ރާއްޖެއަށް އިސްލާމިކް ބޭންކިން ތައާރަފުކުރި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ކަސްޓަމަރުންނަށް މިހާރަށް ވުރެ ފަސޭހަކަމާއެކު ހިދުމަތްތަކަށް އެދެވޭނެ އޮންލައިން ޕާޓަލެއް ތައާރަފްކޮށްފި އެވެ.
މި ޕްލެޓްފޯމާއެކު ފޯމު ހުށަހަޅަން ނުވަތަ ހިދުމަތަކަށް އެދުމަށް ބޭންކަށް ހާޒިރުވުމުގެ ބަދަލުގައި ކޮންމެ ތަނެއްގައި ހުރެގެން އޮންލައިންކޮށް ފޯމް ހުށަހެޅޭނެ އެވެ.
މި ޕޯޓަލް (mib.mv/applynow) މެދުވެރިކޮށް އުޖާލާ ދިރިއުޅުން ފޯމު، މައުލޫމާތު އަޕްޑޭޑް ކުރާ ފޯމު، ވިސާ ކާޑު ފޯމު، އިންޓަނެޓް ބޭންކިން ފޯމު، އުޖާލާ ކޯޓޭޝަން ހުށަހެޅުން ފަދަ ހިދުމަތްތަށް ލިބޭނެ އެވެ.
ޕޯޓަލް އަށް ފޯމު ހުށަހަޅަން ވެސް އެހާމެ ފަސޭހައެވެ. ޕޯޓަލަށް ދިޔުމަށްފަހު އެކައުންޓް ނަންބަރު އަދި އައިޑީކާޑު ނަންބަރު ޖަހައި، ފޯނަށް ނުވަތަ އީމެއިލްއަށް ލިބިލައްވާ އޯޓީޕީ ޖެހުމަށްފަހު، ބޭނުން ބްރާންޗެއް އަދި ބޭނުންވާ ހިދުމަތެއް ހިޔާރުކޮށް ފޯމު އަޕްލޯޑު ކުރެވޭނެ އެވެ. ފޯމު ލެވުނުކަން ޔަގީން ކޮށްދޭ ރިފަރެންސް ނަންބަރަކާއެކު އެސްއެމްއެސް އަދި އީމެއިލްއެއް ލިބޭނެ އެވެ. ރިފަރެންސް ނަންބަރު ބޭނުން ކޮށްގެން ފޯމާބެހޭ އެންމެ ފަހުގެ މައުލޫމާތު ބެލޭނެ އެވެ. އަދި ފޯމު ޕްރޮސެސްވާ ވަރަކުން އެސްއެމްއެސް އަދި އީމެއިލުން އަޕްޑޭޓް ލިބޭނެ އެވެ.
އެމްއައިބީގެ އެންމެ މަގްބޫލް ޕޮރްޑަކްޓް، އުޖާލާ ދިރިއުޅުން ސްކީމްއަށް އެޕްލައިކުރުމަށް މި ޕޯޓަލްގެ ސަބަބުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށާއި، ރަށުގައި ހުރެ އެންމެ ކައިރި ބްރާންޗަކަށް ހުށަހަޅާ ފޯމް ފޯމު ޕްރޮސެސްވެ އެޕޮއިންޓްމަންޓް ލިބުމުން ދާންޖެހޭނީ ހަމައެކަނި ސޮއިކޮށްލަން ކަމަށް ބޭންކުން ބުންޏެވެ.
ކޯޓޭޝަން ހުށަހެޅުންވެސް މި ޕޯޓަލް މެދުވެރިކޮށް ފަހިވެގެން ދިއުން، ބުރަކޮށް އުޅޭއިރު ވެސް، އުޖާލާ ދިރިއުޅުމުން މުދާ ނަގަން ބޭނުން ފަރާތްތަކަށް ފަސޭހައަކަށް ވެގެންދާނެ ކަމެއް ކަމަށް އެމްއައިބީން ބުނެ އެވެ.
އޮންލައިން ޕޯޓެލްގެ ހިދުމަތް އަދިވެސް އިތުރަށް ތަރައްގީކުރާނެ ކަމަށް ބޭންކުން ބުންޏެވެ.









