ތިލަފުށިން ބައެއް ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިންތަކާގުޅޭ އެއްބަސްވުމާ ހިލާފަށް ބައެއް ފަރާތްތަކުން އަމަލުކުރަމުންދާތީ އެއްބަސްވުން ބާތިލުކުރާނެ ކަމުގެ އިންޒާރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ދީފި އެެވެ.
މި މައްސަލައިގައި ފަހުގެ އިންޒާރެއް ގޮތަށް އެޗްޑީސީން އިއްޔެ ނެރުނު އިއުލާނުގައި ބުނީ އެއްބަސްވުމާ ހިލާފަށް ކުރާ ކަންކަން އެގޮތަށް ނުކުރުމަށް ތަކުރާރުކޮށް އެންގި ނަމަވެސް، އެ އެންގުންތަކާ ހިލާފަށް ބައެއް ފަރާތްތަކުން އަމަލުކުރަމުންދާ ކަމަށެވެ. މިގޮތަށް ހިންގާ އަމަލުތަކުގެ ތެރޭގައި އެހެން ފަރާތްތަކަށް ގެއްލުންވެ ނުވަތަ ދަތިވާ އަމަލުތައް ހިމެނޭތީ އެކަންކަން ހުއްޓާލުމަށް އެ ކޯޕަރޭޝަނުން އިލްތިމާސް ކުރި އެވެ.
އެޗްޑީސީން ބުނީ ކުރިޔަށް އޮތް ތަނުގައި މިފަދަ އަމަލުތައް ތަކުރާރުކުރާ ފަރާތްތަކާ މެދު ގާނޫނާ ގަވާއިދުގެ ތެރެއިން އެ ކޯޕަރޭޝަނުން އަޅަމުން ގެންދާނެ ކަމަށެވެ. އަދި އެއްބަސްވުމުގެ މާއްދާތަކާ ހިލާފުވާނަމަ އެއްބަސްވުން ބާތިލުކުރުމުގެ އިހުތިޔާރު އޮތް ކަން އެޗްޑީސީން ވަނީ ހަނދާކޮށްދީފަ އެވެ.
އެއްބަސްވުމާ ހިލާފަށް ކުރަނީ ކޮން އަމަލުތަކެއް ކަމެއް އިއުލާނުގައި ބަޔާނެއް ނުކުރެ އެވެ. ނަމަވެސް އެ ރަށުގައި ހުރި ސިނާއީ ކަންކަމަށް ފަހި ފުރުސަތުތަކެއް ހޯދައި ދިނުމުގެ ގޮތުން ބައެއް ކަންކަން ހިފަހައްޓަމުންދާ ކަމަށް އިއުލާނުގައި ފާހަގަކުރި އެވެ.
ތިލަފުށި ހިންގުމާ އެޗްޑީސީން މިދިޔަ އަހަރުގެ ސެޕްޓެމްބަރުގެ ތެރޭގައި ހަވާލުވުމަށްފަހު ބިންތަކާގުޅޭ މައްސަލަތައް ހުރިކަން ފާހަގަކުރި އެވެ.
އަދި މި އަހަރުގެ ޖެނުއަރީގައި އެ ކޯޕަރޭޝަނުން ވަނީ ބިމާ ގުޅޭ އުސޫލުތަކާއި ގަވާއިދުތަކާއި މުރާޖާކުރުމަށާއި މިހާރު ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކުގެ މައްސަލަ ހައްލުކުރުމަށް ކަމަށް ބުނެ ތިލަފުށިން ބިން ދޫކުރުން ހުއްޓާލާފަ އެވެ.









