މިދިޔަ ބުރާސްފަތި ދުވަހުގެރޭ އަވަހާރަވި ދިވެހިބަހާއި އަދަބިއްޔާތާއި ފަންނުވެރިކަމުގެ ހިދުމަތްތެރިޔާ ކޮޕީ މުހައްމަދު ރަޝީދުގެ ހަނދާނުގައި ދިވެހިބަހުގެ އެކެޑެމީގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ހެނދުނު ސޮއިކުރައްވައިފި އެވެ.
ތައުޒިޔާ ފޮތުގައި ސޮއިކުރައްވަން ވަޑައިގެން ރައީސް ދިވެހި ބަހުގެ އެކެޑެމީގެ މުވައްޒަފުންނާ ނުރަސްމީކޮށް ބައްދަލުކުރައްވައި ވާހަކަދައްކަވައިފަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ތައުޒިޔާގެ ދަފުތަރުގައި ރައީސް ވަނީ ކޮޕީ ރަޝީދަކީ އެތައް ރޮނގަކުން ދިވެހި ދައުލަތަށާއި، ދިވެހި މުޖުތަމައަށް ވަރަށް އަގުހުރި ގިނަގުނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއްކަމަށާއި، އެބޭފުޅާ ދިވެހި ގައުމަށް ދޫކުރެއްވީ ވަރަށް އަގުބޮޑު އަދަބީ ތަރިކައެއްކަމުގައި ލިޔުއްވައިފަ އެވެ.
ކޮޕީ ރަޝީދު ވަކިވެދިޔުމަކީ ދިވެހި ގައުމަށާއި އަދަބިއްޔާތައް ލިބުނު ހީނަރުކަމެއްކަމުގައި ފާހަގަކުރައްވައި ރައީސް ބަޔާން ނިންމާލައްވާފައިވަނީ، އޭނާ އަށް ސުވަރުގޭގެ ތަނަވަސް ރަހުމަތާއި ނިއުމަތް މިންވަރު ކުރެއްވުމަށް އެދި ﷲގެ ހަޒްރަތުގައި ދުއާ ދަންނަވައި، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގަންނަވަމުންނެވެ.
ކޮޕީ ރަޝީދުގެ މޫނު ދެކިލުމަށް ހުކުރު ދުވަހު ހެނދުނު ރައީސް އާސަހަރާ އަށް ވެސް ވަޑައިގެންނެވި އެވެ.

ކޮޕީ ރަޝީދަކީ ވާހަކަ އާއި ތަމްސީލް ލިޔުއްވައި ޅެން ހެެއްދެވި އަދީބެކެވެ. އަދި ތަމްސީލް ކުޅުއްވި ހުނަރުވެރި އެކްޓަރެއް ވެސް މެ އެވެ. މީގެ އޭނާ އަކީ އިތުރުން ބޮޑުއަކުރު އެޅުއްވި ކުޅަދާނަ ކެލިގްރާފަރެކެވެ.
ކޮޕީ ރަޝީދަށް ވަނީ ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމު 2020 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ. އޭގެ ކުރިން ތިން ދާއިރާއަކުން ހިތްވަރު ދިނުމުގެ އިނާމު ވެސް ލިބިވަޑައިގެންފައިވެ އެވެ. އެންމެ ފުރަތަމަ، ތަމްސީލު ކުޅުމުގެ ރޮނގުން އާއްމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު 1984 ގައި، ތާނަ އަރަބި ލިޔުމުގެ ރޮނގުން 1988 ގައި އަދި ދިވެހި އަދަބިއްޔާތަށް ހިދުމަތްކުރުމުގެ ދާއިރާއިން، ޅެންހެދުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު 2005 ވަނަ އަހަރު ލިބިވަޑައިގެންފައިވެ އެވެ.











