ލަންކާ ބަލިކޮށް ސީޝެލްސް އިން ފޯ ނޭޝަންސް ކަޕް ކާމިޔާބުކޮށްފި

Nov 19, 2021, 4:11 PM
ލަންކާ ބަލިކޮށް ސީޝެލްސް އިން ފޯ ނޭޝަންސް ކަޕް ކާމިޔާބުކޮށްފި

ޕެނަލްޓީ ޖަހައިގެން ސްރީ ލަންކާ 3-1 އިން ބަލިކޮށް ސީޝެލްސް އިން މެޗަކުން ބަލިނުވެ، މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގެ ޗެމްޕިއަންކަން މިރޭ ހޯދައިފި އެވެ.

ފޯ ނޭޝަންސް ކަޕްގައި ސީޝެލްސް އާއި ލަންކާގެ އިތުރުން ދެން ވާދަކުރީ ބަންގްލަދޭޝް އާއި ރާއްޖެ އެވެ.

މިރޭގެ ފައިނަލުގައި ލަންކާ އިން ދެ ގޯލުގެ ލީޑެއްގައި އޮއްވައި ސީޝެލްސް އިން 3-3 އިން އެއްވަރުކުރީ މެޗުގެ ފަހު ފަސް މިނިޓް ތެރޭގައި ދެ ގޯލު ޖަހައިގެންނެވެ. ޕެނަލްޓީގައި ސީޝެލްސް އިން ތިން ޕެނަލްޓީ ކާމިޔާބުކުރިއިރު، ލަންކާ އިން ފޮނުވާލި ހަތަރު ޕެނަލްޓީގެ ތެރެއިން ކާމިޔާބުވީ ހަމައެކަނި ކީޕަރު ސުޖަން ޕެރޭރާ ޖެހި ޕެނަލްޓީ އެވެ.

Advertisement

ފައިނަލުން ބަލިވުމުން ލަންކާ އިން ބައިނަލްއަގުވާމީ ފުޓްބޯޅައިގައި 21 އަހަރު ތެރޭ ފުރަތަމަ ތަށި ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވީ އެވެ. ލަންކާ އިން އެންމެ ފުރަތަމަ ކާމިޔާބުކުރީ 1995 ވަނަ އަހަރު އަމިއްލަ ގައުމުގައި ހޯސްޓްކުރި ސައުތު އޭޝިއަން ގޯލްޑް ކަޕް (މިހާރުގެ ސާފް ޗެމްޕިއަންޝިޕް) އެވެ. އޭގެ ފަހުން 2000 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ގޯލްޑަން ޖޫބިލީ މުބާރާތް ކާމިޔާބު ކުރި ފަހުން ލަންކާ އަށް ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ކާމިޔާބެއް ނުލިބެ އެވެ.

ބަންގްލަދޭޝްގައި 2006 ވަަނަ އަހަރު ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގެ ފައިނަލުގައި ކުޅުނު ނަމަވެސް ތަޖިކިސްތާން އަތުން 4-0 އިން ބަލިވީ އެވެ. އޭގެ ފަހުން 2010 ވަނަ އަހަރު ލަންކާގައި ޗެލެންޖް ކަޕް ހޯސްޓްކުރި އެވެ. އެ މުބާރާތުގައި ވެސް ކާމިޔާބެއް ނުލިބުނެވެ. އަދި 2012 ވަނަ އަހަރު ލަންކާ އިން ބޭއްވި ފުރަތަމަ ރާޖަޕަކަސަ ކަޕްގެ ތަށި ހޯދީ ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމެވެ.

