އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި (އޭއީއެޗް) ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
އޭއީއެޗްއިން އިއްޔެ ބުނެފައި ވަނީ އެ ކުއްޖާ މަރުވެފައި ވަނީ ވިހެއުމުގެ ތެރޭގައި ކުއްޖާގެ ކޮނޑު ތާށިވެގެން ކަމަށެވެ. ކުއްޖާ ވިހެއުމުގެ ތެރޭގައި ދިމާވި ކަންކަމުގައި ވެސް ކުއްޖާ ފުރާނަ ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރި ކަމަށާއި ނަަމަވެސް އެކަން ކާމިޔާބު ނުވި ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި ރަނގަޅުކުރަން ޖެހޭ ކަންކަން ބަލާނެ ކަަމަށް ވެސް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ އިއްޔެ އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށެވެ. އެއީ ތަހުގީގުކުރަމުންދާ މައްސަލައަކަށްވާތީ އިތުރު މައުލޫމާތެއް ނުދެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލަ ފުލުހަށް ހުށަހެޅީ ކުއްޖާގެ އާއިލާއިންނެވެ.

ވިހެއުމުގައި ކުދިންގެ ކޮނޑު ތާށިވުން (ޝޯލްޑާ ޑިސްޓޯޝިއާ)އަކީ މަދުން ނަމަވެސް ދިމާވާ މައްސަލައެކެވެ. ޝޯލްޑާ ޑިސްޓޯޝިއާގެ ހާލަތުގެ ސަބުބުން މައިމީހާ އާއި ކުއްޖާގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮވެ އެވެ.
ވިހެއުމުގެ ތެރޭގައި ޝޯލްޑާ ޑިސްޓޯޝިއާގެ ހާދިސާތައް ހިނގައިގެން މީގެ ކުރިން ވެސް ކުދިން މަރުވެފައިވެ އެވެ.













