ބާސެލޯނާ (ނޮވެމްބަރު 8) - ބާސެލޯނާގެ ކޯޗުކަމާ ހަވާލުވާން ނިންމުމުގެ ކުރިން ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗަކަށްވުމުގެ ހުށަހެޅުމެއް ލިބުނު ކަމަށް މިއަދު ރަސްމީކޮށް ބާސެލޯނާގެ ކޯޗަކަށް ވާން ކޮންޓްރެކްޓްގައި ސޮއިކުރި މަޝްހޫރު ތަރި ޒަވީ ހެނާންޑޭޒް ބުނެފި އެވެ.
ޒަވީގެ ކޮންޓްރެކްޓް އުވާލަން އޭނާ ކުރިން ކޯޗުކޮށްދެމުން އައި ގަތަރުގެ ކްލަބް އަލް ސާދުން ނިންމީ މިިދިޔަ ހުކުރު ދުވަހު އެވެ. އެއީ ޒަވީގެ ކޮންޓްރެކްޓްގައިވާ ބާކީ ފައިސާ ބާސެލޯނާ އިން ދައްކާ ގޮތަށް އެއްބަސްވުމުންނެވެ.
ޒަވީ ވަނީ މިއަދު ރަސްމީކޮށް ބާސެލޯނާއާ އެކު ކޮންޓްރެކްޓްގައި ސޮއިކުރިިއިރު، މި އެއްބަސްވުން ކުރިއަށްދާނީ 2024 ވަނަ އަހަރަށެވެ. މި އެއްބަސްވުމުގެ ދަށުން ޒަވީ އަށް މި ސީޒަނުގެ ބާކީބައިގެ އިތުރުން އަދި ދެ ފުލް ސީޒަނުގައި ބާސެލޯނާގެ ކޯޗުގެ ގޮތުގައި ދެމިހުރެވޭނެ އެވެ.
ދިގު ކޮންޓްރެކްޓެއް ނުލިބުނު ކަމުގައި ވިޔަސް ޒަވީ ހުރީ އޭނާގެ ހަޔާތުގެ ބޮޑުބައި ހޭދަކުރި ކްލަބާ ހަވާލުވާން ލިބުނު ފުރުސަތުގެ ބޭނުންހިފައި ބޮޑު ހިތްހަމަޖެހުމެއް ހޯދައިގެންނެވެ.
ޒަވީ ބުނީ ބާސެލޯނާ އަކީ ދުނިޔޭގެ އެންމެ ބޮޑު ކްލަބް ކަމަށާއި އެ ޓީމާ ހަވާލުވާން ނިންމީ ބައެއް ހުށަހެޅުންތަކަކަށް ފުރަގަސް ދިނުމަށް ފަހު އެވެ.
"ތެދު ވާހަކައެއް އެއީ. ބްރެޒިލްގެ ފެޑެރޭޝަނުގެ މަޝްވަރާތަކެއް ދިޔަ. އެ މީހުން ހުށަހެޅީ މި ވަގުތު ބްރެޒިލްގެ ކޯޗު ޓީޓޭގެ އެސިސްޓަންޓް ކޯޗަކަށް ދިއުމަށް ފަހު އަންނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ރަސްމީކޮށް ބްރެޒިލްގެ ހެޑް ކޯޗުކަމާ ހަވާލުވާން. އެކަމަކު އަހަރެން އިންތިޒާރުކުރީ ބާސެލޯނާގެ ރަނގަޅު އޮފާ އަކަށް،" ބާސެލޯނާގެ ކޯޗެއްގެ ގޮތުގައި މީޑިއާއާ ކުރިމަތިލި ފުރަަތަމަ ފަަަަހަރު ސުވާލަކަށް ޖަވާބު ދެމުން ޒަވީ ބުންޏެވެ.
ޒަވީ ބުނީ ބާސެލޯނާ ކުރިން އޮތް ލެވަލަށް ގެންދަން ކުރަން ޖެހޭ މަސައްކަތް ޝައުގުވެރިވާ އެންމެ ބޮޑު ސަބަބަކީ މީގެ އޮތް ރިސްކު ވެސް ބޮޑުކަމުން ކަމަށެވެ. އަދި އޭނާގެ ނަޒަރުގައި ބާސެލޯނާ އަކީ ކޮންމެ މެޗަކުން ވެސް މޮޅުވާން ޖެހޭ ލެވަލްގެ ޓީމެއް ކަމަށް ވަނީ ބުނެފަ އެވެ.
