މާތް ނަބިއްޔާ އިސްލާމްދީނަށް ގޮވާލައްވަން ފެއްޓެވުމުން ފުރަތަމަ އިސްލާމްވަމުން އައީ، މަދު މީސްކޮޅެކެވެ. އަދި އެ މީސްކޮޅުގެ ތެރޭގައި ވެސް ގިނައީ ނަސަބާއި ހަސަބުގެ ގޮތުން ވެސް އަދި ޖާނާއި މާލުގެ ގޮތުންވެސް ދެރަ ނިކަމެތީންނެވެ. މަންޒަރު ބަދަލުވުމުގެ ފެށުމަކީ ބަދުރު ހަނގުރާމަކަމާމެދަކު އެއްވެސް މީހަކު ދެބަހެއް ނުވާނެ އެވެ. ބަދުރު ހަނގުރާމައިގެ މުސްލިމުންގެ ލަޝްކަރުގެ އަދަދާއި ކާފަރުންގެ ލަޝްކަރުގެ އަދަދަކީ ވެސް މިކަމަށް ފާޅުކަން ބޮޑު ގޮތުގައި ހެކިދޭ ދަލީލެކެވެ.
ކޮންމެއަކަސް ބަދުރު ހަނގުރާމައިގައި މުސްލިމުންނަށް ލިބުނު ނަޞްރަކީ ބޮޑު ނަޞްރެކެވެ. މުސްލިމުންނާއި ދުޝްމަނުންނާ ދެމެދު ކުރެވުނު ފުރަތަމަ ހަނގުރާމައަށް ވެފައި އެހަނގުރާމައިގައި ކާފަރުންގެ ގަދަފަދަ އެތައް ބަޔަކު ޤަތުލުވެގެންދިޔަ ދިއުމާއި، މުސްލިމުންގެ މަދު މީސްކޮޅާއެކު ހޯދި ކާމިޔާބުގެ ހަބަރުތަކާއެކު އެކިއެކި ހިސާބުތަކުގައި މުސްލިމުންގެ ބާރުވެރިކަމުގެ ހަބަރުތައް ފެތުރިގެންދާނޭ ގޮތް އޮންނާނީ ހިތަށް ގެނެސްގަތުމެވެ.
އާދޭހެވެ. ބާރުވެރިކަމުގެ ފެށުމެވެ. ވެރިކަމުގެ ނިޒާމަށް ބާރުވެރިކަމުގެ ސިފަ ޖެހެން ފެށުމެވެ. އިސްލާމީ ދައުވަތު ހަމައެކަނި ދައުވަތެއްގެ ގޮތުގައި އޮތް އޮތުން ފުޅާވެ ދައުލަތަކާ ދިމާއަށް މިސްރާބު ޖެހި ވަގުތެވެ. ދެން ހިތަށް ގެނެސްގަންނަންވީ މިބާރުވެރިކަމުގެ ފެށުމާއެކު މާތް ނަބިއްޔާ އެބާރުވެރިކަން ބޭނުންކުރެއްވުމުގައި ގެންގުޅުއްވި ހަމަ އެވެ.
ބަދުރު ހަނގުރާމައިގައި އަސީރުވި މީހުންނާމެދު މާތް ނަބިއްޔާ ކޮންމެ ގޮތަކަށް ނިންމެވިޔަސް އެކަމާ ދެބަސްވާނެ ހަމަ އެއްވެސް މުސްލިމަކު ނުހުންނާނޭކަން ގައިމެވެ. އިހުގައި އެކަލޭގެފާނާމެދު ޞަޙާބީން އޮތް ލޯބި ބޮޑުވެފައި އޮންނާނީ އިންތިހާއަށެވެ. އެކަލޭގެފާނާމެދު އޮތް އީމާންކަން އޮންނާނީ ކުރިޔަށްވުރެ އެތައް ގުނައެއް ގަދަވެފަ އެވެ.
