އަހަރެމެންގެ ތެރޭގައި ގިނައީ ދަރިންގެ ކިތަންމެ ކުޑަ ކަމަކާ ވެސް ނިކަން ފަސޭހައިން ހާސްވެ ކަންބޮޑުވާ ބެލެނިވެރިންނެވެ. ވާނީވެސް އެހެންތާ އެވެ. ކުދިންނަކީ ގިނަ ފަހަރަށް އެ މީހުންނަށް ކުރެވޭ ކޮންމެ އިހުސާސެއް ފަސޭހައިން ބޭރުކުރެވޭ ބައެއް ނޫނެވެ. ނުވިތާކަށް ބޭނުންވާ ކޮންމެ ކަމެއް ޅަ އުމުރުގައި ބުނެލުމަކީ ވެސް އެ މައުސޫމު ޅަ ސިކުނޑިތަކަށް ކުޅާދާނަ ކަމެއް ނޫނެވެ.
ޕްރީ ސްކޫލް އުމުރަށް އަޅައި އެހެން ކުދިންނާ އެކީ ކުޅެ އެކި ހަރަކާތްތަކުގައި ބައިވެރިވާ އުމުރުފުރައަަށް ދިއުމުން ދަރިފުޅުގެ އުޅުމުގައި އަހަރެމެން އެންމެ ބޭނުން ނުވާ ބައެއް ކަހަލަ އާދަތަކާއި ސިފަތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތުން އެންމެ ގިނަ ބަޔަކު ކުރާ އެއް ޝަކުވާ އަކީ ކުދިން "ޝެއާ" ކުރަން ބޭނުން ނުވުމެވެ. އެހެން ނަމަވެސް "ތިބާ" ކްލިނިކްގައި ޗައިލްޑް ސައިކޮލޮޖިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އަހުސިފާ ހުސެއިން ބުނާ ގޮތުން ހަ އަރުން ދަށުގެ ކުދިން ޝެއާ ނުކޮށްގެން އުޅުމަކީ ހާސްވާންޖެހޭ ކަމެއް ނޫނެވެ.
"ތިން އަހަރާއި ހަަތަރު އަހަރާ ދެމެދު މިއީ ފުރަތަމަ އެހެން ކުދިންނާ އެކީގައި ކުޅެން ފަށާ އުމުރު. އެ އުމުރުގައި އަސްލު ޝެއާރިންގެ މި ކޮންސެޕްޓެއް އެ ކުދިންނަކަށް ނޭނގޭނެ. އެކަމަކު އުމުރުން ހަ އަހަރާ ގާތްވާއިރު ވެސް ބަދަލެއް ނާންނަ ނަމަ އެބައުޅޭ ކޮންމެވެސް ކަހަލަ މައްސަލަ އެއް،" އަހުސިފާ ބުންޏެވެ.
ޝެއާ ކުރުމަކީ ވަރަށް އާދައިގެ ކަމެކޭ ފަހަރެއްގައި ހީވެދާނެ އެވެ. ނަމަވެސް މިއީ ގޭތެރޭގަ އާއި ސްކޫލް މާހައުލުގައި ވެސް ކުދިންނަށް ދަސްކޮށްދީ އަދި އަމަލީ ގޮތުން ކުރުވުން މުހިންމު ކަމެކެވެ. ޝެއާކުރުމުގެ މި ސިފައަކީ ބޮޑުވެގެން އަންނައިރު، އެހެން ކުދިންނާ ގުޅިގެން އެކުގައި އުޅުމާ, ރަހުމަތްތެރިން ހޯދުމާ އަދި އެ ކުއްޖެއްގެ ފުރުސަތު އަންނަން ދެން މަޑުކުރުން ފަދަ މުހިންމު ކަންކަން ކުއްޖާގެ ކިބައިގައި އަށަގަތުމަށް އެހީވެދޭނެ ކަމެކެވެ. ހަމަ އެޔާއެކު ޅަ އުމުރުގައި މި މުހިންމު ސިފަ ދަސްކޮށްދެވިއްޖެ ނަމަ ދޫ ދިނުމާ, ހަމަހަމަވުމާއި, ނާއުއްމީދުވާ ކަންކަމާ ކުރިމަތިލާން ވެސް ކުއްޖާ އަށް ދަސްކޮށްދޭނެ އެވެ.