"އަހަރެމެން މި ދައްކަނީ ދުނިޔޭގެ އެންމެ ބޮޑު ކްލަބް (ބާސެލޯނާ)ގެ ވާހަކަ. އެހެންވީމަ މި ޓީމު (ބާސެލޯނާ) މޮޅުވާންޖެހޭ،"

ޒަވީ (ކ) ބާސެލޯނާގެ ރައީސް ލަޕޯޓާއާ އެކު ކްލަބްގެ ޖޯޒީ ދައްކާލަނީ.
މީގެ ކުރިން ބާސެލޯނާ އިން ސަޕޯޓަރުންގެ ކުރިމަތީގައި އާ ކޯޗުން ތައާރަފެއް ނުކުރެ އެވެ. އެކަން ކުރަނީ މަޝްހޫރު ކުޅުންތެރިއެއްގެ ސޮއި ހޯދުމަށް ފަހު އެވެ. އެކަމަކު، ޒަވީ، 41، ރަސްމީކޮށް ބާސެލޯނާގެ ކޯޗެއްގެ ގޮތުގައި ތައާރަފްކުރީ ސަޕޯޓަރުންގެ ކުރިމަތީގަ އެވެ. އެ ގޮތުން ޒަވީ އަށް މަރުހަބާ ކިޔަން 10،000 އަށް ވުރެ ގިނަ ސަޕޯޓަރުން ވަނީ ބާސެލޯނާގެ ދަނޑަށް ވަދެފަ އެވެ.
"(ޒަވީ ޓީމާ ހަވާލުވުން) މިއީ ބާސެލޯނާގެ ތާރީހުގައި އަބަދު ވެސް ހާއްސަ ދުވަހަކަށް ވާނެ،" ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވި އެވެ.
މީގެ ކުރިން ޒަވީ އަށް ދެ ފަހަރެއްގެ މަތިން ބާސެލޯނާގެ ކޯޗުކަމާ ހަވާލުވާން ލިބުނު ހުށަހެޅުން އޭނާ ގަބޫލެއް ނުުކުރި އެވެ. އެއީ އަމިއްލަ ސަަބަބުތަކަށްޓަކަ އެވެ. އެކަމަކު، ބާސެލޯނާގެ ރައީސް ލަޕޯޓާއާ ގާތްގުޅުމެއް އޮންނަ ޒަވީ ވަނީ މި ފަހަރު ބާސެލޯނާގެ ހުށަހެޅުން ލިބުމާ އެކު ފުރުސަތުގެ ބޭނުން ހިފަން ނިންމައި ރަސްމީކޮށް އެކަން މީޑިއާގައި ވެސް ހާމަކޮށްފަ އެވެ.
ބާސެލޯނާގެ މަޝްހޫރު ލަ މާސިއާ އެކެޑަމީން ތަމްރީންވި ޒަވީ ވަނީ ބާސެލޯނާގެ ސީނިއާ ޓީމަށް 779 މެޗު ކުޅެ، އެ ޓީމާއެކު 25 ތަށި ހޯދައިފަ އެވެ. ޒަވީ، ބާސެލޯނާ ދޫކޮށް އަލް ސާދަށް ބަދަލުވީ 2015 ވަނަ އަހަރެވެ. ޒަވީގެ ކެރިއަރުގެ ފަހު ހަތަރު އަހަރު އޭނާ ކުޅުނީ އަލް ސާދަށެވެ.
ކުޅުން ހުއްޓާލުމަށް ފަހު، އަލް ސާދުގެ ކޯޗުކަމާ ޒަވީ ހަވާލުވީ 2019 ވަނަ އަހަރެވެ. މިދިޔަ ސީޒަންގެ ގަތަރު ލީގު އަލް ސާދުން ކާމިޔާބުކުރީ ޒަވީގެ އިރުޝާދުގެ ދަށުންނެވެ. ކޯޗިން ކެރިއަރުގައި ޒަވީ ވަނީ އަލް ސާދާ އެކު ޖުމްލަ ހަތް ޓްރޮފީ އުފުލާލައިފަ އެވެ.
ޒަވީގެ ކޯޗުކަމުގައި ބާސެލޯނާ ކުޅޭނެ ފުރަތަމަ މެޗު އޮންނާނީ އިންޓަނޭޝަނަލް ބްރޭކަށް ފަހު އެވެ. ފުރަތަމަ މެޗުގައި މި މަހު 20 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ބާސެލޯނާ ބައްދަލުކުރާނީ އެސްޕަންޔޯލާ އެވެ.












