ދެ އަހަރަށް ފަހު ގައުމީ ބެޑްމިންޓަން މުބާރާތް މިއަދު ފަށަން ނިންމައިފި އެވެ.
ގައުމީ ބެޑްމިންޓަން މުބާރާތް އެންމެ ފަހުން ބޭއްވީ 2019 ވަަނަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ. މިދިޔަ އަހަރު ބެޑްމިންޓަން އެސޯސިއޭޝަނުން އަހަރީ ކަލަންޑަރެއް އެކުލަވާލައި ގައުމީ މުބާރާތް ތާވަލުކުރި ނަމަވެސް މުބާރާތް ނުބޭއްވުނީ ކޮވިޑާ ހެދި އައި މެދުކެނޑުމުގެ ސަބަބުންނެވެ. މެދުކެނޑުން އައި އެންމެ ބޮޑު ސަބަބަކީ ކޮވިޑްގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ކުޅިވަރު ހަރަކާތްތައް ހުއްޓާލަން އެންގުމުންނެވެ.
ކޮވިޑްގެ ސަަބަބުން އައި މެދުކެނޑުމަށް ފަހު ބެޑްމިންޓަން އެސޯސިއޭޝަނަށް މުބާރާތެއް ބޭއްވުނީ 10 މަސް ފަހުންނެވެ. އެއީ މާލެ ސަރަހައްދަށް ހުޅުވާލައިގެން މިދިޔަ އަހަރު ޑިސެމްބަރު މަހު ބޭއްވި ބީއޭއެމް މިކްސް ޓީމު ޗެމްޕިއަންޝިޕް އެވެ. ހެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ އެއްގޮތަށް ބޭއްވި އެ މުބާރާތަށް ބޮޑު ތަރުހީބެއް ލިބުނެވެ.
މި ފަހަރު 47 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގައި ކުރިއެކޭ އެއްގޮތަށް ފުރަތަމަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަން ކުރިއަށްދާނެ އެވެ.
ފިރިހެން ފުރަތަމަ ޑިވިޝަނުގެ ސިންގަލްސްގައި ވާދަކުރަނީ އެންމެ ފަހުގެ ޗެމްޕިއަން މުހައްމަދު އަޖުފާން ރަޝީދު، ނިބާލް އަހުމަދު، ޒަޔާން ޒަކީ، އަހުމަދު ސާދިން ޖަލީލް، އަހުމަދު ތޯއިފް މުހައްމަދު، އައްފާން އަލީ އަދި ހައިޝަމް އިބްރާހިމް އެވެ.
ފުރަތަމަ ޑިވިޝަނުގެ އަންހެން ސިންގަލްސްގައި ވާދަކުރަނީ އެންމެ ފަހުގެ ޗެމްޕިއަން ފާތިމަތު ނަބާހާ، އައިޝަތު އަފްނާން ރަޝީދު، އައިމިނަތު ނަބީހާ އަދި ނީލާ ނަޖީބް އެވެ.
ދެ ވަނަ ޑިވިޝަނުގެ ފިިރިހެން ސިންގަލްސްގައި 32 ކުޅުންތެރިން ވާދަކުރާއިރު، އަންހެން ބައިގައި ވާދަކުރަނީ ތިން ކުޅުންތެރިންނެވެ. ގައުމީ ބެޑްމިންޓަން މުބާރާތް ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.












