ރާއްޖޭގެ ތަރައްގީގެ ދުވެލި މިހާރު ހުރީ ރަނގަޅު މިސްރާބުގައި ކަމަށް ރައީސުލްޖުމްހޫރިޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް އެކައުންޓަންޓްސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުން ފެނުނީ، ގައުމުތަކުގެ އިގްތިސޯދު އިނދަޖައްސައިލި ވަބާއެއްގެ ގޮތުގައި ކަމަށެވެ.
ގައުމީ އާމްދަނީއާ ގުޅިފައިވާ ސިނާއަތްތައް ކުރިއަރަމުން އަންނަނީވެސް އުންމީދު އާކޮށްދޭ ގޮތެއްގައި ކަމަށް ވެސް ރައިސް ވިދާޅުވި އެވެ.
"ދޮޅު އަހަރަށްފަހު، މިހާރު ފެންނަނީ ދުނިޔޭގެ އިގްތިސޯދު އަނެއްކާވެސް މަޑުމަޑުން ތެދުވަމުން އަންނަ މަންޒަރު ކަމަށާއި ރާއްޖޭގެ އިގްތިސޯދުވެސް ހަމަ މިމޭރުމުން ހިންދެމިލާ މަންޒަރު މިއަދު އެބަ ފެނޭ،" ރައީސް
މިރޭ ފެށި ފޯރަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ މިއަދު ރާއްޖޭގެ ހާލަތު އޮތީ ދިވެހި އެކައުންޓެންޓުންނާއި އޮޑިޓަރުން އުފައްދައި ތަމްރީނު ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ ހާލަތުގައި ކަމަށެވެ.

އެގޮތުން އެކައުންޓިންގް ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިތުރުން، ޕްރޮފެޝަނަލް އެކައުންޓެންސީ ކޯސްތަކާމެދު ޒުވާނުން ޝައުގުވެރި ކުރުވައި، ގިނަ ޒުވާނުން މި ދާއިރާއަށް ނެރުމަކީ، އެ އިންސްޓިޓިއުޓުން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި އެކަމަށް ހުރި ގޮންޖެހުންތަކާމެދު އެ ފޯރަމްގައި މަޝްވަރާ ކުރައްވައި، ހައްލުތަކެއް ހޯއްދެވުމަކީވެސް ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ފޯރަމަކީ، ރާއްޖޭގައި މަސައްކަތް ކުރައްވާ އޮޑިޓަރުންނާއި އެކައުންޓެންޓުން އެއްތަނަކުން ބައްދަލުވެ، މި ދާއިރާގައި ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށް ލިބޭ ވަރަށް އަގުހުރި ފުރުސަތެއް. އަދި އެ ކަންބޮޑުވުންތަކާމެދު މި ދާއިރާގެ ހިއްސާދާރުންނާ އެކުގައި މަޝްވަރާ ކުރައްވައި، އެއްބަސްވެވޭ ހައްލަކަށް މިސްރާބު އަމާޒުކުރެވޭނެ ފޯރަމަކަށް ވެގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން،" ރައީސް












