އިންޑިއާ އިން ދިވެހިރާއްޖެ އަށް ކަނޑައެޅި އާ ސަފީރު މުނޫ މަހާވަރު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
މަހާވަރު ސަފީރުކަމަށް ރަސްމީކޮށް އައްޔަނުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު އޮތް ރަސްމިއްޔާތެއްގައި އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދު އެވެ. އޭނާ މިއަދު ވަޑައިގެން ރަސްމީ މަސައްކަތްތައް ފަށްޓަވާނެ ކަމަށް ހައި ކޮމިޝަނުން މައުލޫމާތު ދެ އެވެ.
އެންމެ ބޮޑު އެއް މަސައްކަތަކަށް އޮންނާނީ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ރާއްޖޭގައި ހިންގާ ޕްރޮޖެކްޓްތައް އިންޑިއާގެ ފަރާތުން ވިލަރެސްކުރުމާއި ތިލަމާލެ ބްރިޖުގެ މަސައްކަތުގައި އިންޑިއާ އިން ކުރަން ޖެހޭ ކަންކަމުގެ ސްޕީޑް ހަލުވިކުރެއްވުމެވެ.
މަހާވަރު އެންމެ ފަހުން ހުންނެވީ އޮމާނުގައި ހުންނަވާ އިންޑިއާގެ ސަފީރުގެ ގޮތުގަ އެވެ. އިންޑިއާގެ ފޮރިން ސާވިސަސްއާ 1996 ވަނަ އަހަރު ގުޅުނު މަހާވަރް ވަނީ 1998-2001 އަށް ރަޝިއާގެ ވެރިރަށް މޮސްކޯ އަދި 2008-2011 އަށް ސްވިޒަލެންޑުގެ ޖެނީވާގައި ހުންނަ އެގައުމުގެ ޑިޕްލޮމެޓިކް މިޝަންތަކުގައި ވެސް މަސައްކަތްކުރައްވާފަ އެވެ.
މީގެ އިތުރުން ބޮޑުވަޒީރުގެ އޮފީހުގެ ޑިރެކްޓަރުކަމާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެގެ އދ. އާ ގުޅޭ ސިޔާސީ ޑިވިޝަނުގައި ވެސް އޭނާ ވަނީ މަސައްކަތްކުރައްވާފަ އެވެ.

އިންޑިއާ އިން ރާއްޖެ އަށް އާ ސަފީރެއް މި ހަމަޖެއްސީ ކުރީގެ ސަފީރު ސަންޖޭ ސުދީރު ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަވާ އިންޑިއާ ސަފީރަކަށް އައްޔަނުކުރުމަށްފަހު އެވެ. ރާއްޖޭގެ ސަފީރުކަމާ ސުދީރު މަގާމާ ހަވާލުވެވަޑައިގަތީ 2019 ވަނަ އަހަރުގެ މާޗު މަހު އެވެ.
އޭނާ ވަނީ މި ސަރުކާރުން 2018 ވަނަ އަހަރު ވެރިކަމަށް އައިސް އިންޑިއާއާ ބަދަހި ކުރި ގުޅުމާ އެކު، ލިބުނު ގިނަ ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދިއުމުގައި އިސް ދައުރެއް އަދާކޮށްފަ އެވެ.












