ލަންޑަން (ނޮވެމްބަރު 11) - ޓޮޓެންހަމް ހޮޓްސްޕާސްގެ އާ ކޯޗު އެންޓޯނިއޯ ކޮންޓޭގެ އެންގުމަށް އެ ކްލަބްގެ ކެންޓީނުގެ މެނޫ އިން ޓޮމާޓޯ ކެޗަޕާއި މަޔޮނައިސް ނަގައި، ކުޅުންތެރިން އެ ބޭނުންކުރުން ވެސް މަނާކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީގެ 10 ވަރަކަށް ދުވަސް ކުރިން ކޮންޓޭ ޓޮޓެންހަމާ ހަވާލުވިއިރު، ކްލަބްގައި މިހާރު ކަންކަން ހިނގަމުން އައި ގޮތް ވަނީ ވަަރަށް ރަނގަޅަަށް ބަލައިފަ އެވެ. އަދި ބައެއް ކަންކަން ބަދަލުކުރަން އަވަސް ނިންމުންތަކެއް ކޮންޓޭ ވަނީ ނިންމައިފަ އެވެ. އެ ގޮތުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ކޮންޓޭ އަށް ފާހަގަކުރެވުނީ ކުޅުންތެރިންގެ ބަރުދަނަށް ގެންނަން ޖެހޭ ބަދަލެވެ. ހަށިގަނޑުގެ ސައިޒަށް ވުރެ ބޮޑަށް ބަރު ކުޅުންތެރިން ގިނަވުމުގެ ސަބަބުން ފުރަތަމަ ދެ މެޗުގައި ކޮންޓޭ އަށް މައްސަލަތަކެއް ފާހަގަކުރެވުނެވެ.
ރަނގަޅަށް ދިރާސާތަކެއް ކުރުމަށް ފަހު ކޮންޓޭ ވަނީ ކުޅުންތެރިންގެ ޑައިޓް ޕްލޭނަށް ބަދަލު ގެެނެސް ކްލަބްގެ ތެރެއިން ވެސް އެކަމަށް ބާރު އަޅަން މަސައްކަތްތަކެއް ފަށައިފަ އެވެ. އެ ގޮތުން މިހާރު ވަނީ ޓޮޓެންހަމްގެ ކެންޓީނުގައި ޓޮމާޓޯ ކެޗަޕާއި މަޔޮނައިސް ބޭނުންކުރުން މަނާކޮށްފަ އެވެ. އަދި ކުޅުންތެރިން އަމިއްލަ އަށް ގޭގައި އެ ބާވަތްތައް ކާއިފިނަމަ އެކަން ޓެސްޓްތަކުން އެނގޭ ހިސާބުން އެ ކުޅުންތެރިއަކަށް ފިޔަވަޅު އަޅަން ވެސް ވަނީ ނިންމައިފަ އެވެ.
މީގެ ކުރިން ވެސް ކޮންޓޭ މަސައްކަތްކުރި ކްލަބްތަކުގައި ވަނީ ފިޓްނަސް ރަނގަޅުކުރަން އެކި ބަދަލުތައް ގެނެސްފަ އެވެ. އެ ގޮތުން 2016 ވަނަ އަހަރު ކޮންޓޭ ޗެލްސީއާ ހަވާލުވެ ހުރިއިރު، ކުޅުންތެރިން ޕިއްޒާ އާއި ޓޮމާޓޯ ކެޗަޕް ކެއުން މަނާކުރުމުގެ އިތުރުން ފިޒީ ބުއިންތައް ބުއިން ވެސް ހުއްޓާލަން ކުޅުންތެރިންނަށް އެންގި އެވެ.
އަދި އިންޓަ މިލާނުގައި ދާދި ފަހުން ހުރިއިރު، ކުޅުންތެރިން ރޭގަނޑު އަށް ގަޑިއިރުގެ ނިދި ހަމަކުރޭތޯ ބަލަން ހާއްސަ ޓައިމްޓޭބަލެއް ވެސް ހެދި އެވެ. އެ ޓޭބަލްގައި ކުޅުންތެރިން ނިދާ ވަގުތާއި ހޭލާ ވަގުތު ޖަހަންޖެހޭއިރު، ހާއްސަ އެޕްލިކޭޝަނަކުން އެކަން މޮނިޓަކުރި އެވެ.
އިޓަލީގެ ކޯޗުންނަކީ ކުޅުންތެރިންގެ ޑައިޓް ޕްލޭނަށް އަވަސް ބަދަލެއް ގެނެސްގެން ކުޅުންތެރިން ފިޓްކުރަން މަސައްކަތްކުރާ ބައެކެވެ. މީގެ ކުރިން ސަންޑަލެންޑްގެ ކޯޗަކަށް ޕައޮލޯ ޑި ކޭނިއޯ ހުރިއިރު ވަނީ އެ ޓީމުގެ ކުޅުންތެރިން ޓޮމާޓޯ ކެޗަޕާއި މަޔޮނައިސް ކެެއުން މަނާކުރިއިރު، ކޯކު ބުއިން މަނާކޮށް އެކަންކުރާ ކުޅުންތެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރި އެވެ.
މީގެ އިތުރުން އިޓަލީ އަށް އުފަން ކޯޗު ޖިއޮވާނީ ޓްރައްޕަޓޯނީ އަޔަލެންޑް ކޯޗަކަށް ހުރިއިރު، އެ ޓީމުގެ ކުޅުންތެރިން މަޝްރޫމް ކެއުން ވަނީ މަނާކޮށްފަ އެވެ. އިންގްލެންޑްގެ ކޯޗަކަށް އިޓަލީގެ ފަބިއޯ ކަޕެއްލޯ ހުރިއިރު ވަނީ ކުޅުންތެރިން ޓޮމާޓޯ ކެޗަޕާއި ބްރައުން ސޯސް ބޭނުންކުރުން ހުއްޓާލަން އަންގައިފަ އެވެ. އެކަމަކު، ކަޕެއްލޯ އަށް ފަހު އިންގްލެންޑަށް އައި ކޯޗު ރޯއީ ހޮޖްސަން ހުރިއިރު އަލުން ކެޗަޕާއި ބްރައުން ސޯސް ވަނީ ކްލަބް ކެންޓީނަށް ގެނެސްފަ އެވެ.












