ދުބާއީ (ނޮވެމްބަރު 15) - ޓީ20 ކްރިކެޓް ފައިނަލުގައި ރޭ އޮސްޓްރޭލިއާ އަތުން ބަލިވި ނަމަވެސް ނިއު ޒީލެންޑް ޓީމު އެނބުރި ގައުމަށް ދާނީ މާޔޫސްވުމެއް ނެތި އިސްއުފުލައިގެން ކަމަށް ނިއު ޒީލެންޑްގެ ކެޕްޓަން ކޭން ވިލިއަމްސަން ބުނެފި އެވެ.
ދުބާއީގައި ރޭ ކުޅުނު ފައިނަލުގައި އަށް ވިކެޓުން އޮސްޓްރޭލިއާ އަތުން ބަލިވިއިރު، ރޭގެ މެޗުގައި ވެސް ވިލިއަމްސަން ވަނީ މޮޅަށް ކުޅެފަ އެވެ. އޭނާ ވަނީ 48 ބޯޅައިން 85 ލަނޑު ހަދައިފަ އެވެ.
އޮސްޓްރޭލިއާ އިން ވަނީ 2015 ވަނަ އަހަރުގެ ވަން ޑޭ އިންޓަނޭޝަނަލްސް ފައިނަލުގައި ނިއު ޒީލެންޑް ބަލިކުރި ގޮތަށް ރޭގެ ފައިނަލުގައި ވެސް މޮޅުވެފަ އެވެ.
ފައިނަލުގައި ނިއު ޒީލެންޑްގެ އޮތީ ބަދުނަސީބު ރެކޯޑެއް ކަމަށް ދޭހަވާ ގޮތަށް ނޫސްވެރިއަކު ސުވާލުކުރުމުން ވިލިއަމްސަން ވަނީ ޓެސްޓް ޗެމްޕިއަންޝިޕް ފައިނަލުގައި މި އަހަރު އިންޑިއާގެ މައްޗަށް ނިއު ޒީލެންޑުން ކުރި ހޯދިކަން ނޫސްވެރިންނަށް ހަނދާން ކޮށްދީފަ އެވެ.
"މިއީ ވެސް މެޗެއް. މެޗަކަށް ނުކުންނަން ޖެހޭނީ ބައްޔާއި މޮޅު އޮންނަކަން ގަބޫލުކޮށްގެން. މި މެޗުގައި އަހަރެމެން މި ތިބީ ބަލިވި ފަޅީގައި. އަހަރެެމެން މި މުބާރާތުގައި ދެއްކި ކުޅުމާއި ކުރި މަސައްކަތުގެ ވާހަކަ ދައްކާނަމަ މި ފައިނަލުގެ ވާހަކަ އިން ހަމައެކަނި ފަރުޖައްސައިނުލެވޭނެ،" ވިލިއަމްސަން ބުންޏެވެ.
"އަހަރެމެން މާޔޫސްވާން ޖެހޭހާ ދަށްކޮށް ދިޔަ މުބާރާތެއް ނޫން މިއީ. އަހަރެމެން އެނބުރި ގައުމަށް ދާނީ އިސް އުފުލައިގެން،"
ވިިލިއަމްސަން ބުނީ ރޭގެ ފައިނަލުގައި ނިއު ޒީލެންޑްގެ ޕްލޭނާ އެއްގޮތަށް ނުކުޅެވުނު ކަމަށާއި އޭގެ ފައިދާ އޮސްޓްރޭލިއާ އިން ނެގި ކަމަށެވެ. އަދި ފައިނަލުގައި އޮސްޓްރޭލިއާ އިން ދެއްކި މޮޅު "ޕްރޮފެޝަނަލް" ކުޅުމަށް ބަލާއިރު، އެ ޓީމަށް މި ކާމިޔާބީ ހައްގުވާ ކަމަށް ވިލިއަމްސަން ގަބޫލުކުރެ އެވެ.
"އެކަމަކު އަހަރެމެންގެ ޓީމު ކުރި މަސައްކަތް ވެސް ހަނދާން ނައްތާލައިގެން ނުވާނެ. އަހަރެން ފަހުރުވެރިވަން މި ޓީމާ މެދު،" ވިލިއަމްސަން ބުންޏެވެ.
މި ފަހަރުގެ މުބާރާތުގައި ލިބުނު ތަޖުރިބާ އިން އަންނަ އަހަރު އޮސްޓްރޭލިއާގައި ބާއްވަން ތާވަލުކޮށްފައިވާ ޓީ20 ވޯލްޑް ކަޕަށް ރަނގަޅަށް ތައްޔާރުވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިލިއަމްސަން ވަނީ ބުނެފަ އެވެ.












