އަންނަ އަހަރަށް ކައުންސިލްތަކަށް ކަނޑައަޅާފައިވާ ބަޖެޓުގެ ތެރެއިން ގާނޫނުން ލާޒިމުކޮށްފައިވާ ޒިންމާތަކާއި ރައްޔިތުންނަށް ދޭ ހިދުމަތްތައް ފޯރުކޮށްނުދެވޭނެކަމަށް ކައުންސިލުތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ބުނެފި އެވެ.
މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި ބޮޑެތި އިސްލާހުތަކާއެކު ކައުންސިލް ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ފިސްކަލް ފޯމިއުލާއެއްގެ ދަށުން އެ އަހަރަކަށް ފާސްކުރާ އާމްދަނީގެ މަދުވެގެން ފަސް ޕަސަންޓް އަދި ކައުންސިލްތަކުގެ އިހުތިސާސުގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 ޕަސަންޓު ކައުންސިލްތަކުގެ މެދުގައި ބަހަންޖެހެ އެވެ.
މިގޮތުން، އަންނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ހިމަނާފައިވާ 24.3 ބިލިއަން ރުފިޔާގެ ފަސް ޕަސަންޓް، 854.9 މިލިއަން ރުފިޔާ ކައުންސިލްތަކުގެ ބްލޮކް ގްރާންޓްގެ ގޮތުގައި ވަނީ ހިމަނާފަ އެވެ.
ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީން 710.5 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.

އެއާއެކު، މިއަހަރު ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލުތަކަށް ޖުމްލަ 1.5 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު ދިރާސާކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މިނިވަން މުއައްސަސާތަކަށް ކަނޑައަޅާފައިވާ ބަޖެޓާބެހޭ ގޮތުން ބައެއް މުއައްސާސަތަކުން ވަނީ ޝަކުވާކޮށްފަ އެވެ.
އެގޮތުން، މަޖިލީހުގެ ބަޖެޓު ދިރާސާ ކޮމިޓީގައި އެލްޖީއޭގެ ކަންބޮޑުވުންތައް ހިއްސާކުރައްވަމުން، އެ އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލް އާދަމް ޝަރީފް އަހުމަދު ވިދާޅުވީ ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމުގެ ކުރިން، އޭރުގެ ކައުންސިލަރުންގެ އަދަދާއި މުވައްޒަފުންގެ އޮނިގަނޑުގެ އިތުރުން ރައްޔިތުންނަށް ދޭ ހިދުމަތްތަކަށް ބަލައި، ހަރަދުގެ ގޮތުގައި އަންދާޒާ ކޮށްފައިވަނީ އަހަރެއްގެ މައްޗަށް ދައުލަތަށް ލިބޭ އާމްދަނީގެ 2.1 ޕަސަންޓް ކަމަށެވެ.
އެގޮތުން، ގާނޫނު އިސްލާހު ކުރުމުގެ ތެރޭގައި ކައުންސިލުތަކަށް ދޭ އަދަދު ފަސް ޕަސަންޓަށް ކަނޑައެޅީ، ރިކަރަންޓް ހަރަދު ކަނޑައި ބާކީ ބައި ކައުންސިލުތަކުން ޕްރޮގްރާމްތައް ހިންގުމަށް ވިސްނައިގެން ކަމަށެވެ.
ނަމަވެސް، ޝަރީފް ވިދާޅުވި ގޮތުގައި ލާމަރުކަޒީ ގާނޫނު އިސްލާހު ކުރިއިރު، ރަށްރަށުގައި ހުރި މިސްކިތްތަކާއި ކުޅިވަރު ދަނޑު ފަދަ ތަންތަން ކައުންސިލުތަކުގެ ދަށަށް ބަދަލުކުރެވިފައިވަނީ އެތަންތަނަށް ހިނގާ ހަރަދު ވެސް ކައުންސިލުތަކުގެ ބަޖެޓުން ހަމަޖައްސަންޖެހޭ ގޮތަށެވެ.
މީގެ އިތުރުން، މިފަހަރު އަލަށް އިންތިހާބުކުރި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުންގެ މުސާރަ ދެގުނަ ބޮޑުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވުމުން ކައުންސިލުތަކުގެ ހަރަދު އިތުރުވެފައިވާކަން ފާހަގަކުރެއްވި އެވެ.
