އެއްފަހަރު ބޭނުން ކުރެވޭ ޕްލާސްޓިކުގެ ބާވަތްތައް މަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް އިހްތިޔާރު ލިބިވަޑައިގަންނަވާ ގޮތަށް ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ރައީސް ސޯލިހު އެ ބިލު ތަސްދީގު ކުރެއްވުމާއެކު އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން ދިވެހިރާއްޖެއަށް އެތެރެ ކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ތަކެތީގެ ލިސްޓެއް އެމަނިކުފާނު މި އަހަރުގެ ނިމުމުގެ ކުރިން އެކުލަވާލަން ޖެހިވަޑައިގަންނަވާނެ އެވެ.
މި އަންނަ ޖެނުއަރީ މަސް ފެށުމުގެ ކުރިން ލިސްޓު އެކުލަވާލައްވައި ގެޒެޓު ކުރަންޖެހުން ނަމަވެސް އެއަށް އަމަލު ކުރަން ފަށާ ވަކި ތާރީހެއް ކަނޑައެޅުއްވުމުގެ ބާރު ވެސް މިއަދު ގެޒެޓު ކުރި އިސްލާހުން ރައީސް ސޯލިހަށް ލިބިވަޑައިގަންނަވަ އެވެ.
އޭގެ އިތުރުން، އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން ރާއްޖޭގައި މަނާ ކުރާ ތަކެތީގެ ލިސްޓު އެކުލަވާލައްވާއިރު، އެކި މަރުހަލާތަކަށް ބައްސަވާލައްވައިގެން އެ ތަކެތި މަނާ ކުރެއްވުމުގެ އިހްތިޔާރު ވެސް ގާނޫނުގެ ދަށުން ރައީސްއަށް ލިބިވަޑައިގަންނަވަ އެވެ.
މީގެ ކުރިން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކުގެ ބައެއް ތަކެތި ރާއްޖެ އެތެރެ ކުރުން ވަނީ މަނާކޮށްފަ އެވެ. އޭގެ ތެރޭގައި ވަކި ސައިޒަކަށްވުރެ ކުދި ކޮތަޅާއި ޕްލާސްޓިކުގެ ބަންދުކޮށްފައި ހުންނަ ސުޕާރީ ޕެކެޓް ފަދަ ތަކެތި ހިމެނެ އެވެ.













