އެއްފަހަރާ 100 މީހުން މޮނިޓާ ކުރެވޭނެ "މޮނިކޮން" ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީން ފަށައިފި އެވެ.
ހޯމް މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މީހުން މޮނިޓާ ކުރުމަށްޓަކައި އިލެކްޓްރޯނިކް ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ތަކެއްޗާއި އެ ހިދުމަތް ގާއިމުކޮށްދިނުމާއި އަދި ޓްރޭނިން ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.
ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓާ ހަފްސީ އަބްދުﷲ "އަދަދު" އަށް ވިދާޅުވީ މިނިސްޓްރީން ފެށި އެ މަސައްކަތާއެކު 100 މީހުން އެއްފަހަރާ މޮނިޓާ ކުރެވޭނެ ކަމަށެވެ.
ބީލަމުގައި ރަޖިސްޓްރީވާން ހުޅުވާލާފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން އީމެއިލްއަކުން ރަޖިސްޓާ ވުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

ބީލަން ހުށަހެޅުމަށް ދީފައިވާ ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ކަމަށްވެސް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 29 ވަނަ މާއްދާގައި ދަށުން ނެރޭ މޮނިކޮން އަމުރަކީ ނުރައްކާތެރި ކުށްތައް ކުރާ ކަމަށް ތުހުމަތު ކުރާ މީހުން އުޅޭނޫޅޭ ގޮތް ބަލައި ފާރަލުމަށް ހޯމް މިނިސްޓަރު ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް ހައި ކޯޓުން ނެރޭ އަމުރެކެވެ. އެ އަމުރުގެ ދަށުން އެ މީހުންގެ ހަރަކާތްތައް ބަލައި މޮނިޓާކުރަނީ މޮނިކޮން ޓެގް އަޅުވައިގެންނެވެ.
ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު ހަރުކަށި ފިކުރުގެ ނުރައްކާ ބޮޑުވެފައިވާއިރު އެ ހަމަލާގައި ބައިވެރިވާ ގިނަ މީހުންނަކީ ވެސް ޓެރަރިޒަމްގެ އެހެން ކުށްތަކުގެ ރިކޯޑް އޮންނަ ބައެކެވެ. އެފަދަ ބަޔަކު މުޖުތަމައުއަށް ދޫވެ، އެހާ ހާމަކަން ބޮޑު ގޮތެއްގައި ސައިކަލެއްގައި ބޮމެއް ހަރުކޮށް ގޮއްވާލުމުގެ ފުރުސަތު ލިބުމުން ފުލުހުންނަށް ފާޑުކިޔުން ވަނީ ބޮޑުވެފަ އެވެ.
މޮނިކޮން އަމުރު ނެރެ، މީހުންގެ ފައިގައި ޓެގް އަޅުވައިގެން ބަލަހައްޓަން ފެށީ 2016 ވަނަ އަހަރު އެވެ.