ކުޑަކުއްޖަކު ބައްޕައާއި އެކީ ކުޅެނީ--
ފަށަންވީ "ޓާން ޓޭކް" ކުރަން ދަސްކޮށްދީގެން
ޝެއާކުރަން ދަސްކޮށްދިނުމުގެ ގޮތުން އެންމެ މުހިންމީ ކުދިންނަށް "ޓާން ޓޭކް" ކުރަން ދަސްކޮށްދިނުން ކަމުގައި އަހުސިފާ ބުންޏެވެ. ޝެއާކުރުމުގެ މި ލަފްޒު ބޭނުން ނުކޮށް ކުދިންނާ އެކީގައި ކުޅޭ ވަގުތުތަކުގައި ހަމަހަމައަށް ދެ މީހުންނަށް ވަކި އެއްޗަކާ ކުޅެލުމަށް ވަގުތު ބަހާލައިގެން ދެވިދާނެ އެވެ.
ގިނަ ފަހަރުތަކުގައި ދަރިފުޅު ގެންގުޅޭ އެއްޗެއް އެހެން ކުއްޖަކާ ޝެއާކުރަން ބޭނުން ނުވިއަސް ގަދަކަމުންވެސް އެ އެއްޗެއް ޝެއާ ކުރުމަށް ބެލެނިވެރިންނަށް ބާރު އެޅެ އެވެ. ނަމަވެސް މިއީ ކުއްޖާއަށް ކުރިމަތިވާނެ ވަރަށް ބޮޑު "ޑިސަޕޮއިންޓްމަންޓް" އެއް ކަމަށް އަހުސިފާ ބުންޏެވެ. މިފަދަ ހާލަތްތަކުގައި އެހެން އަމަލު ކުރުމުގެ ބަދަލުގައި ކުއްޖާ އަށް އެ ނިންމުން ނިންމަން ފުރުސަތު ދޭން ޖެހެ އެވެ. އަދި ކުއްޖާ އާއި ވާހަކަ ދައްކާ ޝެއާކުރާ ހިތްވާ އިރަކުން ޝެއާކުރަން ހިތްވަރުދޭން ޖެހެ އެވެ.
"ކުއްޖާއަށް އޮޕްޝަން ދެވިދާނެ މިސާލަކަށް އަނެއް ކުއްޖާ އަތުގައި އޮވެދާނެ ހަމަ މި ކުއްޖާގެ ވަރަށް ފޭވަރިޓް ޓޯއީއެއް. އެހެންވީމަ ބުނެވިދާނެ މިސާލަކަށް ތި ޓޯއީ ޝެއާ ކޮށްފިއްޔާ ލިބިދާނެ އެ ޓޯއީ. އެކަހަލަ ގޮތަކަށް،" ކުދިންނަށް ޝެއާރިންގެ ކޮންސެޕްޓް ދަސްކޮށްދޭންވީ ގޮތް ކިޔައިދެމުން އަހުސިފާ ބުންޏެވެ.
އެހެން ކުދިންނާ ގުޅިގެން އުޅުމަށް ދަސްކޮށްދިނުމަށް ކުރެވިދާނެ ކަންތައްތައް
- އަބަދުވެސް ރަނގަޅު އަހުލާގު ކުދިންގެ މާހައުލުގައި ދައްކައިދިނުން: ޝެއާކުރަން ކުއްޖާއަށް އުނދަގޫވާހެން ހީވާނަމަ ގޭތެރޭގައި ބޮޑެތި މީހުން އެކަކު އަނެކަކަށް އެއްޗެހި ޝެއާކޮށް, އެހީވެދީ އުޅޭ މާހައުލެއް ކުއްޖާއަށް ދައްކައި ދިނުން
- ޝެއާކުރަން ކުއްޖާއަށް ފުރުސަތު ދިނުން
- ޝެއާ ކުރުމުން އެކަމުގެ އަގުވަޒަންކޮށް އުފާވުން
- ކުދިންނާއި އެކީގައި އެކުދިންގެ ކުޅޭ އެއްޗެހިން ކުޅެ ކޮލިޓީ ވަގުތުކޮޅެއް ހޭދަކުރުން
"އަބަދުވެސް ހަނދާނުގައި ބެހެއްޓުން މުހިންމު ބެލެނިވެރިންނާ ގާތްކޮށް ބޮޑުވާ ކުއްޖަކީ އުފާވެރި ކުއްޖެއް. އެހެންވީމަ ކުދިންނާއި އެކީ ކޮންމެ ދުވަހަކުވެސް އެ ކުދިންގެ ލެވެލް އަށް އައިސް އެ ކުދިންގެ އެއްޗެހިން ކުޅެ އުފާވެރި ވަގުތު ކޮޅެއް ހޭދަ ކުރުން ވަރަށް މުހިންމު. އެ ވަގުތަކީ އަސްލު ވަރަށް ބައިވަރު ސްކިލްސް ކުދިންނަށް ދަސްކޮށްދެވޭ ވަގުތުކޮޅެއް،" އަހުސިފާ ބުންޏެވެ.







