ސްރީ ލަންކާގައި މިހާރު ކުރިއަށްދާ ފޯ ނޭޝަންސް ކަޕްގެ ފުރަތަމަ ދެ މެޗު ކުޅެ އެއްވަރުވިއިރު، ފިޒިކަލީ ޓީމުތަކުގެ ހާލަތާ ފެންނަ ގޮތުން އެންމެ ދަށްކޮށް އޮތީ ބަންގްލަދޭޝާއި ރާއްޖެ ކަމަށް ސީޝެލްސްގެ ކޯޗު ނެވިލް ވިވިއަން ބޯތު ބުނެފި އެވެ.
ފޯ ނޭޝަންސް ކަޕްގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ސްރީ ލަންކާ އިން ވަނީ ރާއްޖޭން ހަތަރު ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް 4-4 އިން އެއްވަރުކޮށްފަ އެވެ. ދެ ވަނަ މެޗުގައި މިއަދު ހަވީރު ބަންގްލަދޭޝް އިން ފުރަތަމަ ހާފުގައި ލީޑުނަގާފައި ވަނިކޮށް މެޗުގެ 88 ވަނަ މިނިޓްގައި ސީޝެލްސް އިން ވަނީ އެއްވަރުކޮށްފަ އެވެ. އެހެންވެ، ހަތަރު ޓީމު ވެސް މި ވަގުތު އޮތީ ޕޮއިންޓުގެ ގޮތުން ހަމަހަމަކޮށެވެ.
މިއަދުގެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސީޝެލްސްގެ ކޯޗު ބޯތުގެ ނަޒަރުގައި މުބާރާތުގެ ފޭވަރިޓަކީ ކޮން ޓީމެއްތޯ އެހުމުން ވަކި ޓީމެއް މޮޅުކަން ފާހަގަނުކޮށް އޭނާ ކިޔައިދިނީ ޓީމުތަކުގެ ހާލަތެވެ.
ބޯތު ބުނީ ރާއްޖެ އާއި ބަންގްލަދޭޝް ފެންނަނީ ވަރަށް ބޯޅަ ހިފަހައްޓައިގެން ކުޅެން އުޅޭ ޓީމުތަކެއްގެ ގޮތުގައި ކަމަށެވެ.
"ބަންގްލަދޭޝް އެކޭ އެއްގޮތަށް ދެ ވަނަ ހާފްގައި ރާއްޖެ އަށް ވެސް ވަރުބަލިވުމުގެ މައްސަލަ ދިމާވޭ. ލަންކާ އަށް މި ވަގުތު އެ އޮތީ ވަރަށް ރަނގަޅު ފައިޓިން ސްޕިރިޓެއް ލިބިފައި. ހަތަރު ގޯލު ފަހަތުން އަރައި އެ ގޮތަށް 4-4 އިން އެއްވަރުކޮށްފައި އޮތީމަ އެ މީހުންގެ ލެވަލް ވެސް އެބަ އެނގޭ. ފިޒިކަލީ ބަލާއިރު ރާއްޖެ އާއި ބަންގްލަދޭޝް ފެންނަނީ ދަށްކޮށް،" ބޯތު ބުންޏެވެ.
މީގެ މަހެއްހާ ދުވަސް ކުރިން ސީޝެލްސްގެ ކޯޗުކަމާ ހަވާލުވި ބޯތު މިއަދު އެ ޓީމު ގޮވައިގެން ނުކުތީ ރަސްމީ ފުރަތަމަ މެޗަށެވެ. އޭނާ ބުނީ މެޗަށް އައީ ބަންގްލަދޭޝް އަތުން މޮޅުވާން ކަމަށެވެ. އެކަމަކު، ޕޮއިންޓަކާ އެކު ނިންމާލެވުމުން ވެސް ބޯތު ހުރީ ހިތްހަމަޖެހިފަ އެވެ.
ބޯތު ބުނީ ބަންގްލަދޭޝާ ދެކޮޅަށް ސީޝެލްސް ޓީމުގެ ޓެކްޓިކްސް އޮތީ ވަރަށް ފަސޭހަކޮށް ކަމަށެވެ. ރާއްޖެ އާއި ލަންކާ މެޗުން ދަނޑުގެ ހާލަތު ފެނި ސީޝެލްސް އިން މިއަދުގެ މެޗުގައި ނިންމީ ބަންގްލަދޭޝަށް ފަށައިގެން ބޯޅަ ހިފަހައްޓަން ފުރުސަތު ދިނުމަށެވެ.
ފުރަތަމަ ހާފުގައި ސީޝެލްސް އިން ކުޅުނީ ހަތް ޑިފެންސިވް ކުޅުންތެރިން ލައިގެން ކައުންޓަ އެޓޭކް ސިސްޓަމަށެވެ. ބަންގްލަދޭޝް ވަރުބަލިވުމާ އެކު ބަދަލުތަކެއް ގެނެސް އެޓޭކިން ކުޅުންތެރިން ގިނަކޮށްލީ އެވެ. މެޗު ނިމެން ދެ މިނިޓަށް ވެފައި ހުއްޓައި ސީޝެލްސްގެ ގޯލު ޖެހި ބްރެންޑަން ލެބްރޮސް ކުޅެން އެރީ ވެސް ބަދަލެއްގެ ގޮތުގަ އެވެ.
"ބަންގްލަދޭޝް ވަރަށް ދުވެފައި މެޗުގެ ކުރީކޮޅުގައި ކުޅުނު. ދެ ވަނަ ހާފްގައި އަހަރެމެން ފައިދާނެގީ އެ މީހުން ވަރުބަލިވި ހިސާބުން. އަހަރެން ދެކޭ ގޮތުގައި ތިން ވަރަކަށް ގޯލު ޖެހޭ ވަރަށް އަހަރެމެންނަށް ފުރުސަތު ލިބުނު،" ބޯތު ބުންޏެވެ.
ސީޝެލްސް އިން ދެން ކުޅޭ މެޗުގައި ހޮނިހިރު ދުވަހުގެރޭ ކުޅޭނީ ލަންކާއާ ދެކޮޅަށެވެ. ބޯތު ބުނީ އެ މެޗަށް ދެ ޓީމު ވެސް ތައްޔާރުވާނީ ފުރަތަމަ މެޗާ އަޅާކިޔާއިރު ތަފާތު ގޮތަކަށް ކަމަށާއި އެއީ ވަރުގަދަ މެޗަކަށްވާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
ފޯ ނޭޝަންސް ކަޕްގައި ސީޝެލްސް ޓީމުގައި ގިނަ ޒުވާން ކުޅުންތެރިންތަކެއް ހިމެނީ ކުޅުމުގެ ފުުރުސަތު ދޭންކަމަށް ބޯތު ވަނީ ބުނެފަ އެވެ. އަދި މެޗުތަކުގައި ބަދަލުތައް ގެންނަނީ އެ ކަމަށް ވިސްނައިގެން ކަން ބޯތުގެ ވާހަކައިގައި ފާހަގަކޮށްފައިވެ އެވެ.
ސީޝެލްސް ލީގު ބުރުގައި ކުޅޭ ފަހު މެޗުގައި އަންގާރަ ދުވަހު ހަވީރު ބައްދަލުކުރާނީ ރާއްޖެއާ އެވެ.













