ލަންޑަން (ނޮވެމްބަރު 8) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ކުޅުނު ވެސްޓް ހޭމް ޔުނައިޓެޑުން 3-2 އިން ލިވަޕޫލް ބަލިކޮށް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.
މިއީ މި ފަހަރު ލީގުގައި ލިވަޕޫލް ބަލިވި ފުރަތަމަ ފަހަރެވެ. އަދި އެންމެ ފަހުން ކުޅުނު 25 މެޗަށް ފަހު އެ ޓީމު ބަލިވި ފުރަތަމަ ފަހަރު ވެސް މެ އެވެ. މި މެޗުން ލިވަޕޫލް، ބަލިނުވެ ފަރުޖައްސާލިނަމަ އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބަލިނުވެ 26 މެޗު ހަމަކޮށް ރެކޯޑެއް ގާއިމްކުރުމުގެ ފުރުސަތު އޮތެވެ. އެކަމަކު، ވެސްޓް ހޭމް އިން ވަނީ ރަނގަޅު އޮގަނައިޒް ކުޅުމެއް ދައްކައި ލިވަޕޫލް ބަލިކޮށްފަ އެވެ.
އިންޓަނޭޝަނަލް ބްރޭކަށްދާއިރު، އިނގިރޭސި ޕްރިމިއާ ލީގުގެ ކޮންމެ ޓީމެއް ވެސް ވަނީ 11 މެޗު ކުޅެފަ އެވެ. ޗެލްސީ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާ އެކު އޮތީ ޖުމްލަ 26 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ 23 ޕޮއިންޓާ އެކު އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އެވެ. ވެސްޓް ހޭމް ވެސް ވަނީ 23 ޕޮއިންޓް ހޯދައިފަ އެވެ. ލިވަޕޫލް ހަތަރެއްގައި އޮތީ 22 ޕޮއިންޓާ އެކު އެވެ.
މިރޭ އެމިލް ސްމިތު ރޯވްގެ ގޯލުން 1-0 އިން ވަޓްފޯޑް ބަލިކުރި އާސެނަލް ވަނީ ފަސް ވަަނަ އަށް ޖެހިލައިފަ އެވެ. ފަސް ވަަނައިގައި އޮތް އާސެނަލަށް 20 ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނައިގައި މެންޗެސްޓާ ޔުނައިޓެޑް އޮތީ 17 ޕޮއިންޓާ އެކު އެވެ.
ލަންޑަން އޮލިމްޕިކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގައި ވެސްޓް ހޭމް އިން ލީޑުނެގީ ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ޕަބްލޯ ފޯނާލްސް ނެގި ކޯނަރު އެލިސަން އަތުގައި ޖެހިފައި ބައިކޮޅަށް ވަންއިރު، އޭނާ ވަނީ ވެސްޓް ހޭމްގެ ޑިފެންޑަރު އެންޖެލޯ އޮގްބޯނާ އާއި މިކޭލް އެންޓޯނިއޯ ފައުލުކުރި ކަމަށް ބުނެފަ އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދައި ނިންމީ ގޯލު ބަލައިގަންނާށެެވެ.
މެޗުގެ 41 ވަަނަ މިނިޓްގައި ލިވަޕޫލަށް އެއްވަރުކޮށްދިނީ ހިލޭ ޖެހުމަކުން ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ޖެހި މޮޅު ގޯލުންނެވެ. ދެ ވަނަ ހާފް ފެށިގެން ލިވަޕޫލަށް ލީޑުނަގައިދޭން ސަޑިއޯ މާނޭ ޖެހި ބޯޅަ ވެސްޓް ހޭމް ކީޕަރު ލޫކަސް ފަބިއަންސްކީ ވަނީ މަތަކޮށްފަ އެވެ.
އޭގެ ފަހުން ކައުންޓަ އެޓޭކެއްގައި ފޯނާލްސް ވަނީ ވެސްޓް ހޭމަށް އަލުން ލީޑުނަގައިދީފަ އެވެ. މެޗުގެ 67 ވަނަ މިނިޓްގައި ފޯނާލްސް އަށް މި ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޖެެރޮޑް ބޮވެން އެވެ. ފޯނާލްސް ޖެހި ބޯޅަ ގޯލަށް ވަނީ ކީޕަރު އެލިސަން އަތުގައި ޖެހިފަ އެވެ.
ވެސްޓް ހޭމް އިން ތިން ވަނަ ގޯލު ޖެހީ މެޗުގެ 74 ވަނަ މިނިޓްގަ އެވެ. ކޯނަރަކުން އޭރިއާތެެރެއަށް ހުރަސްވި ބޯޅަ ހަމަޖެހިލާފައި ގޯލުގެ ތެެރެއަށް ފޮނުވާލީ މި ސީޒަނުގައި ޗެލްސީ ދޫކޮށް ވެސްޓް ހޭމަށް ބަދަލުވި ފްރާންސްގެ ޑިފެންޑަރު ކާޓް ޒޫމާ އެވެ.
ބަދަލުތަކެއް ގެނެސްގެން ލިވަޕޫލުން މެޗުގެ ތެރެއަށް ވަންނަން ކުރި މަސައްކަތުގައި މެޗުގެ 84 ވަނަ މިނިޓްގައި ޑިވޮކް އޮރީގީ ވަނީ ލިވަޕޫލަށް ގޯލެއް ޖަހައި އުއްމީދެއް ހޯދައިދީފަ އެވެ. މެޗުގެ އިތުރު ވަގުތުގައި ލިވަޕޫލަށް އެއްވަރުކޮށްދޭން މާނޭ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ހިލޭ ޖެހުމަކުން އާނޯލްޑް ނަގައިދިން ބޯޅަ އޭރިއާތެރެއިން ހުސްކޮށް ލިބުމުން މާނޭ ވެއްޓިގެންފައި ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.
ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގައި ޓޮޓެންހަމް އިން ކުޅުނު ފުރަތަމަ ލީގު މެޗުން އެ ޓީމު ވަނީ އެވަޓަންއާ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ލީޑްސް ޔުނައިޓެޑް ދަނޑުގައި ލެސްޓާ ސިޓީ ވަނީ 1-1 އިން އެއްވަރުވެފަ އެވެ.












