯގައި ސިންތެޓިކް ޓްރެކް އަޅައި ރަސްމީކޮށް ހުޅުވީ މިދިޔަ ޖެނުއަރީ މަހު އެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ގައުމީ މުބާރާތް ބޭއްވީ ހުޅުމާލެ ސިންތެޓިކް ޓްރެކުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox