ގްރޭޑް 10 ނިންމުމަށްފަހު އިތުރަށް ކިޔަވާ ދަރިވަރުން މަދުކަން ފާހަގަ ކުރައްވައި، މަތީ ތައުލީމު ހާސިލްކުރުމަށްފަހު ގައުމަށް ހިދުމަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ގައުމުގެ ޒުވާނުންނަށް މިރޭ އިލްތިމާސްކުރައްވައިފި އެވެ.
މިރޭ ފާހަގަ ކުރި 2019 ވަނަ އަހަރު ސާނަވީ ތައުލީމް ހާސިލްކުރި ދަރިވަރިންގެ ތެރެއިން ރަންވަނަތައް ހޯދި ދަރިވަރުންގެ އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އޯލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން އޭލެވެލް ހަދަނީ އެންމެ 35 ޕަސެންޓު ދަރިވަރުން ކަމަށެވެ.
"ގްރޭޑް 10 ނިމުނީމާ ކިޔަވައި ނިމުނީ ކަމަށް ޤަބޫލުކުރެވޭ ނަމަ، އެ ވިސްނުން އަވަހަށް ސިކުނޑިން ފޮހެލުމަށް އަޅުގަނޑު އިލްތިމާސްކުރަން،" ރައީސް ސޯލިހު ވިދާޅުވި އެވެ. "މިއީ ކިހިނެއްވެގެން، ކޮން ސަބަބަކާ ހުރެ މެދުވެރިވާ ކަމެއްތޯ ބަލަންޖެހޭ ކަމަށް އަޅުގަނޑު ދެކެން."
ރައީސް ވިދާޅުވި ގޮތުގައި މަތީ ތައުލީމު އުނގެނުމުގެ ފަހި ފުރުސަތުތަކެއް ސަރުކާރުން ހުޅުވާލާފައި ވަނިކޮށް، ތައުލީމީ ހަޔާތް ފުރިހަމަނުކޮށް ދޫކޮށްލުމަކީ ގައުމަށް ގެއްލޭނެ ވަރަށް އަގު ބޮޑު ރައުސްމާލެކެވެ. އަދި އެއީ ގައުމު ކުރިއެރުވުމަށާއި ބިނާކުރުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ގައުމަކީ އޭގެ ޒާތުގައި އަމިއްލައަށް ތަރައްގީވެ ކުރިއަރާ ތަނެއް ނޫން. ގައުމު ތަރައްގީ ވަނީ ގައުމުގައި އުޅޭ މީހުން ތަރައްގީވެގެން. ގައުމު ކުރިއަރަނީ، ތިމާ ހުރި ހާލަތުން އެއަށް ވުރެ ރަނގަޅު ހާލަތަކަށް ބަދަލުވުމުގެ ވިސްނުން، ގައުމުގެ ދަރިންގެ ސިކުނޑީގައި އުފެދި، އެއަޒުމުގައި އެކަމަށް މަސައްކަތް ކޮށްގެން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ވަކި ދާއިރާއަކުން ކުރިއަށް ދާން ކުދިންނަށް މަޖުބޫރު ކުރުމަކީ، އޭގެ ހިތި ނަތީޖާ ނުކުމެދާނެ ކަމެކެވެ. އޭގެ ބަދަލުގައި އެކުއްޖަކު ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ފުރުސަތު ފަހިކޮށްދިނުމުން ހާސިލްކުރެވޭ ނަތީޖާ މާ ރަނގަޅުވާނެ ކަމަށާއި އާއިލާއަށް ލިބޭ ހިންހަމަޖެހުމާއި އުފާވެރިކަން ބޮޑުވާނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާސްކުރެވުނު ތައުލީމުގެ ގާނޫނާއި މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް އަލިއަޅުވާލަމުން ރައީސް އިތުރަށް ވިދާޅުވީ ދެ ގާނޫނުގެ މަގްސަދަކީ ތަފާތުކުރުމެއް ނެތި، ފެންވަރު ރަނގަޅު ތައުލީމާއި ތަމްރީނުދީ، އިސްލާމީ އަގީދާ އާއި އިސްލާމީ ތަރުބިއްޔަތު ދެވޭނެ މާހައުލެއް ގާއިމުކޮށްދިނުން ކަމަށެވެ.
ރައީސް ވިދާޅުވީ މިޒަމާނުގެ ތައުލީމީ ސިޔާސަތަކީ، ދަރިވަރުންގެ ބައިވެރިވުމާ އެކު ކަނޑައަޅާ ސިޔާސަތުތަކެއް ކަމަށެވެ. އޭގެ ބޭނުމަކީ އެމުޖްތަމަޢަކަށް އަންނަ ބަދަލުތަކާއި ކުރިއެރުންތަކާ މެދު، ދަރިވަރުންގެ ސިކުނޑީގައި އުފެދޭ ވިސްނުންތަކަށް ތަޢުލީމީ ދާއިރާ އިން ޖާގަ ދިނުން ކަމަށް ވިދާޅުވި އެވެ.
އެ މަނިކުފާނުވެސް ގަބޫލުކުރައްވަނީ ރާއްޖޭގައިވެސް ތައުލީމީ ދާއިރާގެ ސިޔާސަތުތައް ކަނޑައަޅާއިރު، ދަރިވަރުންގެ ހިޔާލާއި މަޝްވަރާ ހިމެނުން މުހިންމު ކަމަށެވެ.
ޒަމާނީ ތަރައްގީގެ ތެރެއަށް ރާއްޖެ ގެންގޮސްދިނުމަށްޓަކައި، މިރޭ އެވޯޑް ހާސިލްކުރި ދަރިވަރުންގެ ހިދުމަތަށް ގައުމު ބޭނުންވެފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ ގައުމު ކުރިއެރުވުމަށްޓަކައި އެކުދިންގެ އެހީތެރިކަމަށް އެދިފަ އެވެ.
މުޅި ދުނިޔެއިން އެއްވަނަ ހޯދި ފަސް ދަރިވަރަކަށާއި، ދުނިޔޭގެ އެންމެ މޮޅު 10 ވަނައިގައި ހިމެނޭ 42 ދަރިވަރަކަށް ރައިސުލްޖުމްހޫރިއްޔާ ވަނީ އިނާމްދެއްވާ ފައެވެ. މީގެ އިތުރުން ވެސް ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ގަދަ 10 އެއްގައި ހިމެނުނު ދަރިވަރުނަށް ވެސް މި ރަސްމިއްޔާތުގެ ތެރެއިން އިނާމްދީފައިވެ އެވެ.












