ކޮވިޑް-19 ގެ ބަލިމަޑުކަން ބަހަނާއެއްގެ ގޮތުގައި ނުދައްކަވާނެ ކަމަށާއި ކުރިއަށް އޮތް ދެ އަހަރު ވައުދުތައް ފުއްދަވައި، އިތުރު ތަރައްގީ ވެސް ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
މިރޭ ފާހަގަ ކުރާ 54 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިހާރު ކުރިއަށްދާ ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ހިނގަމުންދާ މި ދައުރުގެ ކުރިއަށް އޮތް ދެ އަހަރު "ސަރުކާރުގެ މައިގަނޑު ފޯކަސް ސީދާ ކުރަންޖެހެނީ" އެމަނިކުފާނުގެ ރިޔާސީ ވައުދުތައް ފުއްދުމަށް ކަމަށެވެ.
"ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި، ސަރުކާރުގެ މައިގަނޑު ފޯކަސް ސީދާ ކުރަންޖެހެނީ މި ފަސް އަހަރަށްވީ ވައިުދުތަށް ފުއްދާ ނިންމުމަށް. ދެހާސްބާވީސް ވަނަ އަހަރުގެ ބަޖެޓް އަޅުގަނޑުމެން ހުށަހެޅީ އެމިސްރާބަށް ވާސިލްވުމުގެ އަމާޒުގައި. ކޮވިޑް-19 އިން ގެއްލުނު ދިގުމުއްދަތަކީ ބަހަނާ އެއްގެ ގޮތުގައި ބެލޭކަށް ނެތް،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ފެނާއި ނަރުދަމާގެ ނިޒާމް ނެތް ރަށްރަށުގައި އެ ނިޒާމް ގާއިމް ކުރުމަކީ އެމަނިކުފާނުގެ ވައުދުފުޅެއް އަދި މިހާރު ވެސް ބާރަށް ކުރިއަށްދާ މަސައްކަތްކަން ފާހަގަ ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ފެނާއި ނަރުދަމާގެ ގިނަ ޕްރޮޖެކްޓުތަކެއް ހިންގަވާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެއަހަރާއެކު، ދިވެހިޖުމްހޫރިއްޔާއަށް މިހާތަނަށް އަންނާނެ އެންމެ ސާފުތާހިރު ފަސްއަހަރު ކަމުގައި، މިފަސްއަހަރު ވެގެންދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ކުރިއަށް އޮތް ތަނުގައި އެމަނިކުފާނު ހިންގާވަނެ ބައެއް ޕްރޮޖެކްޓުތަކުގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވީ ތިލަމާލެ ބްރިޖުގެ މަސައްކަތާއި ބާރަށް ދުއްވާ ފެރީ ނެޓްވޯކުގެ މަސައްކަތާއި 100 އަށް ވުރެ ގިނަ ބަނދަރުގެ މަސައްކަތެވެ.
"މާތް ﷲގެ ވާގިފުޅާއެކު، ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ ތަރައްގީގެ ކަންކަން ހުއްޓުމެއްނެތި މި ސަރުކާރުން ކުރިއަށްގެންދާނެ،" ރައީސް ވިދާޅުވި އެވެ.
އިޖްތިމާއީ ދާއިރާ އާއި ސިއްހީ ދާއިރާ ކުރިއެރުވުމަށް އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ހާއްސަ ސަމާލުކަމެއް ދީފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ދޭ ހިދުމަތްތައް "މާބޮޑަށް ވެސް އަވަސްކުރަން އެބަޖެހޭ" ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ހުރިހާ ހިދުމަތްތައް އެއްފުރާޅެއްގެ ދަށުން ދިނުމަށް ކުރަންޖެހޭ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށެވެ.
ގްރޭޓާ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަން ހައްލު ކުރުމަށް ހަމައެކަނި ހައުސިން ޔުނިޓު އެޅުމުގެ އިތުރުން "ބިން އުފެއްދުމާ، އުފެދިފައި ހުރިބިންތަށް ގުޅުވާލުން މުހިންމު" ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ވެރިކަން ހިންގާ މާލެ ނޫން ރަށްރަށުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 1.5 ބިލިއަން ރުފިޔާ ސަރުކާރުން ހަރަދުކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވައުދުވެލެއްވި އެވެ.
އޭގެ އިތުރުން ރައީސް ވިދާޅުވީ ފާއިތުވި ތިން އަހަރު ލާމަރުކަޒީ ނިޒާމު ފުރިހަމައަށް ގާއިމް ކުރުމަށް ބޮޑު މަސައްކަތެއް ސަރުކާރުންކޮށްފައިވާ ކަމަށެވެ. އަދި "ޒަމާނުއްސުރެ ހިފެހެއްޓިފައި ހުރި މަރުކަޒީ ބާރުތަކަކީ" މާލެ ނޫން ރަށްރަށުގެ ތަރައްގީއަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް އެމަނިކުފާނު ސިފަ ކުރެއްވި އެވެ.
"މިއަދު މިވަނީ ކައުންސިލް ތަކަށް ގާނޫނީ ބޮޑެތި ބާރާ، އިހްތިޔާރާ، އިމްތިޔާޒުތަށް ދެވިފަ. ކައުންސިލް ބައްދަލުވުންތަކާއި ޖަޒީރާ ހޮޅުއަށީގެ ޒަރީއާއިން ރައްޔިތުންގެ ބަސް ކަންކަމުގައި އެބަ ހޯދޭ. ނިންމުންތަކުގެ މަރުހަލާގައި އެބައްދަލްވުން ތަކަށް ރިއާޔަތް އެބަ ކުރެވޭ،" އެމަނިކުފާނު ވިދާޅުވި އެވެ.