އެކަމަކު މާތް ނަބިއްޔާ އަބޫބަކުރުގެފާނާ މަޝްވަރާކުރެއްވި އެވެ. އަބޫބަކުރުގެފާނު ވިދާޅުވީ ބަދުރުގެ އަސީރުންނާމެދު ފެނިވަޑައިގަންނަވަނީ އެބައިމީހުންގެ އަތުން ކޮންމެވެސް ބާވަތެއްގެ ފިދުޔައެއް ނެންގެވުމަށްފަހު ދޫކޮށްލެވުމަށެވެ. އެބައިމީހުންނަކީ ތިމާގެ ގޮތުން ވެސް ގާތް މީހުންކަމުގައިވެފައި ފަހުންވެސް އިސްލާމްވެއްޖެނަމަ މުސްލިމުންނަށް ލިބިގެންދާނޭ ބާރުވެރިކަން ބޮޑުވެގެންދާނޭކަމަށް ބެއްލެވުމަށްފަހުގަ އެވެ. މާތް ނަބިއްޔާ އިތުރަށް މަޝްވަރާކުރެއްވި އެވެ. ޢުމަރުގެފާނު ވިދާޅުވީ ފެނިވަޑައިގަންނަވަނީ ހުރިހާ އަސީރުން ޤަތުލުކުރެއްވުމަށްކަމަށެވެ.
އޭރު ޤުރުއާނުގައި މިކަމާމެދު ވަކި ގޮތެއް އަންގަވާފައެއް ނުވެ އެވެ. މިހާދިސާއަށްފަހު މިކަމާ ގުޅިގެން ކީރިތި ޤުރުއާނުގައި ޙުކުމްފުޅުތައް ބަޔާންކުރެވިގެންދިޔަ އެވެ. ޢިލްމުވެރިން އެއާޔަތްތަކުގެ ތަފްސީރުގައި ދައްކަވާފައިވާ ވާހަކަތަކުގެ ހުލާސާއަކީ، އަސީރުންނާމެދު އެކި ގޮތަށް އަމަލުކުރުމުގެ އިހްތިޔާރު މަޝްވަރާގެ މަތީން ވެރިމީހާ އަށް އޮތުމެވެ. އަސީރުންގެ ގޮތުގައި ހިފައިގަނެވޭ މީހުން މަސްލަހަތަށް ބަލައި ޤަތުލުކުރުމާއި، މަސްލަހަތަށް ބަލައި އަފޫކޮށްދޫކޮށްލުމާއި މަސްލަހަތަށް ބަލައި ފިދުޔަ ނެގުމާއި މަސްލަހަތަށް ބަލައި އަޅުންގެ ގޮތުގައި ގެންގުޅުމާއި މިއިން ކޮންމެ ގޮތަކަށް އެހާލަތަކަށް އެކަށީގެންވާ މަގަކުން އަމަލުކުރުމުގެ އިހްތިޔާރު ވެރިމީހާއަށް އޮތުމެވެ.
އެންމެ މުހިންމު ސަމާލުކަން ހުއްޓާލަންވީ ދެކަމެއް އެބަ އޮތެވެ. އެއް ކަމަކީ، ބާރުވެރިކަމުގެ ފެށުމާއެކު މާތް ނަބިއްޔާ ދެއްކެވި ނަމޫނާއަކީ، ބާރުވެރިކަން ތަންފީޒުކުރުމުގައި އެންމެ މުހިންމު ސިފައަކީ، އެބާރުވެރިކަން އަމިއްލައަށް ބަށްކޮށް ނުގަތުންކަމެވެ. އަމިއްލައަމިއްލައަށް ގޮތް ނިންމައި ނުގަތުމެވެ. މަޝްވަރާކުރުމެވެ. ލަފާއެހުމެވެ. ދެވަނަ ކަމަކީ، ހިޔާލު ތަފާތުވުމާއެކު މާތް ކަލާނގެ ޙުކުމްފުޅު އެފަހުން އައި އައުމުގައި ވެސް ވަކި ރައުޔެއްގެ މައްޗަށް ޙުކުމްފުޅު އޮތުމުގެ ބަދަލުގައި ޤުރުއާނުގެ ޙުކުމްފުޅު އޮތީ ވަރަށް ބޮޑަށް ހާލަތާއި ވަގުތަށް ރިއާޔަތްކުރެވިގެން ވެރިކަމުގެ ބާރަށް އިހްތިޔާރު ލިބޭ ގޮތަށެވެ. އިސްލާމީ ގިނަ ޙުކުމްތަކާ ހިލާފަށް ވެރިކަމުގެ ނިޒާމާ ގުޅިފައިވާ ކަންކަމަކީ، ހާލަތާއި ވަގުތަށް ރިއާޔަތްކުރެވި ތަފާތު ބަދަލުތަކަށް ތަނަވަސް ޙުކުމްފުޅުތައް އޮތް ކަމެއްގެ ގޮތުގައި އަހަރެމެންނަށް އަންގަވައިދެއްވުމެވެ.
