ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާގެ ޗެކްގެ ނަންބަރު ދެ ގޮތަކަށް ދެ ލިޔުމެއްގައި އޮތުމުން ފަނޑިޔާރުންގެ ސުވާލުތަކެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަނީ ލޯންޑަރިންގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލުމަށްފަހު ހުކުމް ކުރުމާ ދެމެދު ބޭއްވި އަޑުއެހުމުގައި ދައުލަތާ އަމާޒުކުރައްވައިފި އެވެ.
ވޮޑަމުލާގެ އެކުއިޒިޝަން ކޮސްޓަށް ހިޔާނާތްތެރިވެ, އެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކޮށް އޭގެން މަންފާ ހޯދި މައްސަލާގައި ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލީ ނިމުނު އޮކްޓޫބަރު މަހުގެ 5 ގައެވެ.
އޭރު އަޑުއެހުންތައް ނިންމާލީ މައްސަލާގައި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް ކުރާ ގޮތަށެވެ. އެ ދުވަހުގެ ޝަރީއަތުގެ މަޖިލިހުގައި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި މަހާޒު އަލީ ވިދާޅުވީ މި މައްސަލާގައި ބޮޑެތި ދިރާސާތަކެއް ކުރަން ޖެހޭތީ ދުވަސްތަކެއް ނަގާނެ ކަމަށެވެ.
މައްސަލަ ދިރާސާ ކުރައްވަމުން ގެންދަވަނިކޮށް ފާހަގަވި ކަމަކާ ގުޅޭ ގޮތުން ދައުލަތާ ސުވާލު ކުރުމަށް މިއަދު ހެނދުނު އަޑުއެހުމެއް ބޭއްވި އެވެ. އަޑުއެހުން ފައްޓަވައި, ފަނޑިޔާރު މަހާޒު ވިދާޅުވީ ވޮޑަމުލާގެ ފައިސާގެ ޗެކް ނަންބަރު އެސްއޯއެފްގެ ބޭންކް ސްޓޭޓްމެންޓާއި ޑެޕޮސިޓް ސްލިޕްގައި އޮތް ގޮތް ތަފާތު ކަމަށެވެ.
ސްޓޭޓްމެންޓާއި ސްލިޕްގައި ޖަހާފައި އިން ނަންބަރުގައި ތަފާތު ވަނީ އެއް ނަންބަރެވެ.

އެއީ ކިހިނެއް ހިނގާފައިވާ ކަމެއްތޯ ފަނޑިޔާރު މަހާޒު ސުވާލު ކުރެއްވުމުން ދައުލަތުގެ ވަކީލް އަހުމަދު ނައުފަލް ވިދާޅުވީ ޗެކްގެ ނަންބަރު ނުބައިކޮށް އޮތީ ބޭންކް ސްޓޭޓްމެންޓް އެންޓާކުރުމުގެ ތެރޭގައި އަރާފައިވާ އޮޅުމެއް ކަމަށް ބެލެވޭ ކަމަށެވެ.
"ދައުލަތަށް ގަބޫލު ކުރެވެނީ ސިސްޓަމަށް އެންޓާ ކުރުމުގެ ތެރޭގައި ދެ އަކުރުގެ އޮޅުމެއް އޮތީ ކަމަށް," ނައުފަލް ވިދާޅުވި އެވެ.
ނައުފަލް ވިދާޅުވި ގޮތުގައި މައްސަލާގައި ދައުވާކުރިއިރު ސްޓޭޓްމެންޓްގައި އެކައުންޓް ނަންބަރު ނުބައިކޮށް އޮތްކަން ފާހަގަވެފައިނުވެ އެވެ. ނަމަވެސް, އެކަން ފާހަގަވުމާއެކު ބޭންކުން އެކަން ސާފުކޮށް ޗެކާއި ޑެޕޮސިޓް ސްލިޕް ހޯދި ކަމަށާއި ބޭންކުން ވެސް މައުލޫމާތު ދީފައިވަނީ ސްޓޭޓްމެންޓްގައި ނަންބަރު އޮޅިގެން ނުބައިކޮށް ޖެހިފައި އޮތީކަން ކަމަށް ނައުފަލް ވިދާޅުވި އެވެ.
ޔާމީންގެ މައްޗަށް ދައުވާ އުފުލިއިރު ވެސް ވޮޑުމުލާގެ ޗެކް ދައުލަތަށް ލިބިފައި ނުވާ ކަމަށް ނައުފަލް ފާހަގަ ކުރައްވަ އެވެ. ނަމަވެސް, ކްރިމިނަލް ކޯޓުގައި އޭގެކުރިން އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުالله ޒިޔަތުގެ މައްސަލާގައި ދައުލަތުން ވޮޑުމުލާގެ ޗެކް ހުށަހަޅާފައިވެ އެވެ. އެކަމާ ގުޅިގެން ވެސް ފަނޑިޔާރު ސުވާލު ކުރެއްވި އެވެ.
