އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ބަހުސް ރައްޔިތުންގެ މަޖިލީހުގައި މިއަދު ފަށައިފި އެވެ.
މަޖިލީހުގެ މިއަދު ޖަލްސާގައި ބަޖެޓު ބަހުސް ފެށިއްޖެ ކަމަށް އިއުލާނުކުރައްވަމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ އެހެން އަހަރު ތަކެކޭ އެއް ފަދައިން މިއަހަރު ވެސް ބަޖެޓު ބަހުސް ރޭގަނޑު ވެސް ޖަލްސާ ބާއްވައިގެން ކުރިއަށް ގެންދަވާނެ ކަމަށެވެ.
އެގޮތުން، ވިދާޅުވީ ބަހުސް ކުރައްވަން އެދިވަޑައިގަންނަވާ މެމްބަރުންގެ ނިސްބަތަށް ބައްލަވައި، ބުދަ ދުވަހުގެ ރޭގަނޑާ ހަމައަށް ބަހުސް ކުރިއަށް ގެންދަވަން ގަސްދުކުރައްވާ ކަމަށެވެ.
އެހެން އަހަރުތަކެކޭ އެއް ގޮތަށް މި އަހަރު ވެސް ބަޖެޓަށް ބަހުސް ކުރުމަށް ކޮންމެ މެމްބަރަކަށް ގިނަވެގެން 15 މިނެޓުގެ ވަގުތެއް މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ކަނޑައަޅައިފަ އެވެ.

ބަޖެޓު ދިރާސާ ކޮމިޓީން އެ ބަޖެޓު ދިރާސާ ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެ ރިޕޯޓު މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން ރިޔާސަތަށް ފޮނުވަންޖެހޭނެ އެވެ.
އެ ރިޕޯޓު ތަޅުމަށް އައުމަށްފަހު، އެ ރިޕޯޓުގެ ބަހުސް މަރުހަލާގައި ކޮންމެ މެމްބަރަކަށް އިތުރު ހަތް މިނެޓުގެ ވަގުތެއް ދޭން ވަނީ ނިންމައިފަ އެވެ.
އެ ރިޕޯޓަށް ބަހުސްކޮށް ނިންމައި، މި މަހުގެ ނިޔަލަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ފާސްކުރަން މަޖިލީހުން ވަނީ އަމާޒު ހިފައިފަ އެވެ.
ބަޖެޓު 2022 ގެ ހުލާސާ
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އޭގެ ތެރޭގައި 24.8 ބިލިއަން ރުފިޔާ ރިކަރަންޓް ހަރަދުގެ ގޮތުގައި ހިމަނާފައިވާއިރު، ކެޕިޓަލް ހަރަދުގެ ގޮތުގައި ހަރަދުވާނެކަމަށް ލަފާކޮށްފައިވަނީ 12.1 ބިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓްރީން ލަފާކުރާ ގޮތުގައި އަންނަ އަހަރު އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި 24.3 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ އެވެ.
އެހެންކަމުން އަންނަ އަހަރަށް ހުށަހަޅާފައިވަނީ 9.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.
ނަމަވެސް، އޭގެ ތެރޭގައި ލޯނު އަނބުރާ ދެއްކުމުގެ ބައި ނުހިމެނޭތީ، ލޯނު އަނބުރާ ދެއްކުމަށް 2.9 ބިލިއަން ރުފިޔާގެ އިތުރުން އެހެނިހެން ކަންކަމަށް އިތުރު 805 މިލިއަން ރުފިޔާ ބޭނުންވާކަމަށް ވަނީ ލަފާކޮށްފަ އެވެ.
އެއާއެކު އަންނަ އަހަރުގެ ބަޖެޓު ފިނޭންސް ކުރުމަށްޓަކައި ޖުމްލަ 13.4 ބިލިއަން ރުފިޔާ ހޯދަންޖެހެ އެވެ.
އެގޮތުން ބޭނުންވާ އަދަދުގެ 7.5 ބިލިއަން ރުފިޔާ ބޭރުގެ އެކި ފަރާތްތަކުން ހޯދަން ހިމަނާފައިވާއިރު، ބާކީ ހަމަޖައްސަނީ އެތެރޭގެ ފަރާތްތަކަށް ބޮންޑާއި ޓީ ބިލު ފަދަ ސެކިއުރިޓީޒް ވިއްކައިގެންނެވެ.