ޤުރުއާނުގެ ޙުކުމްފުޅު އަންގަވާ ފަދަ އެވެ. ކޮންމެ ހާލަތެއްގައި އަސީރުން ނުމަރާ ދޫކޮށްލުމަށްވުރެ އިސްލާމީ ވެރިކަމެއްގެ ނިޒާމުގައި އަދާވާތްތެރިންނާމެދު ހުށިޔާރުވެ ބާރުވެރިކަމުގެ އުކުޅުތައް ހޯދައިގަތުމުގެ މަގުތައް ވެސް ތަނަވަސްވެފައި އޮންނަންވާނެ އެވެ. ހަމައެގޮތަށް ހިކުމަތްތެރިކަމާއި އޯގާތެރިކަމުގެ ސިފައިން ވެރިކަމަށް ލިބިގެންދާ ރީތިކަމާއި ޖާޒުބިއްޔަތު ހޯދައިގަތުމަކީ ވެސް އޮންނާންވީ ކަމެކެވެ. ވަކި ގޮތެއްގައި ހަރުދަނޑިވެ އެނޫން އެއްވެސް ގޮތެއް ނެތްކަމަށް ބެލުމަކީ އިސްލާމީ ބާރުވެރިކަން ނުވަތަ ވެރިކަމުގެ ނިޒާމު ދަންނަ ކަމެއް ނޫންކަމެވެ.
މި ޙަޤީޤަތް އިސްލާމީ ތާރީހުން ފެނުނެވެ. މާތް ނަބިއްޔާ ވެސް ކުރެއްވީ ވެރިކަމެވެ. އެޔަށްފަހު ހަތަރު ޚަލީފާއިންގެ ވެރިކަމަށް އިސްލާމީ ޚިލާފަތުގެ ނަމުގައި ނަންދެވިފައި އޮވެ އެވެ. ޚިލާފަތަކީ ވާރުތަވަމުން އައި އެއްޗެއް ނޫނެވެ. އޭގެ ފަހުން އިސްލާމީ ރަސްކަންތައް ވެސް ދުނިޔެ ދެކެފައިވެ އެވެ. ޚަލީފާއިންގެ ޢަދުލުވެރިކަމާމެދު އަދި ޚަލީފާއިން ހިންގެވި ވެރިކަންތަކުގައި އިސްލާމީ ސިފަތައް ހުރިކަމާމެދު އެއްވެސް މުސްލިމަކު ދެބަހެއް ނުވާނެ އެވެ.
އިސްލާމީ ރަސްކަންތަކަށް ބަލާއިރު، ބައެއް ރަހުންގެ ފުށުން އިސްލާމްދީން އެންގެވި ނޫން ގޮތްގޮތާއި އަނިޔާވެރިކަން ފެނިފައިވީ ނަމަވެސް، އަދުލުވެރިކަމުގެ ނަމޫނާ މިސާލު ޖެހޭފަދަ ރަސްރަސްކަލުން އިސްލާމީ ތާރީހު ދެކެފައިވެ އެވެ. އެހެންކަމާއެކު އަނިޔާވެރި ވެރިކަމުގެ ސަބަބަކީ އޭގެ ޒާތުގައި ރަސްކަމެއް އޮތުމެއް ނޫނެވެ. އިސްލާމީ އުސޫލުތަކުން އެރަސްކަމެއް އެއްކިބާވެގެންދިއުމެވެ. އެއީ ޑިމޮކްރެޓިކް ވެރިކަމެކޭ ކިޔަސް ޖުމްހޫރީ ވެރިކަމެކޭ ކިޔަސް އިސްލާމްދީން ގެނައި މަތިވެރި ފަލްސަފާތަކުން އެއްކިބާވެވޭނަމަ ރައްޔިތުންނަށްލިބޭނެ މޮޅެއް ހެވެއް ނެތެވެ.
