މިދިޔަ މަހު 1-16 އަށް މާލޭގައި ބޭއްވި އުރީދޫ ސާފް ޗެމްޕިއަންޝިޕުން ސްރީ ލަންކާ އަށް ލިބުނު ތަޖުރިބާގެ އަލީގައި މިއަދު އަމިއްލަ ގައުމުގައި ފަށާ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގައި ނަތީޖާ ނެރެންޖެހޭ ކަމަށް ލަންކާގެ ކޯޗު ބޮސްނިއާގެ އާމިރް އަލަގިޗް ބުނެފި އެވެ.
ލީގު އުސޫލުން މިދިޔަ މަހު ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕްގައި ލަންކާ ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވެ، އެއް މެޗުން އެއްވަރުވެފަ އެވެ. ބަންގްލަދޭޝް އަތުން 1-0 އިން ބަލިވިއިރު، ނޭޕާލް އަތުން ބަލިވީ 3-2 އިންނެވެ. ތިން ވަނަ މެޗުން އިންޑިއާއާ 0-0 އިން އެއްވަރު ކުރިއިރު، ފަހު މެޗުން ރާއްޖެ އަތުން ބަލިވީ 1-0 އިންނެވެ.
ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ވެސް ފުރަމުން އަންނަ އަލަގިޗް، ލަންކާ ޓީމުގެ ހެޑް ކޯޗުގެ ޒިންމާއާ ހަވާލުވީ ޖޫން މަހުގެ ވޯލްޑް ކަޕް ކޮލިފައިންގަ އެވެ. ސާފް ޗެމްޕިއަންޝިޕަށް ފަހު އަލަގިޗް މަގާމުން ވަކިކުރަން އުޅޭކަމުގެ އަޑުފެތުރުނު ނަމަވެސް ލަންކާ ފެޑެރޭޝަނުން ނިންމީ އަލަގިޗާ އެކު ފޯ ނޭޝަންސް ކަޕްގައި ކުރިއަށް ދިއުމަށެވެ.

މުބާރާތުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: ލަންކާ ފުޓްބޯލް
މުބާރާތުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އަަލަގިޗް ބުނީ ފޯ ނޭޝަންސް ކަޕަށް ލަންކާ އިން ނެގި ސްކޮޑުގައި ސާފް ޗެމްޕިއަންޝިޕްގެ ޓީމުގެ ކުޅުންތެރިންނާއި ދާދި ފަހުން ނިމުނު 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރި ލަންކާ ޒުވާން ޓީމުގެ ކުޅުންތެރިން ހިމެނޭ ޓީމެއް ކަމަށެވެ.
"އަހަރެމެން މި ވަގުތު ވެސް މަސައްކަތް މި ކުރަނީ މުސްތަގުބަލަށް ވެސް ޕްލޭނެއް ހަދަމުން. ސާފް ޗެމްޕިއަންޝިޕްގައި އަހަރެމެން ބެލީ އެއް ކަމަކަށް. ޓީމުތަކާ ވާދަކޮށްފައި އަހަރެމެން އޮތް ހިސާބު ވަޒަންކޮށްލަން. އަހަރެމެންނަށް އެ މުބާރާތުގައި މޮޅެއް ނުލިބުނަސް ރަނގަޅު ވާދައެއް ކުރެވުނު. ޓީމު ގޮވައިގެން ދާނެ މިސްރާބެއް ފެނުނު،" އަލަގިޗް ބުންޏެވެ.
"ސާފް ޗެމްޕިއަންޝިޕްގެ ތަޖުރިބާގެ ބޭނުން ހިފަން ޖެހޭ ވަގުތު މިއީ. މި މުބާރާތުގައި (ފޯ ނޭޝަންސް ކަޕްގައި) ނަތީޖާ ނެރެންޖެހޭ،"
ލަންކާ އިން ފޯ ނޭޝަންސް ކަޕަށް ފަހު އާ އަންނަ އަހަރުން ފެށިގެން ޓީމު ކުރިއަށް ގެންދަން ކޯޗެއް ގެންނާނެ ކަމަށް މީގެ ކުރިން އޮތީ އިއުލާނުކޮށްފަ އެވެ. އަލަގިޗަށް ލަންކާ ފެޑެރޭޝަނުގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ދެމެހެއްޓެން އޮތީ ފޯ ނޭޝަންސް ކަޕްގައި ރަނގަޅު ނަތީޖާތަކެއް ނެރެގެންނެވެ.
ފޯ ނޭޝަންސް ކަޕްގައި ލަންކާ ކުޅޭ ފުރަތަމަ މެޗުގައި މިއަދު ހަވީރު ކުޅޭނީ ރާއްޖެއާ ދެކޮޅަށެވެ. މި މެޗަކީ ރޭ ކުޅެން ހަމަޖެއްސި މެޗެއް ނަމަވެސް ލަންކާ އަށް މޫސުމް ގޯސްވުމުގެ ސަބަބުން އެ މެޗު ވަނީ މިއަދު ހަވީރަށް އަލުން ޝެޑިއުލްކޮށްފަ އެވެ.