އެއާއެކު، އެލްޖީއޭއިން އަންދާޒާ ކުރާ ގޮތުގައި، ކައުންސިލުތަކުގެ ރިކަރަންޓް ހަރަދަށް އެކަނި ބްލޮކް ގްރާންޓަށްދޭ ހުރިހާ ފައިސާއެއް ހޭދަވާނެ އެވެ.
އެހެންކަމުން، ކައުންސިލުތަކުގެ މުސާރަ ފަދަ ރިކަރެންޓް ހަރަދު ހަމަޖެއްސުމަށްފަހު، ޕްރޮގްރާމް ހިންގަން އެއްވެސް ފައިސާއެއް ނުހުންނާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
މިގޮތުން، ވަކި ފޯމިއުލާއެއްގެ ދަށުން ބްލޮކް ގްރާންޓް ބަހާއިރު، 100 އަށް ވުރެ ގިނަ ރަށަށް ޕްރޮގްރާމް ބަޖެޓެއް ނުލިބޭއިރު، އަންހެނުންގެ ކޮމިޓީތަކުގެ މެމްބަރުންނަށް މުސާރަ ހަމަވާން ވެސް ދަތިވާނެ ކަމަށެވެ.
"މިހާރު އޮތް ބަޖެޓުން ކައުންސިލްތަކަށް ގާނޫނުގައި އެ ބުނާ ޒިންމާއެއް އަދާ ނުކުރެވޭނެ،" ޝަރީފް ވިދާޅުވި އެވެ.
ޕްރޮގްރާމްތައް ހިންގުމަށްޓަކައި ކިހާ އަދަދެއްގެ މިންވަރަށް އިތުރުކުރަންޖެހޭނެތޯ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަރީފް ވިދާޅުވީ އެކަން ކުރުމަށްޓަކައި ކައުންސިލުތަކަށް ދޭ ބްލޮކް ގްރާންޓް ދައުލަތުގެ އާމްދަނީއަށް ލިބޭ ފައިސާގެ ހަ ޕަސަންޓަށް އިތުރުކުރަންޖެހޭ ކަމަށެވެ.
ލޭންޑް ޔޫސް ޕްލޭންތައް ހަދަން ފަންނީ މުވައްޒަފުން
މީގެ އިތުރުން، ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށު ލެވެލްގައި ތަރައްގީގެ ޕްލޭނެއްގެ އިތުރުން ލޭންޑް ޔޫސް ޕްލޭން ހަދަން ކައުންސިލުތަކުގެ މައްޗަށް ލާޒިމުކޮށްފައިވާއިރު، އެކަން ކުރުމުގައި ފަންނީ މުވައްޒަފުން ލިބުމުގެ ދަތިކަމުގެ ސަބަބުން އެކަން މަޑުޖެހިފައިވާކަން އެލްޖީއޭގެ ސީއީއޯ ފާތިމަތު އަފްޝަން ލަތީފް މިއަދު ފާހަގަކުރެއްވި އެވެ.
އެގޮތުން، އެއްވެސް މިންވަރަކަށް ޕްލޭން ހެދިފައިނެތް 43 ރަށެއްގެ ޕްލޭން ހަދަން ހަތަރު ފަހަރެއްގެ މަތިން އިއުލާނުކޮށްގެން ވެސް އެކަށީގެންވާ ފަރާތްތަކެއް ލިބިފައިނުވާކަން އަފްޝަން ފާހަގަކުރެއްވި އެވެ. އެ މައްސަލަ ހައްލުކުރަން މިނިސްޓްރީތަކާއި ގައުމީ ޔުނިވާސިޓީގެ ކަމާބެހޭ ފެކަލްޓީއާ ވާހަކަ ދައްކައިގެން ވެސް ކުރިއެރުމެއް ލިބިފައިނުވާކަމަށް ވިދާޅުވި އެވެ. އެހެންކަމުން، އެލްޖީއޭގެ ވިސްނުމަކީ އެ ޕްލޭންތައް ހަދައި ދިނުމަށް ކައުންސިލްތަކަށް އެހީތެރިވުމަށް އެ އޮތޯރިޓީއިން އެކަމުގެ ފަންނީ މުވައްޒަފުން ނެގުމެވެ.
"މި މަސައްކަތް މުސްތަގުބަލުގައި ވެސް ދާނީ ކުރެވެމުން. އެހެންވީމާ މި ޓެކްނިކަލް ސްޓާފުންވާނެ ޝެއާ ކުރެވޭނެ ރިސޯސްއަކަށް،" އަފްޝަން ވިދާޅުވި އެވެ.