ކޮންމެއަކަސް މިމައުޟޫގައި އަޅުގަނޑުގެ ބޭނުމަކީ އިސްލާމީ ވެރިކަމުގެ ނިޒާމުން މިންވަރަކާމެދު ވިސްނާ ފިކުރުކޮށްލުމެވެ. ވެރިކަމެއްގެ ނިޒާމުގައި އިސްލާމްދީން އަންގަވާ އެންމެ މުހިންމު އެއް ސިފައަކީ، ރައްޔިތުންނާމެދު ރަހުމާއި އޯގާތެރިކަމުގެ ސިފަ އިސްކޮށް އެމީހުން ގެންގުޅެން ދަސްކޮށްގަތުމެވެ. މިކަމަށް ދަލީލު ލިބެނީ، އާލްޢިމްރާން ސޫރަތުގެ 159 ވަނަ އާޔަތުންނެވެ. އެއީ މާތް ނަބިއްޔާއަކީ ހިތްޕުޅު ހަރު ބޭކަލެއް ނަމަ މީސްތަކުން އެކަލޭގެފާނުގެ ވަށައިގެން ނުތިބޭނެކަމަށް އަންގަވާފައިވާތީ އެވެ.
ދެވަނައަށް އެންމެ މުހިންމު އަނެއް ސިފައަކީ، މަޝްވަރާކުރުމުގެ ސިފަ އެވެ. އައްޝޫރާ ސޫރަތުގެ 38 ވަނަ އާޔަތުގައި، މުއުމިނުންގެ ސިފަތަކުގެ ގޮތުގައި ނަމާދު ޤާއިމުކުރުން ފަދަ އިސްލާމްދީނުގެ އެންމެ މުހިންމު އެއް ރުކުނާ ގުޅުވައިގެން އެބައިމީހުންނަކީ އެބައިމީހުންގެ މެދުގައި މަޝްވަރާކުރާ މީހުންކަމުގައި ސިފަވެގެންދިއުމުން، މަޝްވަރާކުރުމުގެ ޙުކުމަކީ ކޮބައިކަން ވިސްނައިގަންނަން ދައްޗެއް ނޫނެވެ.
މަޝްވަރާގެ މައުޟޫގައި ސަމާލުކަން ދޭންޖެހޭ އެންމެ މުހިންމު އަނެއް ނުކުތާއަކީ، މަޝްވަރާކުރުމުގެ ނިޒާމު އޮންނަންވީ އަމަލީގޮތުން އެކަން ތަންފީޒުކުރެވިގެންދާނެ ގޮތެއްގެ މައްޗަށްކަމެވެ. ވެރިކަމުގެ ނިޒާމެއް ހިނގަމުންދާއިރު، ރެޔާދުވާލު ހިނގަމުންދާ ކޮންމެ ކަމެއްގައި ހުރިހާ ރައްޔިތުން ކައިރިން އަހައި، ގިނަ ބަޔަކަށް ފެންނަ ގޮތް ހެދުމަކީ ކުރެވޭނެ ކަމެއް ވެސް ނޫނެވެ. މިޒަމާނުގައި މިކިޔާ ޑިމޮކްރެޓިކް ވެރިކަންތަކުގައި ވެސް ކަން އޮތީ އެހެންނަކުން ނޫންތާ އެވެ. އާލްއިމްރާން ސޫރަތުގެ 104 ވަނަ އާޔަތަށް ވިސްނަވާށެވެ. އެއާޔަތުގައި އަންގަވަނީ، ހެޔޮ ކަންކަމަށް ގޮވައި، ނުބައިކަންކަން ނަހީކުރުމަށް ޖަމާއަތެއްގެ ބަޔަކު އަހަރެމެންގެ ތެރޭގައި ތިބެންވާނެކަމަށެވެ. އާދޭހެވެ. މަޝްވަރާއެރުވޭ ހިސާބުގައި ކަމަށް ގާބިލު މަޝްވަރާދެވޭފަދަ ޖަމާއަތެކެވެ.