ފޯރިގަދަ ފައިނަލެއް، ފެނުނީ ސީޝެލްސްގެ ހިތްވަރު

ލަންކާ އިން މިރޭގެ މެޗަށް ނުކުތްއިރު ވަނީ އަނިޔާ އާއި ސަސްޕެންޝަންގެ މައްސަލަ ދިމާފަ އެވެ. ލަންކާގެ އެއް ވަނަ ޑިފެންޑަރު ޑަކްސަން ޕުސްލަސް ސަސްޕެންޝަނުގައި ހުރިއިރު، އެޓޭކިންގައި މުހިއްމު ދައުރެއް އަދާކުރާ ޑިލޯން ޑި ސިލްވާ އާއި ކަވިންދޫ އިޝާންގެ ކަކުލަށް މި މުބާރާތުގެ ތެރެއިން ލިބުނު އަނިޔާގެ ސަަބަބުން މިރޭގެ މެޗު ބަލަން ދެ ކުޅުންތެރިން ތިބީ ކަކުލުގައި ޕްރޮޓެކްޓިވް ގާޑް އަޅައިގެންނެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ޝަރަފްވެރި ކޮށްދެއްވި މިރޭގެ ފައިނަލް މެޗު ބަލަން ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމަށް ލަންކާގެ ގިނަ ސަޕޯޓަރުންތަކެއް ވަނެވެ. ލަންކާ އިން މެޗު ފެށީ ވެސް ވަރުގަދަކޮށެވެ. އެ ޓީމުން ވަނީ މެޗުގެ ހަތަރު ވަނަ މިނިޓްގައި އޮމޯލޭ މާވިން ހަމިލްޓަން އެވެ. ހާފުގެ މެދެއްހާ ހިސާބުން ހިލާޖެހުމަކުން ހަމިލްޓަން ޖެހި ބޯޅަ ގޯލަށް ވަނީ ސީޝެލްސް ކުޅުންތެރިއަކު ފައިގައި ޖެހިފަ އެވެ. މިއީ މި އަހަރު ލަންކާ ރަށްވެހިކަން ހޯދައި އެ ގައުމަށް ކުޅެން ފެށި ހަމިލްޓަން ގައުމީ ޓީމަށް ޖަހައިދިން ދެ ވަނަ ގޯލެވެ.

ސީޝެލްސް އިން ފޯމޭޝަން ރުޅާނުލައި ކުޅެ، ލިބޭ ފުރުސަތުތަކުގައި ގޯލެއް ޖެހޭތޯ ބަލަމުންދިޔަ އެވެ. އަނެއްކޮޅުން ލީޑުފުޅާކުރަން ލަންކާ އިން ވެސް މަސައްކަތް ކުރި ނަމަވެސް ފުރަތަމަ ހާފުގައި ސީޝެލްސްގެ ގޯލާ އަމާޒުކޮށް އިތުރު ނުރައްކާތެރި ހަމަލާއެއް ލަންކާ އަށް ފޮނުވާނުލެވުނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ސީޝެލްސް އިން ވަނީ އެއްވަރުކޮށްފަ އެވެ. ސީޝެލްސްގެ ލަނޑު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖީން ހިއުބާޓް އެމަނުއަލް އެވެ. ސީޝެލްސްގެ ޖޫލިއަން ޑެނިސް އަރިމަތިން ނެގި ހުރަހަކުން ލަންކާ ޑިފެންޑަރުންގެ ތެރެއިން ފުއްމައިގެން އަރައި ހިއުބާޓް ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

ސީޝެލްސް އިން ދެ ވަނަ ހާފުގެ ކުރީކޮޅުގައި ރަނގަޅު ހަމަލާއެއް ފޮނުވާލި އެވެ. ކެނާ ރިކީ ޖެހި ބޯޅަ ލަންކާ ކީޕަރު ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ.

ލަންކާ އިން ދެ ވަނަ ފަހަރަށް ލީޑުނެގީ މެޗުގެ 57 ވަނަ މިނިތްގަ އެވެ. ހަރްޝާ ފެނާންޑޯ އެއްލި ބޯޅައެއް އޭރިއާތެރެއިން ފެނުގައި ޖެހިފައި މުހައްމަދު އާކިބް އަށް ލިބުމުން އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ މަތީ ދާގަނޑަށް ބޯޅަ އަމާޒުކޮށްލައިފަ އެެވެ.

ލީޑުފުޅާކުރަން ލަންކާ އިން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުކުރީ މެޗުގެ 76 ވަނަ މިނިޓްގަ އެވެ. ލަންކާ އަށް މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ވަސީމް ރަޒީކަށް އޭރިއާތެެރެއިން ސީޝެލްސްގެ ޑިފެންޑަރަކު ފައުލުކުރުމުން ރެފްރީ ނިންމީ ޕެނަލްޓީ ދޭށެވެ. ވަސީމް ވަނީ އެ ޕެނަލްޓީ ކާމިޔާބުކޮށް ލަންކާ އަށް މެޗުން މޮޅުވުމުގެ އުއްމީދު ބޮޑުކޮށްދީފަ އެވެ. މިއީ މުބާރާތުގައި ވަސީމް ޖެހި ހަތް ވަނަ ގޯލެވެ. ލަނޑު ލިސްޓުގެ ކުރީގައި އޮތީ ވަސީމް އެވެ.

ލަންކާ އިން ދެ ގޯލުގެ ލީޑެއް ނެގި ނަަމަވެސް ސީޝެލްސް އިން ހިތްވަރުދޫނުކޮށް ނަތީޖާ ހަމަހަމަ ކުރަން މަސައްކަތް ކުރި އެވެ.