ސަޕޯޓަރުންނާއި އާއިލާ ކުރިމަތީގައި ކާމިޔާބު ހޯދަން ސުޖަން ބޭނުން
ފޯ ނޭޝަންސް ކަޕްގައި ކާމިޔާބެއް ހޯދަން ބަލާއިރު، ލަންކާ އިން ބަރޯސާވާންޖެހޭ ކުޅުންތެރިންގެ ތެރެއިން ހާއްސަ ކުޅުންތެރިއަކީ އެ ޓީމުގެ ގޯލްކީޕަރު ސުޖަން ޕެރޭރާ އެވެ. ލަންކާގެ ކެޕްޓަނެއްގެ ޒިންމާ ވެސް ނަގަމުން އަންނަ ސުޖަން ވަނީ ރާއްޖޭގެ ކްލަބް އީގަލްސް އަށް ފަސް އަހަރު ކުޅެފަ އެވެ.
"ސާފް ޗެމްޕިއަންޝިޕަށް ފަހު އަހަރެމެންގެ ޓީމު (ލަންކާ ޓީމު) މި އޮތީ ވަރަށް އިމްޕްރޫވްވެފައި. އަމިއްލަ އާއިލާ އާއި ސަޕޯޓަރުންގެ ކުރިމަތީގައި ކާމިޔާބު ހޯދަން ބޭނުން،" މުބާރާތުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޖަން ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕްގައި ލަންކާގެ ކޮޅަށް ދަގަނޑޭ ގޯލު ޖެހިއިރު ކީޕަރު ސުޖަން ބޯޅަ ސަލާމަތްކުރެވޭތޯ މަސައްކަތްކުރަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
ރާއްޖެއާ ދެކޮޅަށް 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ލަންކާ އިން ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. އެ މެޗުގައި ސުޖަން ވަނީ ރާއްޖޭން ފޮނުވާލި ގިނަ ހަަމަލާތަކެއް ހުއްޓުވައިފަ އެވެ. އެ މެޗަށް ފަހު ސުޖަން ވަނީ އޭނާ އަށް ދިވެހި ކުޅުންތެރިން އެނގުމަކީ ވަރަށް ބޮޑަށް މެޗު ފަސޭހަވި ސަބަބެއް ކަމަށް ބުނެފަ އެވެ.
ފޯ ނޭޝަންސް ކަޕްގެ ފުރަތަމަ މެޗު ރާއްޖެއާ ދެކޮޅަށް ކުޅެން ޖެހުމަކީ ސުޖަންގެ ނަޒަރުގައި ލަންކާ އިން ޕޮޒިޓިވްކޮށް ވިސްނައިފިނަމަ ބޭނުން ހިފޭނެ ކަމެކެވެ. އެއީ ރާއްޖެ އަކީ މުބާރާތުގައި ކުޅޭ ރޭންކިން އެންމެ ރަނގަޅަށް އޮތް ޓީމު ކަމަށާއި އެ ޓީމު އަތުން ރަނގަޅު ނަތީޖާއެއް ނެރެފިނަމަ މުބާރާތުގައި ކުރިއަށްދާން ލަންކާ އަށް އިތުބާރު ލިބޭނެ ކަމެއް ކަމަށްވާތީ އެވެ.
"ރާއްޖެ އަކީ ވަރަށް ވަރުގަދަ ޓީމެއް. މިއީ އަހަރެމެންނަށް ލިބުނު ކުރިއެރުމާއި އަމިއްލަ ގައުމުގައި އަހަރެމެންގެ ވަރުގަދަކަން ދައްކާލަން ލިބޭ ފުރުސަތެއް" ލަންކާ ގައުމީ ޓީމަށް 50 މެޗު ހަމަކުރުމާ ގާތުގައި ހުރި ސުޖަން ބުންޏެވެ.
ލަންކާގެ ސީނިއާ ގައުމީ ޓީމާ ދެކޮޅަށް އެ ގައުމުގައި ރަސްމީ މެޗެއްގައި ރާއްޖޭން އެންމެ ފަހުން ކުޅުނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގަ އެވެ. އެ ފަހަރުގެ ސެމީ ފައިނަލުގައި ލަންކާގެ ސުގަތަދާސާ ސްޓޭޑިއަމްގައި ރާއްޖެ މޮޅުވީ 1-0 އިންނެވެ.
މި ފަހަރުގެ ފޯ ނޭޝަންސް ކަޕް ކުޅެން ހަމަޖެހިފައި އޮތީ ލަންކާގެ ރޭސްކޯސް ސްޓޭޑިއަމްގަ އެވެ. ލަންކާ އާއި ރާއްޖެ ކުޅޭ މެޗު ފަށަން ހަމަޖެހިފައިވަނީ ރާއްޖެ ގަނޑިން 15:30 ގަ އެވެ.













