ސްރީ ލަންކާގައި މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގައި ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި މިއަދު ހަވީރު ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ މެޗުގެ ޓިކެޓް ވެސް އަގުބޮޑުކޮށް ވިއްކަން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފި އެވެ.
މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ލަންކާއާ ދެކޮޅަށް ރާއްޖޭގެ ސަޕޯޓަރުންނަށް ޓިކެޓް ވިއްކަން އެންމެ ފުރަތަމަ ކަނޑައެޅީ 5000 ލަންކާ ރުޕީސް (385 ދިވެހި ރުފިޔާ) އަށެވެ. އެކަމަކު، ހަ އެ މެޗުގެ ޓިކެޓް ލަންކާގެ މީހުންނަށް 200 ލަންކާ ރުޕީސް (15 ރުފިޔާ) އަށް ވިއްކި އެވެ.
ދިވެހި ސަޕޯޓަރުންނަށް ޓިކެޓް އަގުބޮޑުވުމުގެ ކަންބޮޑުވުން ފާޅުކުރަން ފެށުމާ އެކު، ލަންކާ މެޗަށް ދިވެހި ސަޕޯޓަރުންނަށް ވިއްކާ ޓިކެޓް އަގުހެޔޮކުރިކަން އިއުލާނުކުރީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އެވެ.
މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިވަޑައިގެންނެވުމުގެ މަތިން ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޖޭސްވަރު އުމަރުއާ މަޝްވަރާ ކުރައްވައި ދިވެހިންނަށް 3000 ލަންކާ ރުޕީސް (231 ރުފިޔާ) އަށް ޓިކެޓް ލިބޭނެ ކަމަށެވެ.

މިއަދުގެ މެޗުތަކަށް ޓިކެޓް ވިއްކަން ހަމަޖެހިފައިވާ އަގުތައް.
މިއަދު ހަވީރު ބަންގްލަދޭޝް އާއި ރާއްޖެ މެޗުގެ ޓިކެޓް ވިއްކަން ހަމަޖެހިފައިވަނީ 2500 ލަންކާ ރުޕީސް (192 ރުފިޔާ) އަށެވެ. ލަންކާ އާއި ސީޝެލްސް މިރޭ ކުޅޭ މެޗުގެ ޓިކެޓެއް 100 ލަންކާ ރުޕީސް (7.65 ރުފިޔާ) އަށް ލިބެ އެވެ. އަދި ލަންކާ އާއި ސީޝެލްސް މެޗުގެ ވީއައިޕީ ޓިކެޓެއް 1000 ލަންކާ ރުޕީސް (76 ރުފިޔާ) އަށް ވިއްކަން ވަނީ ހަމަޖައްސައިފަ އެވެ.
ދިވެހި ސަޕޯޓަރުންނަށް ޓާގެޓްކޮށް ޓިކެޓް އަގުބޮޑުވާ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
ލަންކާގައި ހުރި ދިވެހި ސަޕޯޓަރަކު ބުނީ މިހާރު ޓިކެޓެއް އެ ހުރި އަގުގައި އާއިލާއެއް އެއްކޮށް މެޗު ބަލަންދާނަމަ ވަރަށް ބޮޑު ހަރަދެއްދާތީ އެ އަގުގައި ޓިކެޓް ގަނެގެން މެޗު ބަލަންދާން ވަރަށް އުނދަގޫވާނެ ކަމަށެވެ.
"މިސާލަކަށް އަށް ވަރަކަށް މީހުން ތިބޭ ގެޔެއްގެ އެންމެން މެޗު ބަލަން ދާން ވެއްޖިއްޔާ. އެއީ 20،000 ލަންކާ ރުޕީސް، އެއީ ޑޮލަރުން ކަމަށް ބަލަންޏާ 100 ވަރަކަށް ޑޮލަރު. އެއީ މިތަނުގައި އުޅޭ މީހަކަށް ވަރަށް ބޮޑު އެއްޗަކަށްވާނީ،" އޭނާ ބުންޏެވެ.
"އަޅުގަނޑުމެން އެދެނީ މީގެ ދިވެހިންނަށް ވަކި ގޮތެއް ނޫން. ދިވެހިންނަށް ވީމަ އަގުބޮޑުވާ ގޮތަށް އޮތުން ގޯހީ،"
އިންވިޓޭޝަނަލް ބައެއް މުބާރާތްތަކުގައި ހޯސްޓްކުރާ ޓީމާ ދެކޮޅަށް ކުޅޭ މެޗުގެ ޓިކެޓް އަވޭ ސަޕޯޓަރުންނަށް ވިއްކަނީ ބޮޑު ކޮށެވެ. އެކަމަކު، މުބާރާތް ހޯސްޓްކުރާ ޓީމު ނުކުޅޭ މެޗުތަކުގައި ޓިކެޓް އަގުހެޔޮކޮށް އެއް ހަމައެއްގެ ދަށުން ލިބެ އެވެ. އެކަމަކު، މި ފަހަރުގެ ފޯ ނޭޝަންސް ކަޕްގައި ރާއްޖޭގެ މެޗުތަކަށް މި ހުންނަނީ ވަކިން އަގުބޮޑުކޮށެވެ.
ދިވެހި ސަޕޯޓަރުންގެ އަނެއް ކަންބޮޑުވުމަކީ ކޮންމެ މެޗެއް ފެށެން ގާތްވެފައިވަނިކޮށް ޓިކެޓް އަގު އެނގުން ކަމަށެވެ. މި ފަދަ އިންޓަނޭޝަނަލް މުބާރާތެއް ބާއްވަން ރާވާއިރު، ދުރާލާ ޓިކެޓްގެ އަގުތައް އެނގެން ހުންނަން ޖެހޭނެ ކަމަށް ގިނަ ސަޕޯޓަރުން ގަބޫލުކުރެ އެވެ.
ބަންގްލަދޭޝާއި ރާއްޖެ ކުޅޭ މެޗުގެ ޓިކެޓް ވިއްކަން ހަމަޖެހިފައިވަނީ ދިވެހި އެމްބަސީ އާއި ކޮމިއުނިޓީ ސެންޓަރުންނެވެ.
ރާއްޖެ އާއި ބަންގްލަދޭޝް ކުޅޭ މެޗު ފަށާނީ ލަންކާ ގަޑިން 16:00 ގަ އެވެ. އެއީ ރާއްޖެ ގަޑިން 15:30 ގަ އެވެ.












