އެކައުންޓިންގް ދާއިރާއަށް ގިނަ ޒުވާނުން ނެރުމަށް ސަމާލުކަން ދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް އެކައުންޓަންޓްސް ފޯރަމް އިފްތިތާހު ކުރުމަށް މިރޭ ކްރޮސްރޯޑުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދަށް އަންނަ ކުރިއެރުމާއެކު، ބޭންކިންގް ދާއިރާއާއި، އިގްތިސޯދީ ސިނާއަތުގައި، އެކައުންޓެންސީ ދާއިރާގެ ވަރަށް ގިނަ ވަޒީފާތައް މިހާރުވެސް އުފެދެމުން އަންނަ ކަމަށެވެ.
މިގޮތުން ދައުލަތާއި ޕްރައިވެޓް ސެކްޓާގެ މާލީ ކަންކަމާއި، ޓެކްސްގެ ކަންކަން ބަލަހައްޓާނެ އެކައުންޓަންޓުންނާއި އޮޑިޓަރުންގެ ރޯލު އިތުރަށް ފުޅާކުރުމުގެ ބޭނުންތެރިކަންވެސް މިހާރު ވަރަށް ބޮޑުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެ ވަޒީފާތަކަށް ސަރުކާރުވެސް އަދި މި އިންޑަސްޓްރީވެސް ބޭނުންވަނީ، ކޮލިފައިޑް ގާބިލް އެކައުންޓެންޓުން. އެހެންކަމުން، މި ދާއިރާއިން މީހުން ބިނާކުރުމަކީ، މިވަގުތު ކުރަން ޖެހިފައިވާ ވަރަށް މުހިންމު މަސައްކަތެއް. މި ޕްރޮފެޝަން ތަރައްގީ ކުރުމަށްޓަކައި، މި އިންސްޓިޓިއުޓަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށްދޭނެ. އެކައުންޓެންޓުން ތަމްރީނުކޮށް، ފަންނީ ގާބިލުކަން އިތުރުކުރުމަށް ފުރުސަތުތައްވެސް ތަނަވަސްކޮށްދޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެކައުންޓިން ދާއިރާއަކީ، ހެޔޮ ވެރިކަމުގެ ނިޒާމާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ދާއިރާއެއް ކަމަށެވެ. މި ދާއިރާ ހަރުދަނާވެ ފުޅާވިވަރަކަށް، ޕްރައިވެޓް އަދި ޕަބްލިކް ސެކްޓާގެ ދެފުށް ފެންނަ މިންވަރު އިތުރުވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން، ރައީސް ވިދާޅުވީ ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން، ކޮރަޕްޝަނަށް މަގުފަހިވާ ދޮރުތައް ހަނިކުރެވި، ނަޒާހަތްތެރިކަމުގެ ސިފަ އަށަގަތުމަށް ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށެވެ.
ރާއްޖޭގައި ކުރެވޭ މާލީ މުއާމަލާތްތައް، ހާއްސަކޮށް، ދައުލަތުގެ މާލީ މުއާމަލާތްތައް، އޮޑިޓްކޮށް ބެލެހެއްޓުމުގެ މަސައްކަތް ފެށިފައި ވަނީ، މީގެ ގާތްގަނޑަކަށް 67 އަހަރު ކުރިންނެވެ.
މިއަދާ ހަމައަށް އައިއިރު ބަދަލުވެފައިވާ ނަމަވެސް، މި ދާއިރާގައިވެސް ދިވެހިންނަށްވުރެ ގިނަކަމަށް ފާހަގަކުރެވެނީ ބިދޭސީ އެކައުންޓެންޓުން ކަމަށް ރައީސް ވިދާޅުވި އެވެ.
"މިހާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ޕްރައިވެޓް ސެކްޓާގައި ގާތްގަނޑަކަށް 4500 އަށްވުރެ ގިނަ ބިދޭސީން އެބަ މަސައްކަތް ކުރައްވާ. އަދި ރާއްޖޭގައި އިންކަމް ޓެކްސް ދައްކާ މީހުންގެ 15 އިންސައްތައަކީ، އެކައުންޓިން ދާއިރާގެ މީހުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެކައުންޓިންގް ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިތުރުން، ޕްރޮފެޝަނަލް އެކައުންޓެންސީ ކޯސްތަކާމެދު ޒުވާނުން ޝައުޤުވެރިކުރުވައި، ގިނަ ޒުވާނުން މި ދާއިރާއަށް ނެރުމަކީ، މި އިންސްޓިޓިއުޓުން ވަރަށް ބޮޑަށް ސަމާލުކަން ދެއްވަންޖެހޭނެ ކަމެއް ކަމަށެވެ. އަދި އެކަމަށް ހުރި ގޮންޖެހުންތަކާމެދު މި ފޯރަމްގައި މަޝްވަރާ ކުރައްވައި، ހައްލުތަކެއް ހޯއްދެވުމަކީވެސް ވަރަށް މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.