ނައުފަލް ވިދާޅުވީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގައި ދެ މައްސަލަ ކުރިއަށް ގެންދިޔައީ ދެ ޓީމަކުން ކަމާއި ދެ މައްސަލާގައި ހިމެނޭ ލިޔުންތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިނުވާ ކަމަށެވެ. ދެ މައްސަލަ ވެސް ކުރިއަށް ގެންދިޔައީ ތަހުގީގީ އިދާރާތަކުން ފޮނުވި ލިޔުންތަކުގެ މައްޗަށް ކަމުން, ޔާމީންގެ މައްސަލަ ހުށަހެޅިއިރު އެ ޗެކް އެ މައްސަލައިގެ ތެރެއިން ލިބިފައި އޮތްކަން އެނގިފައިނުވާ ކަމަށެވެ.

ޔާމީންގެ ވަކީލުންގެ ޓީމް މިއަދުގެ އަޑުއެމުގައި
ނަމަވެސް ޔާމީންގެ ދިފާއީ ވަކީލް އަބްދުالله ޝިޔާޒު ވިދާޅުވީ ދައުލަތަށް ލިބިފައިވާ ލިޔުމެއް ނަމަ, އެއީ ކޮންމެ މައްސަލައެއްގައި ލިބިފައި އޮތް ލިޔުމެއް ނަމަވެސް މި މައްސަލާގައި މުހިންމު ލިޔުމަކަށްވާއިރު ހުށަހަޅަން ޖެހޭނެ ކަމަށެވެ. ތަހުގީގީ އިދާރާތަކުން ވަކި މައްސަލައެއްގައި ވަކި ލިޔުމެއް ނުދިނުމަށް ނިންމައި, ދައުލަތުގެ ކޮންމެ ވަކީލަކަށް ވަކި ދައުލަތެއްގެ ގޮތަށް އަމަލު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިޔާޒު އިތުރަށް ވިދާޅުވީ ސްޓޭޓްމެންޓްގައި އެކައުންޓް ނަންބަރު އޮތީ އޮޅިގެން ކަމަށް ދައުލަތުން ބުނި ނަމަވެސް, އެކަން ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި, އޮޅުމެއް އޮތް ނަމަވެސް އެކަން ފާހަގަވުމުން ދަށު ކޯޓުގައި ދައުލަތުން އެކަން ފާހަގަކޮށް އިސްލާހުކޮށްފައި ނެތް ކަމަށެވެ. އެހެންކަމުން އެއީ ދައުލަތުން ވެފައިވާ އިހުމާލެއްކަން ޝިޔާޒު ވިދާޅުވި އެވެ.
ފަނޑިޔާރުންގެ ސުވާލުތަކަށްފަހު މިއަދު އަޑުއެހުން ނިންމާލައްވަމުން ފަނޑިޔާރު މަހާޒު ވިދާޅުވީ ސުޕްރީމް ކޯޓު ޑިސެމްބަރު މަހު ރިސެސްއަށް ދިޔުމުގެ ކުރިން މައްސަލާގައި ހުކުމް އިއްވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ޔާމީންގެ ވަކީލުންގެ ޓީމުން އަޑުއެހުންތަކުގައި ފާހަގަކުރި ގޮތުގައި ޔާމީންގެ މައްޗަށް މަނީލޯންޑްރިންގެ ކުށް ސާބިތުކޮށްފައިވަނީ މުޅި ކޮންސެޕްޓް އޮޅުވާލައިގެން ގާނޫނުގެ މާނަތައް އެފުށްމިފުށަށް ޖަހައިގެންނެވެ.
އެހެންކަމުން އެ ހުކުމް އެގޮތަށް ދަމަހައްޓައިފިނަމަ ތުހުމަތު ވެސް ނޭނގި ގިނަ ބައެއްގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ކޯޓުގައި ބުންޏެވެ. އަދި އެކަންކަމަަށް ރިއާޔަތްކޮށް ހުކުމް ބާތިލުކޮށްދޭން އެދުނެވެ.
ނަމަވެސް, ދައުލަތުން ވަނީ ޔާމީންގެ މައްޗަށް އޮތް ހުކުމް ރަނގަޅު ކަމަށް ބުނެ, އެ ހުކުމް ދަމަހައްޓައިދިނުމަށް އެދިފަ އެވެ. އެގޮތުން ދައުލަތުގެ ވަކީލް އަހުމަދު ނައުފަލް ވިދާޅުވި ގޮތުގައި މަނީލޯންޑްރިން ކުށުގެ ހުރިހާ އުންސުރެއް ޔާމީންގެ މައްޗަށް ވަނީ ސާބިތުކޮށްދެވިފައިވެ އެވެ. އަދި, މައްސަލާގައި އަމަލުކޮށްފައިވަނީ ގާނޫނީ އުސޫލުތަކުގެ ތެރެއިންނެވެ. އެހެންވެ, އެ ހުކުމް ބާތިލް ކުރާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައިދޭން އެދިފައިވެ އެވެ.