މެޗުގެ 84 ވަނަ މިނިޓްގައި ސީޝެލްސް އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލަންކާގެ ލީޑުކުޑަކޮށްފަ އެވެ. މިއީ ސީޝެލްސް އިން ނެގި ހުރަހެއް ޑިފެންޑްކުރަން އުޅުމުގެ ތެރޭގައި ލަންކާގެ ޑިފެންޑަރު ޗަރިތަ ރަތުނަޔަކޭ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެ ހިސާބުން ފަސް އެނބުރި ނުބަލައި ސީޝެލްސް އިން ކުރި މަސައްކަތުގެ ނަތީޖާ އަކީ އެ ޓީމުން ނަތީޖާ ހަމަހަމަކުރުމެވެ. މެޗުގެ 89 ވަނަ މިނިޓްގައި މި ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެލައިޖާ ވުޑްލީ އެވެ. މަތިން އައި ބޯޅައެއް އޭރިއާތެރެއިން ކީޕަރު ސުޖަން ކައިރިން ދޫވުމުން ބޯޅަ ލިބުނީ އެލައިޖާ އަށެވެ. އޭނާ ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ފޮނުވާލައި ނަތީޖާ ހަމަހަމަކޮށްފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 3-3 އިން އެއްވަރުވެފަ އެވެ. ނަތީޖާ ނެރެން ވަނީ ޕެނަލްޓީ ޖަހައިފަ އެވެ. ޕެނަލްޓީގައި ސީޝެލްސް މޮޅުވުމުގެ ކްރެޑިޓް ހައްގުވަނީ އެ ޓީމުގެ ކީޕަރު އަލްވިން ރޮޑީ އެވެ. ލަންކާ އިން ފޮނުވާލި ދެ ޕެނަލްޓީއެއް އޭނާ ވަނީ މަތަކޮށްފަ އެވެ.

ޕެނަލްޓީގައި ސީޝެލްސްގެ ޑޯން ފަޗޭޓީ ފޮނުވާލި ޕެނަލްޓީ ކީޕަރު ސުޖަން މަތަކުރި އެވެ. ލަންކާ އަށް ލީޑު ނަގައިދޭން ހެމިލްޓަން ޖެހި ޕެނަލްޓީ ދިޔައީ ހުރަސްދަނޑިކައިރިން ބޭރުންނެވެ. ފުރުސަތުގެ ބޭނުންހިފައި އެލައިޖާ ޕެނަލްޓީ ކާމިޔާބުކޮށް ސީޝެލްސް އަށް ލީޑުނަގައިިދިނެވެ. އޭގެ ފަހުން ލަންކާގެ އަސީކް ރަހްމާން ޖެހި ޕެނަލްޓީ ސީޝެލްސް ކީޕަރު ރޮޑީ މަތަކުރީ އެވެ. އަދި ސީޝެލްސް އިން ވަނީ ހިއުބާޓް ޖެހި ޕެނަލްޓީ ކާމިޔާބުކޮށް ލީޑެއް ނަގައިފަ އެވެ. ލަންކާގެ ތިން ވަނަ ޕެނަލްޓީ ސުޖަން ކާމިޔާބުކުރި އެވެ. އެކަމަކު، ޖެހިގެން އައި ޕެނަލްޓީ ސީޝެލްސްގެ ޖީން ޔްވެސް އެނެސްޓާ ކާމިޔާބުކޮށްފައިވަނިކޮށް ލަންކާގެ ޗަރިތަ ޖެހި ޕެނަލްޓީ ކީޕަރު ރޮޑީ މަތަކުރުމާ އެކު ސީޝެލްސް މެޗު ކާމިޔާބުކުރީ އެވެ.

މި ފަހަރުގެ މުބާރާތުގައި ސީޝެލްސް ވަނީ ފުރަތަމަ މެޗުގައި ފަހު ވަގުތު ގޯލު ޖަހައި 1-1 އިން ބަންގްލަދޭޝާ އެއްވަރުކޮށްފަ އެވެ. ދެ ވަނަ މެޗުގައި ލަންކާ އަތުން 1-0 އިން މޮޅުވި އެވެ. އަދި ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެއާ ލަނޑެއް ނުޖެހި އެއްވަރުކޮށް ސީޝެލްސް ފައިނަލަށް އައީ މެޗަކުން ބަލިނުވެ އެވެ. އެވްރެޖް އުމުރު 22-23 އަހަރުގެ ސީޝެލްސް ޓީމުން މުބާރާތް ކާމިޔާބުކުރީ ތަޖުރިބާ މަދު ޓީމަކާ އެކު އެވެ.

