މޮންޓެވިޑޭއޯ (ނޮވެމްބަރު 13) - އެންހެލް ޑި މަރިއާ ޖެހި ލަނޑާއެކު ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އުރުގުއޭ އަތުން 1-0 އިން މޮޅުވެ، އާޖެންޓީނާ ވޯލްޑް ކަޕަށް ކޮލިފައިވުމާ ގާތަށް ޖެހިލައިފި އެވެ.
އުރުގުއޭގައި ރޭ ކުޅުނު މެޗުގެ ހަމައެކަނި ލަނޑު ޑި މަރިއާ ޖެހީ މެޗުގެ ހަތް ވަނަ މިނިޓުގަ އެވެ.
މި މެޗުގެ ފުރަތަމަ 11 ގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ނުހިމަނަ އެވެ. މެސީ ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތީ ފަހު 15 މިނިޓަށެވެ. އަނިޔާގެ މައްސަލަތަކާ ހެދި، ޕީއެސްޖީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް މެސީ ނުކުޅެ އެވެ.
މި ނަތީޖާއާއެކު، ވޯލްޑް ކަޕް ކޮލިފައިންގައި އަންގާރަ ދުވަހު ބްރެޒިލްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުން މޮޅުވެ، ކޮލަމްބިއާ، ޗިލީ އަދި އުރުގުއޭ މޮޅުނުވެއްޖެނަމަ، އާޖެންޓީނާ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވާނެ އެވެ.
އާޖެންޓީނާ ތާވަލްގެ ދެވަނައިގައި އޮތީ 28 ޕޮއިންޓާއެކު އެވެ. ކޮލިފައިންގައި މިހާތަނަށް އާޖެންޓީނާ މެޗަކުން ބަލިނުވެ އެވެ.
"މިއީ އަހަރަމެންނަށް ހައްގު މޮޅެއް. އެއީ އަހަރަމެން މި މެޗުގައި ބޮޑަށް މަސައްކަތް ކުރީމަ،" އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް ބުންޏެވެ.
"މި ޓީމަކީ ވަރަށް ހިތްވަރުކުރާ ޓީމެއް. މޮޅަށް ނުކުޅެވުނަސް، މެޗުން މޮޅުވެވޭތޯ މަސައްކަތްކުރޭ."
މި މެޗުގެ ނަތީޖާއާއެކު، އުރުގުއޭ ވަނީ ލަނޑުގެ ތަފާތުން ތާވަލްގެ ހަ ވަނަ އަށް ވެއްޓިފަ އެވެ. މިހާރު އޮތް ގޮތުން، އުރުގުއޭ އޮތީ ޕްލޭއޮފްގެ ޖާގައެއް ލިބޭ މަގާމެއްގަ އެވެ. ޕޮއިންޓްގެ ގޮތުން އެއްވަރުވިޔަސް، ލަނޑުގެ ތަފާތުން ޗިލީ އާއި ކޮލަމްބިއާ އޮތީ އެ ޓީމަށްވުރެ ކުރީގަ އެވެ. -- އޭއެފްޕީ