އެކަމަށްޓަކައި ހަތަރު މުވައްޒަފުން ނެގުމަށް އެލްޖީއޭއަށް ކަނޑައަޅާފައިވާ 57.8 މިލިއަން ރުފިޔާގެ ޖުމްލަ ބަޖެޓަށް އިތުރު 1.2 މިލިއަން ރުފިޔާ ހިމަނައި ދިނުމަށް އެލްޖީއޭއިން މިއަދު ބަޖެޓު ކޮމިޓީގައި ވަނީ އެދިފަ އެވެ.
ކައުންސިލް އިދާރާތަކުގެ ނިކަމެތި ހާލަތު
ބަޖެޓު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އަފްޝަން ވަނީ ގިނަ ކައުންސިލް އިދާރާތައް ހުރި ނިކަމެތި ހާލަތުގެ ސަބަބުން މަސައްކަތް ކުރުމާއި ހިދުމަތް ދިނުމަށް ހުރި ދަތިތައް މެމްބަރުންގެ ސަމާލުކަމަށް ގެންނަވައިފަ އެވެ.
އަފްޝަން ވިދާޅުވި ގޮތުގައި ކައުންސިލް އިދާރާތަކުގެ ހާލަތުގެ މައުލޫމާތު އެލްޖީއޭއިން އެއް ކުރުމަށްފަހު، ޖުމްލަ 23 ރަށެއް ފާހަގަކޮށް، ބަޖެޓުގައި ހިމަނަން ހުށަހެޅި އެވެ.
ނަމަވެސް، ބަޖެޓު އެކުލަވާލެވިގެން އައިއިރު، ބަޖެޓުގައި ހިމެނިފައި އޮތީ ހަތަރު ރަށެއްގައި ކައުންސިލް އިދާރާ ތަރައްގީ ކުރަން ކަމަށް ވިދާޅުވި އެވެ. އަދި އޭގެ ތެރޭގައި ވެސް ހިމެނެނީ އެލްޖީއޭއިން ހުށަހެޅި ރަށްތަކުގެ ތެރެއިން އެންމެ ރަށެއް ކަން ވެސް އަފްޝަން ފާހަގަކުރެއްވި އެވެ. އެއާއެކު، އަންނަ އަހަރު ކޮންމެހެން ތަރައްގީކުރަންޖެހޭ 10 އިދާރާއެއް ހުރި ކަމަށާއި، އެކަމަށްޓަކައި އިތުރު 30 މިލިއަން ރުފިޔާ ހިމަނައި ދިނުމަށް ބަޖެޓު ކޮމިޓީގައި އަފްޝަން އެދިވަޑައިގެންނެވި އެވެ.
ބަޖެޓު 2022 ގެ ހުލާސާ
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓްގެ 24.8 ބިލިއަން ރުފިޔާ ރިކަރަންޓް ހަރަދުގެ ގޮތުގައި ހިމަނާފައިވާއިރު، ކެޕިޓަލް ހަރަދަށް ލަފާކޮށްފައިވަނީ 12.1 ބިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓްރީން ލަފާކުރާ ގޮތުގައި އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެ އެވެ. އަންނަ އަހަރަށް ހުށަހަޅާފައިވަނީ 9.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.
ނަމަވެސް، އޭގެ ތެރޭގައި ލޯނު އަނބުރާ ދެއްކުމުގެ ބައި ނުހިމެނޭތީ، ލޯނު އަނބުރާ ދެއްކުމަށް 2.9 ބިލިއަން ރުފިޔާގެ އިތުރުން އެހެނިހެން ކަންކަމަށް އިތުރު 805 މިލިއަން ރުފިޔާ ބޭނުންވާކަމަށް ވަނީ ލަފާކޮށްފަ އެވެ.
އެއާއެކު އަންނަ އަހަރުގެ ބަޖެޓު ފިނޭންސް ކުރުމަށްޓަކައި ޖުމްލަ 13.4 ބިލިއަން ރުފިޔާ ހޯދަންޖެހެ އެވެ. އެކަމަށް ބޭނުންވާ އަދަދުގެ 7.5 ބިލިއަން ރުފިޔާ ބޭރުގެ އެކި ފަރާތްތަކުން ހޯދަން ހިމަނާފައި ވާއިރު، ބާކީ ހަމަޖައްސަނީ އެތެރޭގެ ފަރާތްތަކަށް ބޮންޑާއި ޓީ ބިލު ފަދަ ސެކިއުރިޓީޒް ވިއްކައިގެންނެވެ.












