ހުޅުމާލެ ރޯހައުސްއެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފުން ބުނީ ރޯވީ ހުޅުމާލެ ހިތިގަސްމަގުގެ ހަވަނަ ގޯޅީގައި ހުރި ރޯހައުސްއެއްގައި ކަމަށެވެ. ރޯވެފައި ވަނީ ތިން ވަނަ ފަންގިފިލާގަ އެވެ. އަލިފާންގަނޑު މިހާރު ކޮންޓްރޯލްކޮށްފައިވާއިރު، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މި ހާދިސާ ހިނގާފައި ވަނީ 4 ޖެހިއިރެވެ. ބައިގަޑިއިރެއްހާއިރު ލިފާންގަނޑު ވަނީ ކޮންޓްރޯލް ކޮށްފަ އެވެ.

ހަވީރު ހިނގި އަލިފާނުގެ ހާދިސާގައި ރޯވިގެ-- ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފުން ބުނީ މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި ތަނަށް ލިބިފައި ވަނީ ކިހާވަރެއްގެ ގެއްލުމެއްކަން ސާފެއް ނުވާ ކަމަށެވެ.

މިއީ މިއަދު ހުޅުމާލޭގައި ހިނގި ދެވަނަ އަލިފާނުގެ ހާދިސާއެވެ. ފުރަތަމަ ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު ހާއިރު ހިޔާ ފްލެޓް ކުނިގޮނޑުގަ އެވެ.