ފުޓްބޯޅައިގައި މީގެ ކުރިން ސީޝެލްސް އަށް ލިބުނު ހަމައެކަނި ބޮޑު ކާމިޔާބަކީ 2011 ވަނަ އަހަރު އެ ގައުމުގައި ހޯސްޓްކުރި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ފުޓްބޯޅައިގެ ރަން މެޑަލް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

ރާއްޖޭގެ އީޝާ އާއި މާއިދު ގައުމީ ރެކޯޑު އާކޮށްފި

ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ 10 މީޓަރު އެއާ ރައިފަލް އިވެންޓުން ރާއްޖޭގެ އައިޝަތު އީޝާ ޝަހީދު އާއި އަޙްމަދު މާއިދު މުޙައްމަދު އާ ގައުމީ ރެކޯޑުތަކެއް ގާއިމުކޮށްފި. އީޝާ ރެކޯޑު އާކުރީ 624.1 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މާއިދު ވަނީ 614.5 ޕޮއިންޓް ހޯދައިގެން ފިރިހެނުންގެ ގައުމީ ރެކޯޑު އާކޮށްފައި.

ކުރިމަތިވީ ރެފްރީން ޔުނައިޓެޑް ބަލިވިޔަނުދޭނެ ހާލަތެއް: އާބެލޯއާ

މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވުމުން، ރެފްރީން ޔުނައިޓެޑް ބަލިވިޔަ ނުދޭން މަސައްކަތްކުރި ކަމަށް ބުނެ ފުލަމްގެ ކޯޗު އާބެލޯއާ ވަރަށް ބޮޑަށް ފާޑުކިޔައިފި. އޭނާ ހިތްހަމަނުޖެހުން ފާޅުކުރީ ޔުނައިޓެޑުން ލަނޑު ޖެހުމުގެ ކުރިން ހެރީ މެގުއާ އަށް ކުރި ފައުލެއް ރެފްރީ ދިނުމާ ގުޅިގެން.

ގައުމީ މުބާރާތުގެ ޓީމު އިވެންޓުގެ ދެ ތަށި ވެސް ރިވައިވަލް އަށް

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ އިވެންޓެއް ކާމިޔާބުކޮށް، ރިވައިވަލް ސްޕޯޓްސް ކްލަބުން ތާރީޚީ ކާމިޔާބީއެއް ހޯދައިފި. އެ ކްލަބުން ވަނީ ޓީމު އިވެންޓުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ތަށި ހޯދުމުގެ އިތުރުން، އޯޕަން އިވެންޓްތަކުގެ ހުރިހާ ވަނަތަކެއްވެސް ކާމިޔާބުކޮށްފައި

މާސޭ ބަލިކޮށް ޕީއެސްޖީ އަށް ލީގުގައި ދެ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ މާސޭ އަތުން 2-1 އިން މޮޅުވެ، ޕީއެސްޖީން މި ސީޒަނުގެ ލީގުގައި ދެވަނަ މޮޅު ހޯދައިފި. ފެރާން ޓޮރޭސް އާއި މާކީނިއޯސްގެ ލަނޑުތަކުން ޕީއެސްޖީ މޮޅުވިއިރު، މި ނަތީޖާއާއެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ ހަވަނައިގައި

ރަތް ކާޑު ދައްކަންޖެހޭ ކަމަށް ބުނެ މޮރީނިއޯ ފޮޓޯ ދައްކައިފި

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކަންޖެހޭކަން ސާބިތުކޮށްދިނުމަށް، ރެއާލް މެޑްރިޑްގެ ކޯޗު މޮރީނިއޯ ފައުލްތަކުގެ ފޮޓޯ ޕްރިންޓްކޮށްގެން ނޫސްވެރިންނަށް ދައްކާލައިފި. ރެފްރީގެ ނިންމުންތަކަށް ފާޑުކިޔަމުން މޮރީނިއޯ ބުނީ މިއީ ރެފްރީންގެ ގޯސް ނިންމުމެއް ކަމަށް.

ކީޕަރު އަޝްވާން އާއި އަރީން ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް

ފީފާ ބްރޭކުގައި ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ކީޕަރު އަޝްވާން އާއި އަރީން ހިމަނައިގެން ގައުމީ ފުޓްބޯޅަ ޓީމު ޗައިނާ އަށް ވަނީ ގޮސްފައި. މުހިންމު ބައެއް ކުޅުންތެރިންނަށް އެކި ސަބަބުތަކާ ހުރެ ނުދެވުނު ނަމަވެސް، ކޯޗު އުރްބާނީ ބޭނުންވަނީ މި ފުރުސަތުގައި އާ ކުޅުންތެރިންގެ ފެންވަރު ބަލާލުމަށް

Newsletter

Get the latest news delivered straight to your inbox