އަސުންސިއޯން، ޕެރަގުއޭ (ނޮވެމްބަރު 18) - ވޯލްޑް ކަޕް ކޮލިފައިންގައި އިއްޔެ ބްރެޒިލް އާއި އާޖެންޓީނާ ބައްދަލުކުރި މެޗުގައި، ބްރެޒިލްގެ ރަފީނިއާ އަށް ގަސްދުގައި ހަމަލާ ދިން އާޖެންޓީނާގެ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ މެޗުގައި އަދަބު ނުދިން މައްސަލައިގައި އެ މެޗުގެ ދެ ރެފްރީން ސަސްޕެންޑްކޮށްފި އެވެ.
މެޗުގެ 33 ވަނަ މިނިޓުގައި ބޯޅަ ޝީލްޑްކުރަން އުޅުމުގެ ތެރޭގައި، އޮޓަމެންޑީ ވަނީ އުޅަނބޮށިން ބްރެޒިލްގެ ފޯވަޑް ރަފީނިއާގެ މޫނު މަތީގައި ޖަހައިފަ އެވެ.
އެހެން ނަމަވެސް، މެޗުގެ ރެފްރީ އުރުގުއޭގެ އަންދްރެސް ކުންޔާ އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. އަދި ވީއޭއާރްއާ ހަވާލުވެ ހުރި އުރުގުއޭގެ ރެފްރީ ޑެނިއެލް އޮސްޓޯޖިކް ވެސް އެކަން ރެފްރީގެ ސަމާލުކަމަށް ނުގެނެ އެވެ.
ދެކުނު އެމެރިކާގެ ފުޓްބޯޅަ ޖަމިއްޔާގެ ރެފްރީސް ކޮމިޝަނުން ބުނީ މެޗުގައި ހަރަކާތްތެރިވި ދެ ރެފްރީންގެ ފަރާތުން ބޮޑެތި ގޯސްތަކެއް އެ މެޗުގައި ފެނިފައިވާ ކަމަށެވެ. އަދި އެ ދެ ރެފްރީން ސަސްޕެންޑްކުރަން ނިންމާފައިވާ ކަމަށެވެ.
ކޮންމެބޯލް ރެފްރީންގެ ޕެނަލުން އަމަލުކުރަމުން އަންނަ އުސޫލުތަކަށް ބަލާއިރު، މެޗެއްގެ ތެރެއިން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނުބަލާ ދޫކޮށްލާ ނުރައްކާތެރި ފައުލުތަކުގެ މައްސަލަ ބެލޭނެ އެވެ. އޮޓަމެންޑީގެ މައްސަލަ ބަލަން ވެސް ކޮންމެބޯލް އިން ނިންމި އެންމެ ބޮޑު ސަބަބަކީ ކުޅުންތެރިއަކަށް ގަސްދުގައި ހަމަލާ ދިން މައްސަލައެއް ރެފްރީންނަށް ނުފެނުމުންނެވެ.
މި މެޗު ލަނޑެއް ނުޖެހި އެއްވަރުވެ، އާޖެންޓީނާ ވަނީ ވޯލްޑް ކަޕަށް ކޮލިފައިވެފަ އެވެ. މި މެޗުގެ ކުރިން ބްރެޒިލް އަށް ވޯލްޑް ކަޕްގެ ޖާގައެއް އޮތީ ކަށަވަރުވެފަ އެވެ. -- ބީބީސީ












