މެޑްރިޑް (8 ނޮވެމްބަރު) - މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ވެލެންސިއާ އިން ޖެހި ދެ ލަނޑާއެކު، ސްޕެނިޝް ލަ ލީގާގާއި ރޭ އެތުލެޓިކޯ މެޑްރިޑާއި ވެލެންސިއާ ބައްދަލުކުރި މެޗު 3-3 އިން އެއްވަރުވެއްޖެ އެވެ.
ވެލެންސިއާގެ ދަނޑުގައި ކުޅުނު މެޗުގައި އެތުލެޓިކޯ އަށް ލީޑު ހޯދައިދިނީ ތަޖުރިބާކާރު ފޯވަޑް ލުއިސް ސުައަރޭޒް އެވެ. އެކަމަކު މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު އެތުލެޓިކޯގެ ސްޓެފާން ސަވިޗްގެ އަތުން ބައިކޮޅަށް ވަތް ލަނޑާއެކު، މެޗުގެ ނަތީޖާ އެއްވަރުވި އެވެ.
އެންޓުއާން ގްރީޒްމަނާއި ސީމޭ ވިރްސަލްޖްކޯ ޖެހި ލަނޑުތަކާއެކު އެތުލެޓިކޯ އިން 3-1ގެ ލީޑެއް ނެގުމާއެކު، އެ ޓީމު މެޗުން ތިން ޕޮއިންޓް ހޯދާނެ ކަމަށް ބެލެވުނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ވެސް އޮތީ މި ނަތީޖާ އެވެ.
އެކަމަކު މެޗުގެ އިތުރު ވަގުތުގައި، އެތުލެޓިކޯ ސިއްސުވާލައި، ވެލެންސިއާ އިން ވަނީ ދެ ލަނޑު ޖަހައި، މެޗުގެ ނަތީޖާ 3-3 އަށް ބަދަލުކޮށްލައިފަ އެވެ. މެޗުގެ އިތުރު ވަގުތުގައި ވެލެންސިއާގެ ދެ ލަނޑު ވެސް ޖެހީ ހޫގޯ ޑޫރޯ އެވެ.
މިއީ އެތުލެޓިކޯ ކުޅުނު ހަ މެޗުގެ ތެރެއިން އެ ޓީމު ކޮޅަށް ދެ ލަނޑު ނުވަތަ އެއަށްވުރެ އިތުރަށް ވަތް ފަސް ވަނަ މެޗެވެ. ހަ މެޗުން އެތުލެޓިކޯ އަށް ލިބުނީ އެންމެ މޮޅެކެވެ.
އެތުލެޓިކޯގެ ކެޕްޓަން ކޯކޭ ބުނީ މެޗުގެ ފަހު ވަގުތުު އެ ޓީމު ކޮޅަށް ލަނޑުތަކެއް ވަނީ "ސަމާލުކަން ގެއްލުމުން" ކަމަށެވެ.
"މިވީ ގޮތް ބުނެދޭން ވަރަށް އުނދަގޫ. އަހަރެމެން ޖެހޭ މިއަށްވުރެ ބޮޑަށް މެޗަށް ސަމާލުކަންދޭން،" ކޯކޭ ބުންޏެވެ.
މި މެޗުގެ ނަތީޖާއާއެކު އެތުލެޓިކޯ އޮތީ ތާވަލްގެ ހަތަރު ވަނައިގަ އެވެ. ތާވަލްގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާއި އެތުލެޓިކޯއާދެމެދު ހަތަރު ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.
މި ފަހަކަށްއައިސް، ނަތީޖާތައް ރަނގަޅުކުރަމުންދާ ވެލެންސިއާ އޮތީ ތާވަލްގެ 10 ވަނައިގަ އެވެ. -- އޭއެފްޕީ












