ތިން ގައުމަކުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުންނަށް، އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަފީރުކަމުގެ ފަތްކޮޅު އަރުވާފައިވަނީ ނިއުޒިލޭންޑާއި، ފިލިޕީންސްގެ އިތުރުން، ނައިޖީރިއާއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުންނެވެ.
ރައީސް ވަނީ އެ ތިން ބޭފުޅުންނާ ވަކިވަކިން ބައްދަލުކުރައްވައި، ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުހަބާ ދަންނަވާފަ އެވެ.
ފިލިޕީންސް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އާ ސަފީރަކީ އެލަން އެލް ޑެނިއެގާ އެވެ.
ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު ފިލިޕީންސްގެ އާ ސަފީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސާއި ސަފީރު ވަނީ ދެ ގައުމުގައި ހުރި ހިޔާލު އެއްގޮތް ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

އެގޮތުން އެދެބޭފުޅުން ވަނީ ދެ ގައުމުގެ މިހާރުގެ ކޮވިޑްގެ ހާލަތާއި، މޫސުމަށް އަންނަ ބަދަލުތަކާއި، އޭގެ ނާޒުކުކަމާއި، ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.
ފިލިޕީންސްގެ އާ ސަފީރު ދެއްކެވި ވާހަކައިގައި، ރާއްޖޭގައި ދިރިއުޅޭ ފިލިޕީންސްގެ ރައްޔިތުންނަށް ދިވެހި ސަރުކާރުން ދެމުންދާ މެހްމާންދާރީއާއި، އެހީއަށް ޝުކުރު އަދާކުރައްވައި، ރާއްޖޭގައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރުގެ ގޮތުގައި މަސައްކަތްކުރެއްވުމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް ވަނީ، ފިލިޕީންސްގެ އާ ސަފީރަށް ތަހުނިޔާ ވިދާޅުވެ، ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެއާއި ފިލިޕީންސްއާ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފަ އެވެ.

ނިއުޒިލޭންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ އައު ސަފީރަކީ މައިކަލް އެޑްވާޑް އެޕަލްޓަން ރައީސް ސޯލިހާ ބައްދަލުކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް.
ނިއުޒިލޭންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ އާ ސަފީރަކީ މައިކަލް އެޑްވާޑް އެޕަލްޓަނެވެ.
ފަތްކޮޅު އެރުވުމަށްފަހު، ނިއުޒިލޭންޑްގެ އައު ސަފީރާ ރައީސް ބައްދަލުކުރައްވައި ވަނީ ރާއްޖެއާއި ނިއުޒިލެންޑާއި ދެގައުމުގެ ސިޔާސީ ގުޅުން ގާއިމުކުރިތާ 47 އަހަރު ފުރުން ފާހަގަކުރީ މިދިޔަ އަހަރު ކަމުގައި ވިދާޅުވެފަ އެވެ. އަދި ރާއްޖެއިން ނިއުޒިލެންޑަކީ ރަނގަޅު އެކުވެރިއެއްގެ އިތުރުން ރަނގަޅު ބައިވެރިއެއް ކަމަށް ދެކޭކަން ފާހަގަކުރެެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރާއްޖެއާއި ނިއުޒިލެންޑާ ދެގައުމުގެ ދެމެދުގައި އޮންނަނީ އެއްގައުމުން އަނެއް ގައުމަށް ހާއްސަ އަދި ދެގައުމުގެވެސް ޝައުގުވެރިކަން އޮންނަ އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާކަމުގައި ފާހަގަކުރައްވާފަ އެވެ.
އެގޮތުން ވަކިން ހާއްސަކޮށް ބައިނަލްއަގްވާމީ މައިދާނުގައި، ދެ ގައުމުންވެސް އެންމެ ކަންބޮޑުވާ އެއް ދާއިރާއަކީ ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް ކުރާ ހަނގުރާމަކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ މަތީ ތައުލީމުގެ ފުރުސަތުތައް އިތުރުކުރުމާއި، ދެ ގައުމުގެ މިހާރުގެ ކޯވިޑްގެ ހާލަތާއި، ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމާއި، ސުލްހައާއި ސަލާމަތާއި ރައްކާތެރިކަމާއި، އަދި ދެ ގައުމުގެ މަތީ ފަންތީގެ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައިސް އާއި ސަފީރު ވަނީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަގީން ކުރައްވާ ކަމުގައި ވިދާޅުވެފަ އެވެ.

ނައިޖީރިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރަށް، ސަފީރު ކަމުގެ ފަތްކޮޅު އަރުވަނީ-- ފޮޓޯ: ރައީސް އޮފީސް
ނައިޖީރިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރަކީ އަބިއޮޔޭ މުހައްމަދު ބެއްލޯ އެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ނައިޖީރިއާގެ ސަފީރު ވިދާޅުވީ ސަފީރުކަމުގެ ދައުރުގައި، ރާއްޖެއާއި ނައިޖީރިއާ ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރާއްޖެއާއި ނައިޖީރިއާ އާ ދެމެދު އޮތް 40 އަހަރު ވެފައިވާ ތާރީހީ ގާތް ގުޅުން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ދިވެހި ސަރުކާރުން މި ގުޅުން ބަދަހިކުރެއްވުމަށް އަޒުމް ކަނޑައަޅާފައިވަނީ، ދެ ގައުމުން ގަބޫލުކުރާ އެއްބައިވަންތަކަމުގެ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ރައީސް ވަނީ ކުރިއަށް އޮތް ދުވަސްތަކަށް ހެޔޮއެދުންތައް އަރިސްކުރައްވައި ރާއްޖެއާއި ނައިޖީރިއާއާ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފަ އެވެ.












